އުފާވެރިކަމުގެ ބިންގާ: ރައްކާތެރިކަމާއި، ގުޅުންތަކާއި، ހަމްދަރުދީ

އިންސާނީ ތަރައްގީއަކީ ހަމައެކަނި އިމާރާތްތަކާއި މަގުތަކާއި އިގްތިސާދީ ތަފާސްހިސާބުތަކުން މިންކުރެވޭނެ އެއްޗެއް ނޫނެވެ. އިންސާނާގެ ޠަބީޢަތާއި ނަފްސާނީ ދުޅަހެޔޮކަމާއި އަދި އިޖުތިމާއީ ކުރިއެރުމާ ބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު، ވަރަށް މުހިންމު ހަގީގަތްތަކެއް ހާމަވެއެވެ.

އުފާވެރިކަމާއި އޯގާތެރިކަމާއި ރައްކާތެރިކަމުގެ އިހުސާސަކީ ކުރިން ވިސްނިފައި އޮންނަ ގޮތާ ޚިލާފަށް، ހަމައެކަނި "ވުން ރަނގަޅު" ކަންކަމެއް ނޫނެވެ. އެއީ އިންސާނާގެ ކުރިއެރުމަށާއި އުފެއްދުންތެރިކަމަށާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ޒަރޫރީ ކަންތައްތަކެވެ. މިއަދު އަޅުގަނޑު ބަލާލާނީ އިންސާނީ ތަރައްގީއާއި އުފާވެރިކަމުގެ އަސާސްތައް ކަމުގައިވާ އަޅާލުމާއި ރައްކާތެރިކަމާއި އަދި އޯގާތެރިކަމުގެ މައްޗަށެވެ.

ވިސްނުން ބަދަލުކުރުން: މާއްދިއްޔަތުން ނަފްސާނީ ދުޅަހެޔޮކަމަށް

ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮތް ވިސްނުމަކީ، އިގްސާދީ ކުރިއެރުމާއި ތައުލީމީ ނަތީޖާތަކުން ހޯދާ ކާމިޔާބީ ފަދަ "މާއްދީ" ކަންކަމަކީ އެންމެ މުހިންމު ކަންކަންކަމުގައި ބެލުމެވެ. އެހެންކަމުން، ގައުމެއްގެ ކުރިއެރުން ވަޒަންކުރަނީ ޖީ.ޑީ.ޕީ އިންނެވެ. ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުންތަކުގެ ވާހަކަ، ބެލެވިފައިއޮންނަނީ، ހަމައެކަނި ކައުންސިލަރުންނަށް ނުވަތަ އިޖުތިމާއީ މަސައްކަތްތެރިންނަށް ހާއްސަ، ދެވަނަ ދަރަޖައިގެ ކަމެއްގެ ގޮތުގައެވެ.

https://sun.mv/220246

ނަމަވެސް، ޒަމާނީ ސައިންސާއި ނިއުރޯސައިންސް އަދި ލީޑަޝިޕްގެ ދިރާސާތަކުން މިހާރު ސާބިތުވާ ގޮތުގައި އިންސާނާގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، އުނގެނުން ހަލުވިވެ، އަދި ސިއްހީގޮތުން ދުޅަހެޔޮވަނީ – ރައްކާތެރިކަމާއި އަގުވަޒަންކުރާ ކަމުގެ އިހުސާސްކުރެވޭ ކުރެވޭ މާހައުލުތަކުގައެވެ. އަދި ހަގީގީ ތަރައްގީއަކީ އިންސާނާގެ ނަފްސާނީ އަދި ރޫހާނީ ބޭނުންތައް ފުރިހަމަވުމުން ހާސިލުވާ އެއްޗެކެވެ.

ގުޅުންތަކުގެ ބަޔޮލޮޖިކަލް މުހިންމުކަން

އިންސާނުންނަކީ ފިޠުރީ ގޮތުން ވެސް އެކަކު އަނެކަކާ ގުޅިގެން އުޅުމަށް އުފައްދަވާފައިވާ ބައެކެވެ. ދުނިޔެއަށް އުފަންވާ ވަގުތުން ފެށިގެން މަރުވަންދެން ވެސް، އަޅުގަނޑުމެންގެ ދިރިހުރުން ބިނާވެފައި ވަނީ ގުޅުންތަކުގެ މައްޗަށެވެ. ކުޑައިރު މައިންބަފައިންގެ އެހީތެރިކަމަށް ބޭނުންވާ ފަދައިން، ބޮޑުވުމުން އާއިލާއާއި އެކުވެރިންނާއި މުޖުތަމައުގެ އެހީތެރިކަމަށް ބޭނުންވެއެވެ.

