އަމިއްލައަށް ހާމަކުރަން ޖެހޭ މައުލޫމާތުތައް ހުރިހާ ވުޒާރާއަކުން ހާމަކުރުމަކީ، ސަރުކާރު ޖަވާބުދާރީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ނުވަތަ އާރްޓީއައި ގާނޫނު 2014ގައި ތަންފީޒުކުރަން ފެށި ފަހުން، ހުރިހާ ވުޒާރާތަކުން އަމިއްލައަށް ކޮންމެހެން ހާމަކުރަން ޖެހޭ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ފުރިހަމައަށް ހާމަކޮށްފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނުން ވަނީ އިއްޔެ ބުނެފައެވެ.
އެ ކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މީގެ ކުރިން އާންމުންނަށް ލިބެން ނެތް އެތައް މައުލޫމާތެއް މިހާރު ލިބެން ހުންނާނެ ކަމަށެވެ.
އެގޮތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާއި ޑިމޮކްރެޓިކް ނިޒާމެއްގެ 'ތަނބުތައް' ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ހުރިހާ ވުޒާރާތަކުން މައުލޫމާތުތައް އާންމުކުރުމަކީ، މައުލޫމާތުތައް ހޯދުމަށް އޮތް ފުރުސަތުތައް ފުޅާކޮށް، ސަރުކާރު ޖަވާބުދާރީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
"މިއީ ހާމަކަން ބޮޑު، ޖަވާބުދާރީވާ ސަރުކާރެއް ބިނާކުރުމަށް ކުރާ ދަތުރުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެ ކަން ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވި ވުޒާރާތަކުގެ މުވައްޒަފުންގެ އަގު ވަޒަންކުރައްވައި، ރައީސް ވަނީ އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، މުސްތަގުބަލިގައި ވެސް ސަރުކާރުގެ މައުލޫމާތުތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު، ދައުލަތުގެ އިދާރާތަކުން ހާމަކުރަން އެދި ހުށަހަޅާ މައުލޫމާތު ނުދޭ މައްސަލަ ވަރަށް ބޮޑެވެ. ރައީސް އޮފީހުން ވެސް އާރްޓީއައިތަކަށް ޖަވާބު ނުދޭކަމުގެ ކަންބޮޑުވުން ވަރަށް ގިނައިން ފެންމަތިވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.
މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދު ވަނީ ވެސް ރައީސް އޮފީހަށެވެ. ބައެއް މައްސަލަތަކުގައި އައިކޮމްއިން މައުލޫމާތު ދިނުމަށް އެންގުމުން ވެސް އެކަން ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ.
https://sun.mv/221661
އެ މައްސަލަތަކާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އާރުޓީއައި ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ މަހު ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ގޮތުން އަމަލުކުރަމުން އަންނަ އާރުޓީއައި ގާނޫނު އޮންނަ ގޮތުން، މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް"ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލައިގައި އިހުސާނާއި އުޝާމަށް ވެސް ފާޑުކިޔުން އަމާޒުވިއެވެ.