އިންޑިއާގެ ކުރީގެ ޕަބްލިކް ޕްރޮސެކިއުޓަ އުޖްވަލް ނިކަމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް މެޑްޑޮކް ފިލްމްސްއިން އުފައްދާ "ޕްރަހާރު – ދަ އުޖްވަލް ނިކަމް ސްޓޯރީ" މި އަހަރުގެ އޮގަސްޓް މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަން ގެނެސްދޭ މި ހާއްސަ ބައޮޕިކް އަކީ، މުޅި އިންޑިއާގެ ގިނަ ބަޔަކަށް އަސަރުތަކެއް ކުރުވި ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެގޮތުން އިންޑިއާގެ މުމްބާއީއަށް ދިން 26/11ގެ ޓެރަރިޒަމްގެ ހަމަލާތަކާ ގުޅުންހުރި ބޮޑު ބައެއް މި ބައޮޕިކްގައި ހިމެނޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މީގެ އިތުރުން، 1993 ވަނަ އަހަރު އިންޑިއާގެ ބޮމްބޭއަށް ދިން ބޮމުގެ ހަމަލާއާއި 2008 ވަނަ އަހަރު މުމްބާއީގެ ރޭލަކަށް ދިން ހަމަލާތަކާ ގުޅިގެން ކުރިއަށްދިޔަ ގާނޫނީ މައްސަލަތައް މި ފިލްމުގައި ގެނެސްދޭން ވަނީ ނިންމާފައެވެ.

އިންޑިއާގެ ކުރީގެ ޕަބްލިކް ޕްރޮސެކިއުޓަ އުޖްވަލް ނިކަމް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އިންޑިއާގެ ރައްޔިތުންގެ ގިނަ ބަޔަކު ގަދަރުކުރާ ޕްރޮސެކިއުޓަ އުޖްވަލް ނިކަމްގެ ކެރެކްޓާއިން ރާޖްކުމާރު ރާއޯ ފެންނާނެއިރު މި ފިލްމުގައި ކުޅޭ ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުން ރާޖް ވަނީ ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ގާނޫނާ ގުޅުންހުރި ހާއްސަ ވޯކްޝޮޕްތަކެއް ވެސް ފުރިހަމަކޮށްފައެވެ.
އަވިނާޝް އަރުން ޑައިރެކްޓްކުރާ މި ބައޮޕިކްއިން ފެންނާނެ އިތުރު ތަރިންގެތެރޭ، ވަމީގާ ގައްބީ، ސިކަންދަރު ކޭރް އަދި ޖައިދީޕް އަހްލާވަތު ހިމެނެއެވެ.
މި ބަޔޮޕިކްގެ ލީޑް ރޯލް އެންމެ ފުރަތަމަ ހުށަހެޅީ އެކްޓަރު އާމިރު ޚާނަށެވެ.
ނަމަވެސް، އާމިރުގެ ޝެޑިއުލް ހުރިގޮތުން އެހެން ފިލްމީ މަސައްކަތްތަކަކަށް މާ ކުރިން އެއްބަސްވެފައިވާތީ ފިލްމު ފަހުން ހުށަހެޅީ ރާޖްއަށެވެ. ރާޖަކީ ކުރިން ވެސް ޕްރޮޑިއުސަރު ދިނޭޝާ އެކު މެޑްޑޮކް ފިލްމްސްގެ މަޝްހޫރު ފްރެންޗައިސް "އިސްތިރީ"ގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.