އިޖުތިމާއީ ސައިންސްގެ އިލްމުވެރިން ފާހަގަކުރާ ގޮތުގައި، މާނަވީ ގުޅުންތައް އުފައްދައި ދެމެހެއްޓުމަކީ އިންސާނާގެ އަސާސީ ބޭނުމެކެވެ. މި ބޭނުން ފުރިހަމަނުވާނަމަ، ނުތަނަވަސްކަމާއި އެކަނިވެރިކަމާއި ތަފާތު ބަލިމަޑުކަމަށް މީހާ ހުށަހެޅިގެންދެއެވެ. "ވޯލްޑް ހެޕިނަސް ރިޕޯޓް" ތަކުން ދައްކާގޮތުގައި، ގައުމެއްގެ އުފާވެރިކަން ވަޒަންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެ ގައުމެއްގައި އޮންނަ އިޖުތިމާއީ އެހީތެރިކަމާއި ގުޅުންތަކުގެ ވަރުގަދަކަމެވެ. މިއީ އަޅުގަނޑުމެންގެ ސިއްހަތާ ސީދާ ގުޅުންހުރި ބަޔޮލޮޖިކަލް ހަގީގަތެކެވެ.

ހާވަޑްގެ ތާރީޚީ ދިރާސާއިން ލިބޭ ފިލާވަޅު

އިންސާނާގެ ދިރިއުޅުމުގެ އުފާވެރިކަމާ ބެހޭގޮތުން ހިންގުނު އެންމެ ދިގު ދިރާސާ ކަމަށްވާ "ހާވަޑް ސްޓަޑީ އޮފް އެޑަލްޓް ޑިވެލޮޕްމަންޓް" އިން ލިބުނު ނަތީޖާއަކީ މުޅި ދުނިޔެ ހައިރާންކޮށްލި ނަތީޖާއެކެވެ. 80 އަހަރަށްވުރެ ގިނަދުވަސް ވަންދެން ކުރިއަށްގެންދިޔަ މި ދިރާސާއިން އެނގުނު ގޮތުގައި، އިންސާނާގެ އުފާވެރިކަމާއި ދިގު އުމުރެއްގެ ސިއްރަކީ މުއްސަނދިކަމެއް، މަޝްހޫރުކަމެއް ނުވަތަ މަތީ މަގާމެއް ނޫނެވެ. އޭގެ ބަދަލުގައި، އެންމެ މުހިންމު ކަމަކީ ފެންވަރު ރަނގަޅު ގުޅުންތަކެވެ.

އޯގާތެރި، ރައްކާތެރި ގުޅުންތަކުގެ ސަބަބުން ސިއްހަތު ސަލާމަތުން ހުރުމަށާއި ސިކުނޑީގެ މަސައްކަތްތައް ތޫނުފިލިކަންމަތީ ބެހެއްޓުމަށް އެހީތެރިވެއެވެ. އަދި މި ދިރާސާއިން ބުނެދީފައިވާ ގޮތުގައި، އަޅުގަނޑުމެންގެ ވަށައިގެން ތިބޭ މީހުންނާ އޮންނަ ގުޅުމަކީ އަޅުގަނޑުމެންގެ ހަށިގަނޑާއި ރޫހަށް ލިބޭ އެންމެ ބޮޑު ރައްކާތެރިކަމެވެ.

ނަފްސާނީ ރައްކާތެރިކަމާއި އުފެއްދުންތެރިކަން

މަސައްކަތުގެ މާހައުލުގައާއި ތައުލީމީ ދާއިރާގައި "ނަފްސާނީ ރައްކާތެރިކަން" ނުވަތަ ސައިކޮލޮޖިކަލް ސޭފްޓީ އަކީ މިހާރުމިވަނީ އެންމެ މުހިންމު އެންމެ އެއްމަފްހޫމް ކަމުގައިވެފައެވެ. މީގެ މާނައަކީ، ކުށެއް ކުރެވިދާނެތީ ނުވަތަ ހިޔާލެއް ފާޅުކޮށްފިނަމަ މަލާމާތް ރައްދުވެ ނުވަތަ އަދަބެއް ލިބިދާނެތީ ބިރުގަތުމަކާނުލާ ވާހަކަދެއްކޭނެފަދަ ރައްކާތެރިކަމުގެ އިހުސާސްކުރެވޭފަދަ މާހައުލެއް ލިބުމެވެ.

