މީގެ 19 އަހަރު ކުރިން ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ބޮލީވުޑްގެ ފިލްމު “ތާރޭ ޒަމީން ޕަރް”ގައި ޔޯހާން އަވަސްތީގެ ރޯލުން ފެނުނު އެކްޓަރު ސަޗެތް އިންޖިނިއަރު، ފިލްމީ ދާއިރާ ދޫކޮށްލުމަށްފަހު އިނގިރޭސިވިލާތުގައި ދަތުގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައާއި ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރަން ފަށައިފިއެވެ.
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަދި ޕްރޮޑިއުސަރު އާމިރު ޚާން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ކުޅެފައިވާ “ތާރޭ ޒަމީން ޕަރް” އަކީ ހަމައެކަނި އާދައިގެ ފިލްމެއް ނޫނެވެ. އެއީ ބެލެނިވެރިންނާއި ތަޢުލީމީ ނިޒާމުގެ އިތުރުން، ކިޔެވުމުގައި ޚާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ދިމާވާ ގޮންޖެހުންތަކާ މެދު މުޖުތަމަޢުގައި ފުން ބަހުސްތަކެއް އުފެއްދި އާދަޔާޚިލާފު މަސައްކަތެކެވެ. މި ފިލްމުގައި ސަޗެތް ފެނިގެންދިޔައީ ކިޔެވުމަށް މޮޅު، ޓޭބަލް ޓެނިސް ކުޅުމަށް ކުޅަދާނަ، އަދި އޭނާގެ ކޮއްކޮގެ ދިފާޢުގައި އަބަދުވެސް ހުންނަ މުޅިން ތަފާތު ސިފަތަކެއް ހުރި ކުއްޖެއްގެ ގޮތުގައެވެ.
ފިލްމުގައި ދައްކުވައިދިން ގޮތަށް، ޙަޤީޤީ ދިރިއުޅުމުގައި ވެސް ސަޗެތްއަކީ ތަޢުލީމީ ރޮނގުން މަތީ ކާމިޔާބީތަކެއް ހޯދާފައިވާ ޒުވާނެކެވެ. ރިޕޯޓުތައް ބުނާ ގޮތުން، ބޮލީވުޑް ދޫކޮށް ބޭރު ޤައުމަކަށް ދިރިއުޅުން ބަދަލުކުރުމުގެ ކުރިން އޭނާ ވަނީ ޑީވައި ޕާޓިލް ޔުނިވަސިޓީން ދަސްވެނިވެ، ޕީރިއޮޑޮންޓޮލޮޖީން ރަން މެޑަލް ޙާސިލުކޮށްފައެވެ. އޭގެ ފަހުން، އޭނާގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން، ލަންޑަންގެ މަޝްހޫރު ޔޫސީއެލް އީސްޓްމަން ޑެންޓަލް އިންސްޓިޓިއުޓުން ހަމަ އެ ދާއިރާއިން އޭނާ ވަނީ މާސްޓާޒް ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން، ސަޗެތް ވަނީ އޯވަސީޒް ރެޖިސްޓްރޭޝަން އެގްޒަމިނޭޝަންގެ ދެ ބައި ފުރިހަމަކޮށް، އިނގިރޭސިވިލާތުގައި ދަތުގެ ބަލިތަކަށް ފަރުވާދިނުމުގެ ހުއްދަ ހޯދާފައެވެ. އެއްއިރެއްގައި ކުޑަކުދިންގެ އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންގެ ހިތްތައް އަތުލި މީހަކު، ދަތުގެ ޑޮކްޓަރަކަށް އަދި ޕައިލެޓަކަށް ވުމަކީ ގިނަ ބަޔަކަށް ހީނުކުރާ ފަދަ ކަމަކަށް ވެދާނެއެވެ. މި ކާމިޔާބީތަކާ ގުޅިގެން، ސަޗެތްއަކީ ވިސްނުންތޫނު ކިޔެވުމަށް މޮޅު ޒުވާނެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ތާރީފުކޮށް މަރުޙަބާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.
މަޝްހޫރުކަމުގެ ފަހަތުން ދުވި އެހެން ކުޑަކުދިންނާ ޚިލާފަށް، ސަޗެތް އިސްކަންދިނީ އޭނާގެ ތަޢުލީމަށެވެ. މީގެ ހަތަރު އަހަރު ކުރިން ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، “ތާރޭ ޒަމީން ޕަރް” އިން ފުރުޞަތު ލިބުމަކީ ދިމާވި އިއްތިފާޤެއް ކަމަށާއި، އެކްޓްކުރުމަކީ ދުވަހަކުވެސް އޭނާ ކުރަން ބޭނުންވި ކަމެއް ނޫން ކަމަށެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވި ނަމަވެސް، އެ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުމެއް އެއްވެސް ވަރަކަށް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.
އެ ފިލްމަށްފަހު އިތުރު ގިނަ ފިލްމުތަކަކުން ފުރުޞަތު ލިބުނު ނަމަވެސް، ސަޗެތް އެ ހުށަހެޅުންތައް ދޫކޮށްލީ ކިޔެވުމަށް ސަމާލުކަން ދިނުމަށެވެ. އޭނާއާ އެކު ފިލްމުގެ އެންމެ މުހިއްމު ރޯލު ކުޅުނު ދަރްޝީލް ސަފާރީ އަދިވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، ސަޗެތް ވަނީ ފިލްމުގެ ކާމިޔާބީއަށްފަހު އެ ދާއިރާއާ މުޅިން ދުރަށް ގޮސްފައެވެ.