މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްއަށް ފަހު، މިއުޒިކް ކޮމްޕޯޒަ އަދި ލަވަކިޔުންތެރިޔާ ޕްރިތަމް ވެސް ބޮލީވުޑްގެ މެއިންސްޓްރީމް މިއުޒިކް އިންޑަސްޓްރީއާ ދުރަށް ދާން އުޅޭކަމުގެ އިޝާރާތެއްދީފިއެވެ.
މިއުޒިކު އުފެއްދުމުގެ ދާއިރާއިން ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ޕްރިތަމް އުފަންދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މިއީ "އާ ދަތުރުތަކެއް ފަށަންވީ ވަގުތު" ކަމަށެވެ.
"އުފަންދުވަހުގެ ހެޔޮއެދުންތަކަށް ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. ކޮންމެ މީހަކަށް ވަކިވަކިން ޖަވާބު ނުދެވުނަސް، ތިޔަ ދެއްވި ލޯތްބަށް އިހްލާސްތެރިކަމާ އެކު ޝުކުރު އަދާކުރަން. މިއަދު އަޅުގަނޑު ނިންމީ ދިރިއުޅުމުގެ ކުރިއަށް އޮތް މަދު އަހަރުތަކެއް ތަފާތު ގޮތަކަށް ހޭދަކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށް ހަދިޔާކުރަން. މީގެ ކުރިން ދޫކޮށްލެވިފައިވާ ކަންކަމަށް ވަގުތު ހުސްކުރަން" އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖުގައި ޕްރިތަމް ބުނެފައިވެއެވެ.

އިންޑިއާގެ ކާމިޔާބު މިއުޒީޝަނުން ކަމަށްވާ ޕްރިތަމް އަދި އަރިޖީތު ސިންގް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
"ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖައްސާލާފައިވާ އާ މަސައްކަތްތަކެއް ފަށަންވީ ވަގުތު ޖެހިއްޖެ. މެއިންސްޓްރީމް މިއުޒިކަކީ ވަރަށް ފުރިހަމަ ތަޖުރިބާއެއް. ނަމަވެސް އަބަދުވެސް އަޅުގަނޑުގެ ޝައުޤުވެރިކަން ހުންނަނީ މީގެ ކުރިން ތަޖުރިބާނުކުރާ، އާ ކަންކަން ހޯދައި ބެލުމަށް. އަބަދުވެސް ތިޔަ ދެއްވާ ލޯތްބާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ޕްރިތަމްގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
ޕްރިތަމްގެ މި ޕޯސްޓާ އެކު އޭނާގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދި، އޭނާ މިއުޒިކީ ދާއިރާއިން ރިޓަޔަ ކުރަނީތޯ ސުވާލު އުފައްދަން ފެށިއެވެ. ބައެއް ފޭނުން ބުނެފައިވަނީ ޕްރިތަމް ބޮލީވުޑްގެ މިއުޒިކާ ދުރަށް ގޮސްފިނަމަ އަރިޖީތު އާއި ޕްރިތަމްގެ ފުރިހަމަ ކޮމްބިނޭޝަން ފިލްމުތަކުގައި ނުހިމެނޭކަމުގެ އިހުސާސް އަބަދުވެސް ކުރުވާނެ ކަމަށެވެ.
އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަގުބޫލު މިއުޒިކް ކުޅުންތެރިޔާ އަރިޖިތު ފިލްމުތަކަށް ލަވަކިޔައިދިނުން ހުއްޓާލިކަން އިއުލާނުކުރީ މި އަހަރުގެ ޖަނަވަރީ މަހުތެރޭއެވެ.
ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދިނުން ހުއްޓާލަން އުޅޭކަން އަރިޖީތު އިޢުލާނު ކުރުމުން އިންޑިއާގެ ގިނަ ބަޔަކަށް ބޮޑު ސިހުމެއް ލިބުނެވެ.
އެކަން އިއުލާނުކުރަމުން ކުރި ސޯޝަލް މީޑިއާ ޕޯސްޓުގައި އަރިޖިތު ބުނެފައިވަނީ މީގެ ފަހުން ޕްލޭބެކް މިއުޒީޝަނެއްގެ ގޮތުގައި އެއްވެސް އާ މަސައްކަތެއް ގަބޫލުނުކުރާނެ ކަމަށާއި، އެއީ ވަރަށް ފުރިހަމަ ދަތުރެއް ކަމަށެވެ.
ޕްރިތަމް އާއި އަރިޖީތު ވަނީ ބޮލީވުޑްގައި ވަރަށް ކާމިޔާބު ގިނަ ލަވަތަކެއް އެކުގައި އުފައްދާފައެވެ. އޭގެ ތެރޭގައި "ވަޓް ޖުމްކާ؟"، "ކޭސަރިޔާ"، "ދިއްލީވާލީ ގާލްފްރެންޑް" ފަދަ މަޝްހޫރު ލަވަތައް ހިމެނެއެވެ.
އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ޕްރިތަމް ބުނެފައި ވަނީ އޭނާ ރިޓަޔަމަންޓާ ބެހޭގޮތުން ވާހަކަދައްކާތާ އަށް މަސް ދުވަސް ވެއްޖެ ކަމަށާއި، ނަމަވެސް އެންމެންވެސް އެކަމާ ހޭނީ ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ މުޅިން ރިޓަޔަމަންޓެއް ނޫން ނަމަވެސް، މަސައްކަތުން ދުރަށް ޖެހިލާ ބްރޭކެކެވެ.