ބޮޑު އިންވެސްޓްމެންޓެއް ކުރުމުން ބިދޭސީންނަށް ރެޒިޑެންޓް ވިސާ ލިބޭނެ އިސްލާހެއް ގެންނަ ކަމަށް ބުނެ ފަތުރަނީ ދޮގު: އިހުސާން

މިނިސްޓަރު އިހުސާން: ބޮޑު އިންވެސްޓްމެންޓެއް ކުރުމުން ބިދޭސީންނަށް ރެޒިޑެންޓް ވިސާ ލިބޭނެ އިސްލާހެއް ގެންނަ ކަމަށް ބުނެ ފަތުރަނީ ދޮގު ކަމަށް ވިދާޅުވި -- ފޮޓޯ/ ހޯމް މިނިސްޓްރީ

ރާއްޖޭގައި ބޮޑު އިންވެސްޓްމެންޓެއް ކުރުމުން ގައުމުގައި ދިރިއުޅުމަށް ރެޒިޑެންޓް ވިސާއެއް ދިނުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ގެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލެއް ގޮތަށް ފަރުމާކޮށްފައިވާ ލިޔުމެއް ހިއްސާކުރައްވައިފައެވެ. "ފޭކް"އެއްގެ ގޮތުގައި ލޭބަލްކޮށްފައިވާ އެ ލިޔުމުގައި ވަނީ، އެއީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ކަމަށެވެ.

އެ ލިޔުމުގައި ވަނީ، ތިން ހާލަތެއްގައި ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދެވޭނެ ކަމަށެވެ. އެއީ ސަރުކާރުން ހުއްދަ ލިބިގެން އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެެއް ކުރުމުންނާއި ރާޢްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފުމުންނާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނި ކުރުމުންނެވެ.

އިހުސާން ވިދާޅުވީ، އިމިގްރޭޝަންގެ ގާނޫނަށް ގެންނަ އިސްލާހެއްކަމުގައި ބަޔާންކޮށް ދައުރު ކުރަމުން ދަނީ އަސްލެއްނެތް އަދި މޯލްޑިވްސް އިމިގްރޭޝަނުން އެއްވެސް އިރަކު ގާނޫނަށް އިސްލާހު ގެނައުމަށް ހުށެހެޅުމުގެ އެއްވެސް ވިސްނުމެއް ވެސް ހުރި އިބާރާތްތަކެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާނީ 50 ޞަފުހާ ހިމެނޭ އިމިގްރޭޝަންގެ މުޅިން އާ ގާނޫނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ ގާނޫނުގައި ރެޒިޑެންޓް ވިސާގެ ނަމުގައި އެއްވެސް ވިސާއެއް ހިމަނައިފައިނުވެއެވެ.

"ދިވެހި ރާއްޖޭގެ އިމިގްރޭޝަން ފަދަ އެއްމެހާ ރައްޔިތުންނާ ގުޅޭ ހައްސާސީ މަސައްކަތްކުރާ އިދާރާއަކާ ގުޅޭގޮތުން މިފަދަ ދޮގު ބުހުތާނު ވާހަކަ ނުފެތުރުމަށް ދަންނަވަމެވެ." އޭނާ ލިޔުއްވާފައިވެއެވެ.

ސަރުކާރުން އިމިގްރޭޝަންގެ އާ ގާނޫނެއް ފާސްކުރަން މަޖިލީހަށް ހުށަހެޅީ މި މަހުގެ ނުވައެއްގައެވެ. އެ ބިލު ހުށަހަޅައިފައިވާކަން އިއުލާންކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަން އެ ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއާއެކު އިސްރާއީލުގެ މީހުންނަށް ރާއްޖެއަށް އާދެވޭނެ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކޮށްފައިވެއެވެ. އެ މަޝްރޫއުން ތަރައްގީކުރާ ޕްރޮޕަޓީތައް 99 އަހަރު ދުވަހުގެ މުއްދަތަށް ވިއްކަން، އައު ރެއަލް އެސްޓޭޓް ބިލުން ޖާގަ ދޭތީ، އެކަމާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް