ސަލްމާނާ ދެކޮޅަށް ވާހަކަ ދައްކަން 'ކާލާ ހީރަން'ގެ ޕްރޮޑިއުސަރުން މަޖުބޫރުކުރިކަމަށް އެކްޓަރަކު ބުނެފި

ބޮލީވުޑްގެ ތަރި ސަލްމާން ޚާން އަދި އެކްޓަރު ސޯނޫ މިޝްރާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ކޯޓު އަމުރެއްގެ ދަށުން ރިލީޒްކުރުން މަޑުޖައްސާލާފައިވާ ފިލްމު "ކާލާ ހީރަން"އިން ވަކިވީ، ބޮލީވުޑްގެ ތަރި ސަލްމާން ޚާނާ ދެކޮޅަށް ވާހަކަދައްކަން ފިލްމުގެ އެއްބަސްވުމުގައި މަޖުބޫރުކޮށްފައި އޮތުމުން ކަމަށް އެކްޓަރު ސޯނޫ މިޝްރާ ހާމަކޮށްފިއެވެ.

ސަލްމާންގެ ފިލްމު "ސިކަންދަރު" ގައިވެސް މަސައްކަތްކޮށްފައިވާ ސޯނޫ ބުނި ގޮތުގައި، ފިލްމުގެ އަސްލު މަގުސަދު އެނގުމުން ދެ ދުވަސް ތެރޭގައި އޭނާ ވަނީ އެ ފިލްމުން ވަކިވެފައެވެ.

ސޯނޫގެ އިތުރުން، ސަލްމާނާ އެކު ފިލްމު "ވޯންޓެޑް"ގައި މަސައްކަތްކުރި އެކްޓަރު ގޯވިންދު ނާމްދޭވް ވެސް ވަނީ، އޭނާއަށް އޮޅުވާލައިގެން މި ފިލްމުގައި ބައިވެރިކުރުވަން އުޅުނު ކަމަށް ތުހުމަތުކޮށްފައެވެ.

މި ފިލްމުގައި ސޯނޫއަށް ހުށަހެޅީ ސަލްމާންގެ ސިފައާ އެއްގޮތަށް ބިނާކޮށްފައިވާ އެ ފިލްމުގެ ލީޑް ރޯލެވެ. ނަމަވެސް، މިއީ ފިތުނަ އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ފިލްމެއްކަން އެނގުމުން އޭނާ ވަނީ ފިލްމު ދޫކޮށްލާފައެވެ.

ފިލްމު "ކާލާ ހީރަން"ގެ ޕްރޮޑިއުސަރު އަމިތު ޖާނީ، ފިލްމުގެ މަންޒަރެއްގައި ލީޑް އެކްޓަރު ކާޗިފް އިގްބާލް ޚާން އަދި ސަލްމާން ޚާން--ފޮޓޯ/އެންޑީޓީވީ

ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ސޯނޫ ބުނީ، ސަލްމާންގެ ރޯލު ކުޅެން ލިބުމުން ފުރަތަމަ ވަރަށް އުފާވި ނަމަވެސް، ޝޫޓިން ފެށުމާ އެކު ފިލްމުގައި ގެނެސްދޭ ވާހަކައިގެ ހަގީގަތް އެނގުނު ކަމަށެވެ. އެގޮތުން، 15 އަހަރަށްވުރެ ގިނަ ދުވަހު ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން، ސަލްމާން ބަދުނާމުވާ ފަދަ އަމަލެއްގައި ބައިވެރިވާން ބޭނުންނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސޯނޫ އިތުރަށް ބުނި ގޮތުގައި އޭނާ ފިލްމުން ވަކިވީ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންނެވެ. ދެ ދުވަހު ޝޫޓްކުރުމަށްފަހު އެއްބަސްވުން ބެލިއިރު، މީޑިއާތަކުގައި ސަލްމާނާ ދެކޮޅަށް ވާހަކަދައްކަން ޖެހޭނެ ކަމަށް އޮތުމަކީ އޭނާގެ އަޚްލާގީ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އަދި މި ނިންމުމަކީ ބިރުން ނިންމި ނިންމުމެއް ނޫން ކަމަށާއި، އެއީ ސަލްމާނަށް ކުރާ އިހުތިރާމެއްގެ ސަބަބުން ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު އަމިތު ޖާނީ ވަނީ ސަލްމާންގެ ގާނޫނީ ޓީމުން ފޮނުވި ނޯޓިސް އާންމުންގެ ކުރިމަތީގައި ވީދާލައި، އޭނާއަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ބުނެފައެވެ.

