މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އައްޔަންކުރުމުގެ ޝަރުތުތައް ހަރުކަށިކޮށް، އެ އިދާރާގެ ބޯޑުގެ ހިންގާ ގަވައިދު އިސްލާހުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށް އަމަލުކުރަން ފަށައިފައިވާ އިސްލާހުގައި ވަނީ، އެންޑީއޭގެ ބޯޑުގައި ހިމަނަން ޖެހެނީ ނުވަ މެންބަރުން ކަމަށެވެ. އެގޮތުން މީގެ ކުރިން އެ ބޯޑުގައި ރައީސް އޮފީހުން ހިމަނަން ޖެހޭ މެންބަރު މިހާރު ވަނީ އުނިކޮށްފައެވެ. އަދި މީގެ ކުރިން އެ ބޯޑުގައި، އެމްއެންޑީއެފާއި ކަސްޓަމްސްއާއި އިމިގްރޭޝަން ހިމެނޭ ނަމަވެސް އެ އިދާރާތަކުގެ މެންބަރުން ވަނީ އުނިކޮށްފައެވެ.
ގަވައިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ދެން ބޯޑުގައި ހިމެނޭނީ:
- ދާޚިލީ ކަންކަމާބެހޭ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ
ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ - ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން
ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅާ ފަރާތެއް؛ - ޞިއްޙަތާބެހޭ ވުޒާރާ ނުވަތަ އެ ވުޒާރާގެ ދަށުން ހިނގާ ސަރުކާރުގެ
ކަމާބެހޭ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން
ޞިއްޙަތާބެހޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ - އިޖުތިމާޢީ ރައްކާތެރިކަމާބެހޭ ވުޒާރާގައި އިޖުތިމާޢީ
ރައްކާތެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތްކުރާ
މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ - ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ ވުޒާރާގައި
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މަސައްކަތްކުރާ
މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ - ޒުވާނުންގެ ކަންކަމާ ގުޅޭ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ
ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ - ތަޢުލީމާބެހޭ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން
އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ - މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބޭ ފަރާތްތަކަށް
މަސްތުވާތަކެތީގެ ފަރުވާ ދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި
މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ސާވިސްއިން ކަނޑައަޅާ
ފަރާތެއް؛ - މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ޖަމުޢިއްޔާގެ
މައިގަނޑު މަގުސަދު ކަމުގައިވާ މަދަނީ ޖަމުޢިއްޔާއެއްގެ މަންދޫބެއް
އިތުރަށް އެ އިސްލާހުގައި ވަނީ، އެންޑީއޭގެ ސީއީއޯގެ ޝަރުތުތައް ތަފުސީލުކޮށްފައެވެ. އެގޮތުން ސީއީއޯއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މާސްޓާސްއަށްވުރެ މަތީ ފާހެއް އޮތް ނަމަ، ސީނިއާ މެނޭޖްމެންޓް ލެވެލްގެ ދެ އަހަރުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. އެއަށްވުރެ ދަށް ފާހެއް އޮވެއްޖެނަމަ، މަސައްކަތުގެ ތަޖުރިބާ އިތުރުވާން ޖެހެއެވެ.
އެ މީހެއްގެ އަތުގައި އޮތީ މާސްޓާސް ޑިގްރީއެއްނަމަ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެއެވެ. އަދި ލެވެލް އަށެއް ނުވަތަ އޮނާސް ޑިގްރީއެއް އޮވެއްޖެ ނަމަ ހަތް އަހަރުގެ ތަޖުރިބާ އަދި ޑިގްރީއެއް އޮތް ނަމަ 10 އަހަރުގެ ތަޖުރިބާ ހުންނަން ޖެހެއެވެ.

މަސްތުގެ "އައްޑާ"އެއް ބަލައިފާސްކުރުން: ރާއްޖޭގެ ދިހަ ހާހަށް ވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެންޑީއޭއިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިހާތަނަށް އަމަލުކުރަމުން އައި ގަވައިދުގައި އޮންނަނީ ސީއީއޯގެ ޝަރުތަކީ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރުން ކަމަށެވެ. އެހެންނޫން ނަމަ ހިންގުމުގެ ދާއިރާ ނުވަތަ ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމުން ވެސް ޝަރުތު ފުރިހަމަވާނެ ކަމަށް ގަވައިދުގައި ކުރިން އޮތެވެ.