ގޫގުލް ކުންފުނިން ކުރި "ޕްރޮޖެކްޓް އެރިސްޓޯޓްލް" ދިރާސާއިން ދެއްކި ގޮތުގައި، އެންމެ ކާމިޔާބު ޓީމުތަކަކީ އެންމެ މޮޅު "އައި.ކިއު" ހުންނަ މީހުން ތިބޭ ޓީމުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ނަފްސާނީ ގޮތުން އެންމެ ރައްކާތެރިކަން އިހުސާސްކުރެވޭ، އެކަކު އަނެކަކަށް އިތުބާރުކުރާ ޓީމުތަކެވެ. މި ރައްކާތެރިކަން އޮންނަ ތަނެއްގައި މީހުން އާ އީޖާދުތައް ކުރުމަށާއި ކަންކަން އުނގެނުމަށް ފަސްޖެހުމެއް ނޯވެއެވެ. ބިރުވެރިކަން އޮންނަ މާހައުލެއްގައި އިންސާނާގެ ސިކުނޑި މަސައްކަތްކުރަނީ "ސަވައިވަލް މޯޑް" ގައި ކަމުގައި ވިޔަސް، ރައްކާތެރިކަން އޮންނަ ތަނެއްގައި ސިކުނޑި ހުޅުވި، އުފެއްދުންތެރިކަން އިންތިހާއަށް އިތުރުވެގެންދެއެވެ.

އެކަނިވެރިކަމުގެ ނުރައްކަލާއި އޭގެ ހައްލު

މިއަދުގެ ޑިޖިޓަލް ދުނިޔޭގައި އަޅުގަނޑުމެން އެންމެން ސޯޝަލް މީޑިއާ މެދުވެރިކޮށް ގުޅިފައި ތިބި ނަމަވެސް، އެކަނިވެރިކަމަކީ ބޮޑުވަމުންދާ "ބަލިމަޑުކަމެކެވެ". ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ "ކަނެކްޓެޑް" ވެފައި ތިބިހެންނެވެ. ނަމަވެސް އެއީ ފެންމަތީގެ ގުޅުންތަކެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކުރާ ގޮތުގައި، އެކަނިވެރިކަމަކީ ދުވާލަކު 15 ސިނގިރޭޓް ބުއިމާ އެއްވަރުގެ ނުރައްކާތެރި ކަމެކެވެ.

މީގެ މާނައަކީ އެކަނިވެރިކަމުގެ ސަބަބުން ހިތުގެ ބައްޔާއި ކެންސަރާއި ނަފްސާނީ ބަލިތަކަށް މީހާ ހުށަހެޅޭ މިންވަރު އިތުރުވާ ކަމެވެ. މިކަމުގެ ހައްލަކީ ހަމައެކަނި މީހުންގެ ތެރޭގައި އުޅުމެއް ނޫނެވެ. އޭގެ ބަދަލުގައި، އިތުބާރު ހުރި، މާނަވީ ގުޅުންތަކެއް އޮތުމެވެ. މީހަކަށް އެހެން މީހުންގެ އަޅާލުމާއި ލޯބި އިހުސާސްވުމަކީ އޭނާގެ ނަފްސާނީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ. މިފަދަގުޅުންތައް ނެތުމަކީ މުޅި މުޖުތަމައަށް ކުރިމަތިވެފައިވާ ބޮޑުގޮންޖެހުމެކެވެ.

https://sun.mv/223502

ކުޑަކުދިންގެ ކުރިމަގާއި ރައްކާތެރިކަން

ކުޑަކުދިން ބޮޑުވަމުން އަންނަ މާހައުލަކީ އެކުދިންގެ މުޅި ހަޔާތް ބައްޓަންކުރާ ބިންގަލެވެ. "އެޓޭޗްމަންޓް ތިއަރީ" އިން ދައްކާގޮތުގައި، ރައްކާތެރިކަމާއި ޖަޒުބާތީ އެހީތެރިކަން ލިބޭ ކުދިންނަކީ ބޮޑުވާއިރު އަމިއްލަ ނަފްސަށް އިތުބާރު އޮންނަ، ގޮންޖެހުންތަކާ ކުރިމަތިލާން ކެރޭ ބައެކެވެ. އެހެންކަމުން، ކޮންމެ ކުއްޖަކަށްމެ، އެކުއްޖާގެ މުހިންމުކަން އެނގިގެން ބޮޑުވުމުގެ ފުރުސަތު ދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ.

