ތުހުމަތުތައް ދޮގުކުރައްވައި އޭޖީ: އަޅުގަނޑު ނުވަތަ ސަރުކާރުން ޝައްމާން ފްރޭމްކުރަންޖެހޭ ސަބަބެއް ނޯންނާނެ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ޝައްމާން ކުރެއްވި ތުހުމަތުތައް ވަނީ ދޮގުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝައްމާން ވަހީދު ކުރެއްވި ތުހުމަތުތައް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ދޮގުކުރައްވައިފިއެވެ.

މަނީލޯންޑަރިންގެ ކުށުގެ ދައުވާ ހިމެނޭހެން ތިން ދައުވާއެއް ސާބިތުވި ހުކުމުގެ ކުރިން ޝައްމާން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖޭގެ މައި ދޮރާށި ހޯމް މިނިސްޓަރު އަލީ އިހުސާން ބޭނުންފުޅުވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އެ ކަންކަން ހުއްޓުވަން މަސައްކަތްކުރުމުންނާއި އެ ކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން ޝައްމާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ ގުޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، މި ކަމުގައި ރައީސް ޑރ. މުއިއްޒު ވެސް ބައިވެރިވާ ކަމަށް ޝައްމާން ތުހުމަތުކުރެއްވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި ބޯޑާ ކޮންޓްރޯލް ވިއްކާލުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ބަންޑާރަނައިބު އުޝާމާއި އިހުސާނެވެ. އެ މައްސަލައާ ގުޅޭ ހެކި ވެސް ފުލުހުންގެ އަތުގައި މިހާރު އޮތް ޝައްމާންގެ ފޯނުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދިވެސް އެކަން ސިއްރިއްޔާތުގައި ހިނގާކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ.

ޝައްމާން މިއަދު ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން އާއިލާއެކު --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އުޝާމް ވަނީ، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. މިގޮތުން، ސަރުކާރުން ނުވަތަ އޭޖީ ޝައްމާން ފްރޭމް ކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ، ޝައްމާންގެ މައްޗަށް ދައުވާކުރީ ބަންގްލަދޭޝް މީހެއްގެ އަތުން ފައިސާ ފޭރުމުގެ މައްސަލައެއްގައި ކަމަށެވެ. އެެއީ ސިޔާސީ މައްސަލައެެއް ވެސް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މި މައްސަލައިގައި ވާނުވާ ބަންދުގައި ހުރުމަށް ފަހު، މިދިޔަ ޑިސެންބަރު 25 އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ބައެއް ސިޔާސީ ކަންކަމުގައި ވެސް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން، ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުން ވެސް މިނިސްޓަރު އިހުސާން އިސްތިއުފާދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަންސްގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ޝައްމާން ހައްޔަރުކުރީ ބިދޭސީންގެ އަތުން ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. އޭނާއާ އެކު އިތުރު ބަޔަކު ވެސް ހައްޔަރުކުރިއެވެ. ފުލުހުން ތުހުމަތުކުރަނީ އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ބަންދުން ދޫކޮށްލީ ކަމަށެވެ. ޝައްމާން މިއަދު ވިދާޅުވި ގޮތުގައި އެ މީހުން ދޫކޮށްލީ މިނިސްޓަރު އިހުސާންގެ އެންގެވުމަށެވެ.

https://sun.mv/223114

ޝައްމާން ވަނީ އޭނާ ޖަލަށްލާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ޝައްމާން ފްރޭމްކުރީ ކަމަށް ތުހުމަތުކުރައްވާފައެވެ.

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝައްމާން ވަހީދު ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ކުރެއްވި ބޮޑެތި ތުހުމަތުތައް، ބަންޑާރަނައިބު އަޙްމަދު އުޝާމް ދޮގުކުރައްވައިފިއެވެ. ޝައްމާންގެ މައްޗަށް މަނީލޯންޑަރިންގ ހިމެނޭހެން ތިން ދަޢުވާއެއް ސާބިތުވެ ޙުކުމްކުރުމުގެ ކުރިން، އޭނާ ވަނީ ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ވަކި ބަޔަކަށް ވިއްކާލުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާނާއި އޭޖީ އުޝާމް އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ބައިވެރިވުން އޮތްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މި ތުހުމަތުތަކާ ގުޅިގެން އޭޖީ އުޝާމް ވިދާޅުވީ، ޝައްމާން ފްރޭމްކުރަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށްވެސް އަދި އެމަނިކުފާނަށްވެސް ނެތްކަމަށެވެ. އަދި ޝައްމާންގެ މައްޗަށް ދަޢުވާކޮށްފައިވަނީ ބިދޭސީއެއްގެ އަތުން ފައިސާ ފޭރުމުގެ މައްސަލައެއްގައި ކަމަށާއި، މިއީ އެއްވެސް ހާލެއްގައި ސިޔާސީ މައްސަލައެއް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ. ޝައްމާން ހައްޔަރުކުރެވުނީ ބިދޭސީންގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައެވެ.

  • ޝައްމާން ވަނީ އޭނާ ފްރޭމްކުރީކަމަށް ބުނެ، ބޯޑަރު ކޮންޓްރޯލް ވިއްކާލުމުގެ ތުހުމަތު ސަރުކާރުގެ އިސްވެރިންނަށް ކޮށްފައެވެ.
  • އޭޖީ އުޝާމް ވިދާޅުވީ މިއީ ސިޔާސީ މައްސަލައެއް ނޫންކަމަށާއި، ޝައްމާންގެ މައްޗަށް ދަޢުވާކުރީ ފައިސާ ފޭރުމުގެ މައްސަލައެއްގައި ކަމަށެވެ.
  • ޝައްމާންގެ ފޯނުގައި މި މައްސަލައިގެ ހެކި ހުންނާނެކަމަށާއި، ފޯނު މިހާރު އޮތީ ފުލުހުންގެ އަތުގައިކަމަށް ޝައްމާން ވިދާޅުވިއެވެ.
  • ފައިސާ ނެގުމަށްފަހު ބިދޭސީން ދޫކޮށްލީ މިނިސްޓަރު އިޙްސާންގެ އެންގެވުމަށްކަމަށް ޝައްމާން ވަނީ ތުހުމަތުކުރައްވާފައެވެ.
  • މީގެ ކުރިން ކުރީގެ ރައީސް ޔާމީންވެސް ވަނީ ޝައްމާން ފްރޭމްކުރީކަމަށް ތުހުމަތުކުރައްވާފައެވެ.
  • ޝައްމާންގެ ފަރާތުން ސަރުކާރަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތައް އޭޖީ ވަނީ ދޮގުކުރައްވާފައެވެ.
  • ޝައްމާންގެ މައްޗަށް ހިނގަނީ ބިދޭސީންގެ އަތުން ފައިސާ ފޭރުމުގެ ޖިނާއީ މައްސަލައެކެވެ.
  • ޝައްމާންގެ ތުހުމަތުތަކުގައި ރައީސް މުޢިއްޒާއި، މިނިސްޓަރު އިޙްސާން އަދި އޭޖީ އުޝާމްގެ ނަން ހިމަނާފައިވެއެވެ.
comment ކޮމެންޓް