މީގެ ކުރިން ގަވައިދުގައި އޮންނަނީ ސީއީއޯގެ މަގާމުގެ މުއްދަތަކީ މަދުވެގެން ތިން އަހަރު ކަމަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ ފަސް އަހަރަށް އިތުރުކޮށްފައެވެ. އަދި ސީއީއޯއަށް މުސާރަ ކަނޑައަޅާނީ ފިނޭންސްގެ މަޝްވަރާގެ މަތިން އެންޑީއޭ ބޯޑުން ކަމަށް މީގެ ކުރިން އޮތް ނަމަވެސް، މިހާރު އެ ޒިންމާ ވަނީ ޕޭ ކޮމިޝަނާ ހަވާލުކޮށްފައެވެ.
މިހާރު ގަވައިދުގައި ވަނީ ސީއީއޯގެ މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ ގޮތް ކޮންމެ އަހަރަކު އެއް ފަހަރު ބޯޑުން ބަލަންވާނެ ކަމަށް އަންގައި، އެ މީހަކު މަގާމުން ވަކިކުރެވޭނެ ހާލަތްތައް ވެސް ބަޔާންކޮށްފައެވެ. އެގޮތުން، ސީއީއޯ ވަކިކުރާނީ އެންޑީއޭގެ ބޯޑުން ކަމަށާއި، އެކަމުގައި އަމަލުކުރާނީ ވަޒީފާއާ ބެހޭ ގާނޫނުގައި އޮންނަ ގޮތަށް ކަމަށް ގަވައިދުގައިވެއެވެ.
އެގޮތުން، އެންޑީއޭގެ ސީއީއޯ ވަކިކުރެވޭނެ ހާލަތްތަކުގެ ތެރޭގައި، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ދަށުން މާކްސް ލިބި، މަގާމަށް އެކަށީގެންނުވާކަމަށް ބޯޑުން ނިންމުން ހިމެނެއެވެ.
މީގެ އިތުރުން ސީއީއޯގެ މަގާމު ހުސްވެއްޖެ ނަމަ ވަގުތީ ގޮތުން ސީއީއޯއަކު އައްޔަންކުރުމާ ބެހޭ މާއްދާތަކެއް ވެސް ގަވައިދަށް އިތުރުކޮށްފައިވެއެވެ. އެގޮތުން ސީއީއޯއަށް މަސައްކަތުގެ ޒިންމާ އަދާނުކުރެވޭ ހާލަތުގައި، އެންޑީއޭގެ ބޯޑުން ވަގުތީ ސީއީއޯއެއް އައްޔަންކުރަން ވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ވަގުތީ ގޮތުން ސީއީއޯއަކަށް ހުރެވޭނީ 90 ދުވަހަށް ކަމަށާއި، އެއަށްފަހު ދާއިމީ ސީއީއޯއެއް އަައްޔަންކުރަންވާނެ ކަމަށް ގަވައިދުގައިވެއެވެ.
ހަމައެއާއެކު، ގަވައިދުގައި ވަނީ ސީއީއޯގެ މަސްއޫލިއްޔަތާއި ޒިންމާތައް ވެސް ހިމަނައިފައެވެ. އޭގެ ތެރޭގައި އެ އޭޖެންސީން ދެމުންގެންދާ އެންމެހައި ޚިދުމަތްތަކާ ގުޅޭގޮތުން ކޮންމެ ހަ މަސް ދުވަހަކުން އެއް ފަހަރު ބޯޑަށް ރިޕޯޓެއް ހުށަހެޅުމާއި ބޯޑުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި ދިމާވާ ދަތި ކަންތައްތަކާއި އެ ކަންކަން ޙައްލުކުރުމަށް ކުރެވެންހުރި ކަންކަން
ހިއްސާކުރުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެންޑީއޭގައި މިހާރު ވެސް ހުންނަވަނީ، ވަގުތީ ގޮތުން އެ މަގާމަށް ޖުލައި 2024ގައި އައްޔަންކުރި މުހައްމަދު ރާޝިދެވެ.
ރާއްޖޭގެ ދިހަ ހާހަށް ވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެންޑީއޭއިން މިދިޔަ ޖަނަވަރީ މަހު ބުނެފައިވާއިރު، އެ އިދާރާއިން އަދިވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބޭކަމުގެ ކަންބޮޑުވުންތައް ގިނައެވެ. އަދި އެންޑީއޭގެ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތާއި، އެ ތަންތަނުން ލިބޭ ފަރުވާގެ ފެންވަރާމެދު ވެސް، ދާއިރާގެ ފަންނީ މީހުން ސުވާލު އުފައްދަމުންނެވެ.