ކުޑައިރު ކުދިން ތަޖުރިބާކުރާ "ޓްރޯމާ" ނުވަތަ ނަފްސާނީ އަނިޔާއަކީ އޭގެ އަސަރު މުޅި އުމުރަށް ދެމިގެންދާ ކަމެކެވެ. އެހެންކަމުން، އުފާވެރި ޖީލެއް ބިނާކުރުމަށްޓަކައި، ކުދިންނަށް ރައްކާތެރިކަމާއި ލޯބި ލިބޭނެ މާހައުލެއް ކަށަވަރުކޮށްދިނުމަކީ ތައުލީމީ މަންހަޖު ތަންފީޒު ކުރުމަށްވުރެވެސް މުހިންމު ކަމެކެވެ.

ހަމްދަރުދީ: ބާރުވެރިކަމުގެ ސިފައެއް

އޯގާތެރިވުމަކީ ވަރަށް ވަރުގަދަ އިންސާނިއްޔަތުކަމުގެ ސިފައެކެވެ. އަޅާލާ، އޯގާތެރި ލީޑަޝިޕެއް އޮންނަ ތަނެއްގައި އިތުބާރު އުފެދި، ދެބަސްވުންތައް މަދުވެ، އަދި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާވެއެވެ. މީގެ މާނައަކީ އަނެކާގެ އިހުސާސްތައް ދެނެގަނެ، އިހުތިރާމާއެކު މުއާމަލާތު ކުރެވުމެވެ.

މިއަދުގެ ވާދަވެރި ދުނިޔޭގައި އަޅުގަނޑުމެންނަށް ހީވެފައިއޮންނަނީ ކުރިއަރާނީ އަނެކާ ވައްޓާލައިގެން ކަމަށެވެ. ނަމަވެސް ހަގީގީ ކާމިޔާބީއަކީ އެކަކު އަނެކަކަށް އަޅާލާ، އޯގާތެރިކަމާއެކު، އެހީތެރިކަން ފޯރުކޮށްދީގެން ހޯދޭ ކާމިޔާބީއެވެ. އަޅުގަނޑު ގަބޫލުކުރަނީ، އަޅާލުމާ އޯގާތެރިކަމަކީ މުޖުތަމައު ގުޅުވައިދޭ ތެރަހެއްކަމުގައެވެ.

އަޅުގަނޑުމެން ހިފަންވީ މިޞްރާބު

ހަލުވިކަމާއެކު ބަދަލުވަމުންދާ ދިވެހިރާއްޖެ ފަދަ މުޖުތަމައެއްގައި، މި ދެންނެވި ކަންކަމަކީ ނުހަނު ބޭނުންތެރި ކަންކަމެވެ. އަޅުގަނޑުމެންގެ ސްކޫލްތަކާއި، އޮފީސްތަކާއި، އަދި ގޭތަކަކީ ރައްކާތެރިކަމާއި ލޯބި ލިބޭ ތަންތަނަށް ހަދަންޖެހެއެވެ. "ވަރަށް ލޯބިވޭ"ފަދަ ހަރަކާތްތަކުގެ އަސާސަކީވެސް މިއެވެ. މިއީ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

https://sun.mv/222659

އިންސާނުން ކުރިއަރަނީ ރައްކާތެރިކަން އިހުސާސްވުމުންނެވެ. ހިތްތަކަށް ޝިފާ ލިބެނީ އަޅާލުމާ އޯގާތެރިކަން ތަޖުރިބާ ކުރެވުމުންނެވެ. ދިވެހިންގެ ތެރޭގައި އޮތް އޯގާތެރިކަމާއި އެކުވެރިކަމުގެ ރޫހު އަލުން ދިރުވައި އާލާކުރުމަކީ ގައުމީ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބުކަމުގައި އަޅުގަނޑަށް ފެނެއެވެ.