ރިލީޒްކޮށްފައިވާ ފިލްމުގެ ޓީޒާއިން ފެންނަނީ ސަލްމާންއާ ވައްތަރު އެކްޓަރެއް ކަމަށްވާ ކާޝިފް އިގްބާލް ޚާން، ސަލްމާންގެ މަޝްހޫރު އުޅާ އަޅައިގެން ހުންނަ މަންޒަރެވެ.

މި ފިލްމަކީ ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ޕްރޮޑިއުސަރު ޖާނީ ބުނި ނަމަވެސް، މިއީ 1998 ވަނަ އަހަރު ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވުނު "ބްލެކްބަކް" ޝިކާރަކުރި މައްސަލައަށް ބިނާކޮށް، ސަލްމާންގެ ޝަޚްސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް އުފައްދާ ފިލްމެއް ކަމަށް ސަލްމާންގެ ވަކީލުން ވަނީ ތުހުމަތުކޮށްފައެވެ.

ފިލްމު "ކާލާ ހީރަން"ގައި ސަލްމާންއާ ގުޅުންހުރި ކަންތައްތަކެއް ހަގީގަތާ ހިލާފަށް ހިމަނާފައިވުމުގެ އިތުރުން އޭގެ ސަބަބުން އެކްޓަރުގެ ޝަޚްސީ ހައްގުތަކަށް އުނިކަން އަންނަކަމަށް ބުނެ ސަލްމާންގެ ފަރާތުން ދިއްލީ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުމެއް މިހަފްތާގެ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.

އަމިތު ޖާނީގެ އަމިއްލަ ފިލްމު ކުންފުނި 'ޖާނީ ފަޔަފޮކްސް ފިލްމްސް' ބެނާގެ ދަށުން އުފައްދާ "ކާލާ ހީރަން"ގެ ޑައިރެކްޓަރަކީ ބާރަތު ޝްރިނޭޓްއެވެ.

މި ފިލްމަކީ ސަލްމާން ޚާންގެ އަބުރު ކަތިލުމުގެ މަގުސަދުގައި އުފައްދާ ފިލްމެއްކަން އެނގުމުން، ސޯނޫ މިޝްރާ ވަނީ ދެ ދުވަހު ޝޫޓްކުރުމަށްފަހު ފިލްމު ދޫކޮށްލާފައެވެ. އޭނާ ބުނިގޮތުގައި، ފިލްމުގެ އެއްބަސްވުމުގައި ސަލްމާނާ ދެކޮޅަށް ވާހަކަދެއްކުމަށް ޝަރުތުކޮށްފައި އޮތުމަކީ އޭނާގެ އަޚްލާގީ މިންގަނޑާ ޚިލާފު ކަމެކެވެ. މީގެ އިތުރުން، އެކްޓަރު ގޯވިންދު ނާމްދޭވް ވެސް ވަނީ އޮޅުވާލައިގެން މި ފިލްމުގައި ބައިވެރިކުރުވަން އުޅުނުކަމުގެ ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ސަލްމާން ޚާންގެ ގާނޫނީ ޓީމުން ވަނީ އޭނާގެ ޝަޚްސީ ހައްގުތަކަށް އުނިކަން އަންނަކަމަށް ބުނެ ދިއްލީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރު އަމިތު ޖާނީ ވަނީ ސަލްމާންގެ ފަރާތުން ފޮނުވި ގާނޫނީ ނޯޓިސް ވީދާލާފައެވެ. މިއީ 1998 ވަނަ އަހަރުގެ ބްލެކްބަކް މައްސަލައަށް ބިނާކޮށް އުފައްދާ ފިލްމެއްކަމަށް ސަލްމާންގެ ވަކީލުން ތުހުމަތުކުރެއެވެ.

  • ފިލްމު ކާލާ ހީރަންގެ އެއްބަސްވުމުގައި ސަލްމާން ޚާނާ ދެކޮޅަށް ވާހަކަދެއްކުމަށް އޮތުމުން ސޯނޫ މިޝްރާ ފިލްމުން ވަކިވުން.
  • މިއީ ސަލްމާންގެ އަބުރު ކަތިލުމަށް އުފައްދާ ފިލްމެއްކަމަށް އެކްޓަރުން ތުހުމަތުކުރުން.
  • ސަލްމާންގެ ޝަޚްސީ ހައްގުތަކަށް އުނިކަން އަންނާތީ، ފިލްމާ ދެކޮޅަށް ދިއްލީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވުން.
  • ފިލްމުގެ ޕްރޮޑިއުސަރު އަމިތު ޖާނީއަށް މަރުގެ އިންޒާރު ލިބެމުންދާކަމަށް އޭނާ ހާމަކުރުން.
comment ކޮމެންޓް