ބޮކްސް އޮފީހުގައި މިހާތަނަށް 330 ކްރޯޑު ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ މަޅަޔާލަމް ފިލްމު "ދްރިޝްޔަމް 3" އެމެޒޯން ޕްރައިމް ވީޑިއޯގައި މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފިއެވެ.
މި ހަފްތާގެ ބުރާސްފަތު ދުވަހުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯގައި ފިލްމު ސްޓްރީމްކުރަން ފަށާނެކަން އެ ޕްލެޓްފޯމްއިން އިއުލާނުކުރިއިރު މަޅަޔާލަމް ބަހުގެ އިތުރުން ތަމަޅަ، ތެލުގޫ އަދި ކަންނާޑާ ބަހުން ޑަބްކޮށްފައިވާ ވާޝަންތައްވެސް މި ޕްލެޓްފޯމުން ބަލާލެވޭނެއެވެ.
މި ފިލްމު އެމެޒޯން ޕްރައިމްގައި ސްޓްރީމްކުރާނެކަން އިއުލާނުކުރިއިރު ސިނަމާތަކުގައި ފިލްމު އެޅުވިތާ އަދި މަހެއް ވެސް ނުވެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެތެރޭ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބެން ފަށާފައެވެ. އެގޮތުން މިހާތަނަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 330 ކްރޯޑު ރުޕީސްއަށް އަރާފައިވުމުން، މިއީ މަލަޔާޅަމް ސިނަމާއަށް ލިބުނު ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ފިލްމު "ދްރިޝްޔަމް 3"ގެ މަންޒަރެއްގައި އެ ފިލްމުގެ މުހިއްމު ތަރިން ކަމަށްވާ މޯހަންލާލް، މީނާ، އަންސިބާ ހަސަން އަދި އެސްތާ އަނިލް--ފޮޓޯ/ބޮލީވުޑްހަންގާމާ
ބެލުންތެރިންގެ ފަރާތުން "ދްރިޝްޔަމް 3"އަށް ލިބެމުން އަންނަ ތަރުހީބަށް ޝުކުރު އަދާކުރުމުގެ ގޮތުން އެ ފިލްމުގެ ލީޑް އެކްޓަރު މޯހަންލާލް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކެރެލާގެ ކުޑަ އަވަށަކުން ފެށުނު މި ވާހަކަ، ބަސްތަކާއި ބޯޑަރުތައް ހުރަސްކޮށް މިލިއަނުން ބައެއްގެ ހިތްތަކާ ހަމައަށް ފޯރާފައިވާ ކަމަށެވެ.
ޖީތޫ ޖޯސެފް ޑައިރެކްޓްކޮށް އޭނާގެ އަމިއްލަ ސްކްރިޕްޓަކަށް އުފައްދަމުން އަންނަ މި ފްރެންޗައިސްގެ ބޮލީވުޑްގެ ވާޝަން މި އަހަރުގެ އޮކްޓޫބަރު މަހު ސިނަމާތަކަށް ގެންނަން ވަނީ ނިންމާފައެވެ.
ބޮލީވުޑްގެ ތިން ވަނަ ފިލްމުގެ ލީޑް އެކްޓަރުގެ ގޮތުގައި މިފަހަރުވެސް ފެންނާނީ ކުރީގެ ދެ ފިލްމުގެވެސް ލީޑް އެކްޓަރު އަޖޭ ދޭވްގަންއެވެ. ހިންދީ ރިމޭކްގެ ތިން ވަނަ ބައިގެ ޑައިރެކްޓަރަކީ އަބިޝޭކް ޕަތަކްއެވެ.