ސައިންސާއި ދިރާސާތަކުން ދައްކާ ހެކިތައް ވަރަށް ސާފެވެ. އިންސާނަކަށް ވީތީ އަޅުގަނޑުމެން އެންމެ ބޭނުންވަނީ ގުޅުންތަކާއި، ބަލައިގަތުމާއި، އަދި އިތުބާރެވެ. މާއްދީ ތަރައްގީއަކީ އޭގެ ޒާތުގައި ނުބައި އެއްޗެއް ނޫނެވެ. ނަމަވެސް އެއީ އަޅުގަނޑުމެންގެ އުފާވެރިކަން ގުރުބާންކޮށްފައި ހޯދަންޖެހޭ އެއްޗެއް ނޫނެވެ.

އަޅުގަނޑުމެން ބިނާކުރަން އުންމީދުކުރާ އުޖާލާ މުސްތަގުބަލު ބިނާވެފައިވަނީ، އެކަކު އަނެކަކަށް އަޅާލާ، އޯގާތެރިކަމާއެކު ކުރިއަށްދާ މުޖުތަމައެއް ބިނާކުރެވޭ މިންވަރެއްގެ މައްޗަށެވެ. ހަގީގީ ތަރައްގީއަކީ އުފާވެރި، ދުޅަހެޔޮ، އަދި އެކަކު އަނެކަކަށް އިހުތިރާމްކުރާ ރައްޔިތަކު އުފެއްދުމެވެ. އެކަން ކުރެވޭނީ ރައްކާތެރިކަމާއި، ގުޅުންތަކާއި، އަދި ހަމްދަރުދީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސްތަކަށް ހަދައިގެންނެވެ.

އިންސާނީ ތަރައްޤީ މިންކުރަންވާނީ ހަމައެކަނި އިޤުތިޞާދީ ނުވަތަ މާއްދީ މިންގަނޑުތަކަކުން ނޫންކަން ޒަމާނީ ސައިންސާއި ދިރާސާތަކުން ކަށަވަރުކޮށްދެއެވެ. އުފާވެރިކަމާއި، ނަފްސާނީ ރައްކާތެރިކަމާއި، އަދި މާނަވީ އިޖުތިމާޢީ ގުޅުންތަކަކީ އިންސާނާގެ ޞިއްޙަތާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި އަސާސްތަކެކެވެ. މަސައްކަތުގެ މާޙައުލުގައާއި ތަޢުލީމީ ނިޒާމުގައި ނަފްސާނީ ރައްކާތެރިކަން ޤާއިމުކުރުމަކީ ދެމެހެއްޓެނިވި ކާމިޔާބީގެ މައިގަނޑު ސިއްރެވެ. ޙަޤީޤީ ތަރައްޤީ ޙާޞިލުކުރެވޭނީ އެކަނިވެރިކަން ނައްތާލައި، އެކަކު އަނެކަކަށް ހަމްދަރުދީވުމާއެކު، އޯގާތެރި އަދި އަޅާލާ މުޖުތަމަޢެއް ބިނާކޮށްގެންނެވެ. މިއީ މުޅި ޤައުމުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި އެންމެ އިސްކަންދޭންޖެހޭ ކަންތައްތަކެވެ.

  • ނަފްސާނީ ރައްކާތެރިކަމާއި އިތުބާރު އޮންނަ މާޙައުލުތަކުގައި މީހުންގެ އުފެއްދުންތެރިކަމާއި އައު އީޖާދުތައް ކުރުމުގެ ޤާބިލުކަން އިތުރުވެއެވެ.
  • ދިގު އުމުރަކާއި އުފާވެރިކަން ޙާޞިލުވުމުގެ އެންމެ ބޮޑު ސިއްރަކީ މުއްސަނދިކަމުގެ ބަދަލުގައި ފެންވަރު ރަނގަޅު ގުޅުންތައް ދެމެހެއްޓުމެވެ.
  • އެކަނިވެރިކަމަކީ ޞިއްޙަތަށް ނުހަނު ނުރައްކާތެރި ކަމަކަށްވާއިރު، މާނަވީ ގުޅުންތަކުން ނަފްސާނީ ދިފާޢީ ނިޒާމު ވަރުގަދަކޮށްދެއެވެ.
  • ކުޑަކުދިންނަށް ޖަޒުބާތީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، އަމިއްލަ ނަފްސަށް އިތުބާރުކުރާ ޖީލެއް ބިނާކުރުމުގެ ބިންގަލެވެ.
  • މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި ވާދަވެރިކަމަށްވުރެ ބޮޑަށް އިސްކަންދޭންޖެހެނީ ހަމްދަރުދީއާއި އޯގާތެރިކަމުގެ ސިފަތަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް