އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި، ވާހަކަދައްކައިގެން ހައްލު ހޯދައިދޭނެ މީޑިއޭޓަރުން ތަމްރީނުކުރަނީ

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން --- ފޮޓޯ: ހެލްތް މިނިސްޓްރީ

އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި، ވާހަކަދައްކައިގެން ހައްލު ހޯދައިދޭނެ މީޑިއޭޓަރުން ތަމްރީނުކުރާ "ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީއާއި ޔުނިސެފްގެ އިތުރުން ފެމިލީ ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ދަށުން ހިންގާ މުހިންމު މަސައްކަތެއް ކަމަށެވެ.

އެކަމަށް ޚާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާއިލީ މައްސަލަތައް ހައްލުކުރުމާ ގުޅޭ ދިރާސާ ރިޕޯޓެއް ވަނީ އިފުތިތާހުކޮށްފައެވެ. އެ ރިޕޯޓް އިފުތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު ގީލާ ޢަލީއެވެ. އަދި ގައުމީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ.

މިނިސްޓްރީން ބުނީ އެ ދިރާސާ ރިޕޯޓަކީ އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ އެ ކަންކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އެ ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމަކީ އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން --- ފޮޓޯ: ހެލްތް މިނިސްޓްރީ

މިނިސްޓްރީން ބުނީ އެ ދިރާސާ ރިޕޯޓުގެ ހޯދުންތަކުން ދައްކާ ގޮތުގައި ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެ ކުދިންގެ ކުރިއެރުން ސީދާ ގޮތެއްގައި ގުޅިފައިވަނީ އަންހެނުން ނުވަތަ އެ ކުދިން ބަލަހައްޓާ ފަރާތްތަކުގެ ތަޖުރިބާތަކާ ކަމަށެވެ. އިންސާނާގެ ހަޔާތުގެ ހުރިހާ މަރުހަލާއެއްގައި ވެސް ނާޒުކު ހާލަތްތައް ކުރިމަތިވާކަން މި ދިރާސާގައި ފާހަގަކޮށްފައިވާއިރު، ކައިވެނީގެ ކުރިންނާއި ކައިވެނީގެ ތެރޭގައާއި ދެމަފިރިން ވަކިވާ މަރުހަލާގެ އިތުރުން ވަރިވުމަށްފަހު ވެސް އާއިލާތަކަށް ނާޒުކު ހާލަތްތައް ދިމާވާ އާއްމު ގޮތްތައް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހުރިހާ އާއިލީ ދިރިއުޅުމުގެ އެންމެހާ މަރުހަލާއެއްގައި ވެސް އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މުއާމަލާތް ކުރުން ކުޑަވުން ނުވަތަ މުއާމަލާތް ކުރުމުގައި ހުރި ހުރަސްތައްކަން ދިރާސާއިން ހާމަވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމުގެ ސަބަބުން ކުޑަކުދިން އިތުރަށް ނާޒުކު ހާލަތްތަކަށް ހުށަހެޅޭކަން ވެސް މި ދިރާސާ ރިޕޯޓުގައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ މިހާރު ފެށި މަސައްކަތަކީ އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ދިވެހި ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ތަަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި އެކަކު އަނެކަކަށް އަޅާލައި އޯގާތެރި މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ތަސައްވުރު ބިނާވެފަވަނީ ބަދަހި މުޖުތަމައެއްގެ ބިންގަލަކީ ބަދަހި އާއިލާތައް ކަމަށް ގަބޫލުކުރުން. އަދި ކޮންމެ ކުއްޖަކީވެސް ލޯތްބާއި ރައްކާތެރިކަމާއި އެހީތެރިކަން ލިބޭނެ މާހައުލެއްގައި ބޮޑުވުމުގެ ހައްގު ލިބިގެންވާ ކުއްޖެއްކަން ބަލައިގަތުން. އެހެންކަމުން މި ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކީވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުންހެލްތް މިނިސްޓަރު ގީލާ އަލީ

މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެމިލީ ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ފަދަ ކަމާގުޅުންހުރި މުހިންމު މުއައްސަސާތަކާ ގުޅިގެން ކަމަށެވެ. އަދި މި ޕްރޮގްރާމް ތައްޔާރުކޮށް ފުރިހަމަކުރަމުންދަނީ ޔުނިސެފް މޯލްޑިވްސް ފަރާތުން ލިބިފައިވާ ފަންޑިންގެ ތެރެއިންކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާޓުގެ ތެރެއިން --- ފޮޓޯ: ހެލްތް މިނިސްޓްރީ

ހެލްތު މިނިސްޓްރީން ބުނީ "ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް"ގެ މައިގަނޑު މަގްސަދަކީ އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި ވާހަކަދައްކައިގެން ސުލްހަވެރި ހައްލު ހޯދައިދޭނެ ގާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުން ކަމަށެވެ. އެ ޕްރޮގްރާމުގެ "ޓްރެއިނިން އޮފް ޓްރެއިނާސް"ގެ ބައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މީޑިއޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ޖުލައި މަސްތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ތަމްރީނުތަކުގައި ފެމިލީ ކޯޓާއި ޖުޑިޝަލް އެކެޑަމީ ފަދަ މުއައްސަސާތަކުން ބައިވެރިވާއިރު ތަމްރީނު ފުރިހަމަކުރާ ފަރާތްތަކުގެ ދަފުތަރެއް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެކުލަވައިލުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ސަބަބުން އާއިލީ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ސަގާފަތެއް އަށަގަނެ ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އާއިލީ މައްސަލަތައް ކޯޓުން ބޭރުގައި ވާހަކަދައްކައިގެން ހައްލުކުރުމަށް، "ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ވަނީ ރަސްމީކޮށް ފަށާފައެވެ. މި ޕްރޮގްރާމަކީ ހެލްތު މިނިސްޓްރީއާއި ޔުނިސެފް އަދި ޝަރުއީ ދާއިރާ ގުޅިގެން ހިންގާ މުހިންމު މަޝްރޫއެކެވެ. މީގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އާއިލީ ގުޅުންތައް ބަދަހިކުރުމެވެ. މި ރަސްމިއްޔާތުގައި އާއިލީ މައްސަލަތަކާ ގުޅޭ ޚާއްސަ ދިރާސާ ރިޕޯޓެއްވެސް ވަނީ ނެރެފައެވެ.

  • ހެލްތު މިނިސްޓްރީއާއި، ޔުނިސެފް، ފެމިލީ ކޯޓު އަދި ޑީޖޭއޭ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
  • މައްސަލަތައް އުފެދުމުގެ މައިގަނޑު ސަބަބަކީ މުއާމަލާތްކުރުމުގެ ދަތިކަންކަމަށް ދިރާސާއިން ދައްކައެވެ.
  • މީޑިއޭޓަރުން ތަމްރީނުކުރުމުގެ މައިގަނޑު ޕްރޮގްރާމް އަންނަ ޖުލައި މަހު ފަށާނެއެވެ.
  • ތަމްރީނު ފުރިހަމަކުރާ ފަރާތްތަކުގެ ޚާއްސަ ދަފުތަރެއް ޑީޖޭއޭއިން އެކުލަވައިލާނެއެވެ.
  • ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުމުގެ ސަގާފަތެއް އުފެއްދުން.
  • އާއިލީ މައްސަލަތަކުގައި ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުން.
  • ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާބިލު މީޑިއޭޓަރުން އުފެއްދުން.
comment ކޮމެންޓް