52،000 ރުފިޔާގެ މުސާރައާއެކު އެންޑީއޭގެ ސީއީއޯގެ މަގާމަށް ހުޅުވާލައިފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ---

ޖުމްލަ 52،000 ރުފިޔާގެ މުސާރައާއެކު ނޭޝަނަލް ޑްރަގް އެޖެންސީ އެންޑީއޭއަށް ސީއީއޯއަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނަނީ ވަގުތީ ގޮތުން އެ މަގާމަށް 2024 ވަނަ އަހަރުގެ ޖުލައި މަހު އައްޔަންކުރި މުހައްމަދު ރާޝިދެވެ.

އެންޑީއޭއިން މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ސީއީއޯއަކު ހޯދުމަށް އިއުލާނުކޮށްފައެވެ. އެ އިއުލާނުގައިވާ ގޮތުން ސީއީއޯއަށް މަހު މުސާރައިގެ ގޮތުގައި 23،935 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 28،095 ރުފިޔާ ލިބެއެވެ.

މީގެ ކުރިން ގަވާއިދުގައި އޮންނަނީ ސީއީއޯގެ މަގާމުގެ މުއްދަތަކީ މަދުވެގެން ތިން އަހަރު ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ އެންޑީއޭގެ ސީއީއޯ އައްޔަންކުރުމުގެ ޝަރުތުތައް ހަރުކަށިކޮށް، އެ އިދާރާގެ ބޯޑު ހިންގާ ގަވައިދު ވަނީ ނިމުނު މޭމަހުގެ ދެވަނަ ދުވަހު އިސްލާހުކޮށްފައެވެ. އަދި ސީއީއޯގެ މަގާމުގެ މުއްދަތު މިހާރު ވަނީ ފަސް އަހަރަށް އިތުރުކޮށްފައެވެ.

މީގެ އިތުރުން ސީއީއޯއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ފަހުގެ އިސްލާހުގައިވެއެވެ. އެގޮތުން މާސްޓާސްއަށްވުރެ މަތީ ފާހެއް އޮތް ނަމަ، ސީނިއާ މެނޭޖްމެންޓް ލެވެލްގެ ދެ އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށާއި އެއަށްވުރެ ދަށް ފާހެއް އޮވެއްޖެނަމަ، މަސައްކަތުގެ ތަޖުރިބާ އިތުރުވާން ޖެހޭ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

އަދި އެ މީހެއްގެ އަތުގައި އޮތީ މާސްޓާސް ޑިގްރީއެއްނަމަ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭ ކަމަށާއި ލެވެލް އަށެއް ނުވަތަ އޮނާސް ޑިގްރީއެއް އޮވެއްޖެ ނަމަ ހަތް އަހަރުގެ ތަޖުރިބާ އަދި ޑިގްރީއެއް އޮތް ނަމަ 10 އަހަރުގެ ތަޖުރިބާ ހުންނަން ޖެހެއެވެ.

https://sun.mv/221412

އެންޑީއޭއިން ވަނީ މި މަގާމަށް ހުށަހެޅުމުގެ ސުންގަޑި އަންނަ ޖުލައި މަހުގެ އަށެއްވާ ބުދަ ދުވަހުގެ މެންދުރު 14:00 އަށް ހުޅުވާލާފައެވެ. އެހެންކަމުން މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުމަށް އެ އެޖެންސީއިން ވަނީ އެދިފައެވެ.

އެންޑީއޭއިން ވަނީ އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށް ބުނެފައެވެ. އަދި އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއްފައިލަކަށް ޕީޑީއެފް ކުރުމަށްފަހު ފައިލްގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރާއިރު ސަބްޖެކްޓުގެ ގޮތުގައި މަގާމާއި ނަން ޖެހުމަށް އެ އެޖެންސީއިން ވަނީ ހަނދާންކޮށްދީފައެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދުމަށް މިހާރު ވަނީ އިއުލާނުކޮށްފައެވެ. މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 52000 ރުފިޔާ ލިބޭނެއެވެ. މި އިދާރާ ހިންގުމުގެ ގަވާއިދަށް ދާދިފަހުން ގެނެވުނު އިސްލާހާއެކު، ސީއީއޯގެ މަގާމުގެ މުއްދަތު ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށް، ޝަރުތުތައް ހަރުކަށިކޮށްފައެވެ. މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ.

  • މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ޖުމްލަ 52000 ރުފިޔާ ލިބޭނެއެވެ.
  • މަގާމުގެ މުއްދަތަކީ މިހާރު 5 އަހަރު ދުވަހެވެ.
  • ވިޔަފާރި ނުވަތަ އާންމު ހިންގުމުގެ ދާއިރާއިން މަތީ ތައުލީމާއެކު މަސައްކަތުގެ ތަޖުރިބާ ހުރުން ލާޒިމުކުރެއެވެ.
  • ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތައް އެއް ފައިލެއްގެ ގޮތުގައި އެޖެންސީގެ ރަސްމީ އީމެއިލްއަށް ހުށަހަޅަންޖެހެއެވެ.
comment ކޮމެންޓް