މުޒާހަރާ މައްސަލައިގައި ވަކީލަކު އައްޔަނުކުރަން ޒާޔާއަށް ކޯޓުން ދިނީ 10 ދުވަސް

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް ޒާޔާ ވަޑައިގެން: އޭނާއަށް ވަކީލަކު އައްޔަނުކުރުމަށް ކޯޓުން ދީފައި ވަނީ، 10 ދުވަސް --- ފޮޓޯ/ ޒާޔާ

މިދިޔަ އަހަރުގެ އޮކްޓޯބަރު ތިންވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި 'ލޫޓުވައިފި' މުޒާހާރައާ ގުޅިގެން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ މައްޗަށް ދައުވާ އުފުލި މައްސަލައިގައި ވަކީލަކު އައްޔަނުކުރުމަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފިއެވެ.

ޒާޔާގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާއެވެ.

ޒާޔާގެ އިތުރަށް މި މައްސަލައިގައި ހަތް މީހަކަށް ދައުވާ ކުރެއެވެ. އޭގެތެރޭގައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީ ލޫޓުވައިފި މުޒާހަރާގެ ތެރެއިން މީހުންނާ ކުރިމަތިލުންތައް ހިނގަނީ --- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް

މި މައްސަލައިގެ އިބްދާއީ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި ޒާޔާ އެދިވަޑައިގަތީ، ވަކީލަކު އައްޔަނުކުރުމަށް 30 ދުވަސް ދެއްވުމަށެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ވަކީލަކު އައްޔަނު ކުރަންދީފައި ވަނީ 10 ދުވަހެވެ.

އެ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ޒާޔާ ވިދާޅުވީ، ކޯޓުން ފޮނުވާ ޗިޓަކަށް ނުވަތަ ދައުވާއަކަށް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އަދި، ފުލުހުންނާއި ކޯޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވައިގެން އޭނާގެ އަޑު ކަނޑުވާލަން މަސައްކަތް ކުރައްވާ ކަމަށް ޒާޔާ ތުހުމަތުކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީން ބޭއްވި 'ލޫޓުވައިފި' މުޒާހަރާގެ ތެރެއިން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގިއެވެ. އެކަމުގެ ތެރެއިން، ހަތް މީހަކު ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، ބައެއް މީހުންނަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އެމްޑީޕީން ބޭއްވި 'ލޫޓުވައިފި' މުޒާހަރާއާ ގުޅިގެން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ދައުވާ އުފުލާފައިވާ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އަށް ވަކީލަކު އައްޔަންކުރަން ކްރިމިނަލް ކޯޓުން މިއަދު ދިހަ ދުވަސް ދީފިއެވެ. ކޯޓުގެ އިބްތިދާއީ އަޑުއެހުމުގައި ޒާޔާ 30 ދުވަހަށް އެދުނު ނަމަވެސް، ކޯޓުން ދިނީ 10 ދުވަހެވެ. މި މައްސަލައިގައި ޒާޔާގެ އިތުރުން މަޖިލިސް މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އިތުރު ހަތް މީހެއްގެ މައްޗަށް ދައުވާކުރެއެވެ. ޒާޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވައިފައެވެ.

  • ކައުންސިލަރު ޒާޔާގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާއެވެ.
  • ވަކީލަކު އައްޔަންކުރުމަށް 30 ދުވަހަށް އެދުމުން ކޯޓުން ދީފައިވަނީ 10 ދުވަހެވެ.
  • ޒާޔާގެ އިތުރުން މި މައްސަލައިގައި އިތުރު 7 މީހަކަށް ދައުވާކުރެއެވެ.
  • ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށާއި ފުލުހުންނަށް ނުފޫޒު ފޯރުވާކަމަށް ޒާޔާ ވަނީ ތުހުމަތުކުރައްވާފައެވެ.
  • ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
comment ކޮމެންޓް