ސެމްސަންގް ކުންފުނިން އެ ކުންފުނީގެ ދުޅަހެޔޮކަމާ ގުޅޭ އެޕްލިކޭޝަން "ސެމްސަންގް ހެލްތު" އަށް ގެނައި ބޮޑު އަޕްޑޭޓާއެކު، އާންމުންނަށް ހިތުގެ ވިންދާއި ނޭވާލާ ރޭޓް ފުރިހަމައަށް ބަލައިލެވޭނެ އައު ފީޗާތަކެއް ތައާރަފްކޮށްފިއެވެ.
މި މަހުގެ ކުރީކޮޅު ނެރުމަށް ތާވަލުކުރި ނަމަވެސް، ކުޑަކޮށް ލަސްވުމަށްފަހު މިހާރު ދުނިޔޭގެ އެކި ހިސާބުތަކަށް މި އަޕްޑޭޓް އަންނަނީ ލިބެމުންނެވެ. މި ބަދަލާއެކު އެޕްލިކޭޝަންގެ ބޭނުންކުރާ ފަރާތްތަކަށް ސިއްހީ ގިނަ މައުލޫމާތުތަކެއް ވަގުތުން ވަގުތަށް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ފަހަރުގެ އަޕްޑޭޓްގައި އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ ރޭގަނޑު ނިދާފައި އޮންނަގަޑީގައި ހަށިގަނޑުގެ މުހިންމު ސިގްނަލްތައް ބަލައިދޭ "ވައިޓަލްސް" ފީޗާއެވެ. މީގެ އެހީގައި ހިތުގެ ވިންދު ޖަހާ މިންވަރާއި، ނޭވާލާ ރޭޓާއި، ހަށިގަނޑުގެ ފިނިހޫނުމިނުގެ އިތުރުން ލޭގައި އޮކްސިޖަން ހުރި މިންވަރު ދެނެގަނެވޭނެއެވެ. އަދި އާންމު ހާލަތަށްވުރެ އެއްވެސް ބަދަލެއް އައިސްފިނަމަ މި ފީޗާގެ އެހީގައި އެލާޓް ފޮނުވައިދޭނެއެވެ.
މީގެ އިތުރުން "ހާޓް ހެލްތު ސްކޯ" ގެ ނަމުގައި އައު މެޓްރިކެއް ވެސް ވަނީ ހިމަނާފައެވެ. މިއީ މީހާގެ ނިދުމާއި، ސްޓްރެސް ހުރި މިންވަރާއި، ކުރާ ކަސްރަތުތަކުގެ އިތުރުން ހަށިގަނޑުގެ ބޮޑުމިނަށް ބަލައި، ހިތުގެ ދުޅަހެޔޮކަން ހުރި ގޮތުގެ ދުވަހު ރިޕޯޓެއް އެއް ފާހަގައަކުން ދައްކާލާ ފީޗާއެކެވެ. މީގެ ސަބަބުން އަމިއްލަ ސިއްހަތަށް ސަމާލުކަންދޭން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
ހަމައެއާއެކު ކަސްރަތުކުރާ މީހުންނަށް ޚާއްސަކޮށްގެން "ޑެއިލީ ކާޑިއޯ ލޯޑް" އާއި "ފިޓްނަސް އިންޑެކްސް" ވެސް މި އަޕްޑޭޓްގައި ހިމަނާފައިވެއެވެ. މީގެއިން މީހާގެ ހިތަށް ކަސްރަތުގެ ސަބަބުން ކުރާ ބާރު ދެނެގަނެ، އެންމެ އެކަށީގެންވާ ކަސްރަތުގެ މިންވަރާއި އަރާމުކުރަންވީ ވަގުތު ބުނެދެއެވެ.
މި އައު ފީޗާތައް މިހާރު ލިބެމުންދަނީ ސެމްސަންގްގެ އެންމެ ފަހުގެ ވަން ޔޫއައި 9.0 ބީޓާ ސޮފްޓްވެއާ ހިންގާ ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތަކަށެވެ. އަދި މި ފީޗާތައް ފުރިހަމައަށް ބޭނުންކުރެވޭނީ ސެމްސަންގް ގެލެކްސީ ވޮޗް 7 ނުވަތަ އެއަށްވުރެ ފަހުގެ ސްމާޓް ގަޑިތަކާ ގުޅުވައިގެންނެވެ.
ކުރިއަށް އޮތް ޖުލައި މަހުގެ 22 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެމްސަންގް އަންޕެކްޑް އިވެންޓްގައި ތައާރަފްކުރާ ގެލެކްސީ ވޮޗް 9 ސީރީޒްއާއެކު މި ފީޗާތައް ރަސްމީކޮށް ހުރިހާ އެންމެންނަށް ލިބެން ފަށާނެއެވެ.