ޑިޕްރެޝަނަކީ ބޭރަށް ފެންނަން ހުންނަ ޒަޚަމަކަށް ނުވިޔަސް، އެއީ ހަމަ ޙަޤީޤަތުގައި ވެސް ބޮޑު ވޭނެކެވެ. އުނދަގުލެކެވެ. ތުރާލެކެވެ. އެ މުޞީބާތުން، ﷲ އަޅަމެން ސަލާމަތްކޮށްދެއްވާނދޭވެ! آمين.
ޖިސްމާނީ އެތައް ބައްޔަކުން މީހުން ބަލިވާއިރު، އެ ބަލިތަކުގެ އަސަރު ބޭރަށް ފެންނަން ހުރެއެވެ. ވަރަށް ފަސޭހައިން އެ ކަންކަން ޑަކުޓަރުންނަށް ދެނެގަނެވެއެވެ. ހޯދައިބަލާނެ ތަހުލީލުތައް ވެސް ގިނައެވެ. ބޭރުފުށަށް ލިބޭ ހާނީއްކަތައް މާ ފަސޭހައިން ފެންނަން ހުރެއެވެ. މިސާލަކަށް އަތަށް ލިބޭ ގެއްލުން، ނުވަތަ ފައި ބުރިވުން، ބިނދުން ފަދަ ކަންކަމަކީ ވަރަށް ފަސޭހައިން ފެންނަށް ހުންނަ ކަންކަމެވެ. އެއާ ޚިލާފަށް ނަފުސާނީ ބަލިމަޑުކަމުގެ ވޭންތަކަކީ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އެއީ އިންސާނާގެ ހިތާއި ނަފުސުން އުފުލާ ވޭނެކެވެ.
މިއަދު އަޅުގަނޑުމެން އުޅެމުން މި އަންނަ ދުނިޔޭގައި އެތައް މިލިޔަން މީހުން ދަނީ ޑިޕްރެޝަނާ ހަނގުރާމަކުރަމުންނެވެ. އެ މީހުން ހާސްވެ ކަންބޮޑުވެފައި ތިބޭ ވަގުތުތައް ގިނަ ވެއެވެ. އެ މީހުންނަށް އޮންނަނީ އަބަދު ވެސް ކޮންމެ ވެސް ނަފުސާނީ ދައްޗަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ބޮޑު ހިތާމައަކީ އިސްލާމީ މުޖުތަމަޢުތަކުން މީގެ ކުރިން އާންމުވެފައި ނުވާ މި ބަލި، މިއަދު އެ މީހުންގެ ތެރޭގައި ވެސް ފެތުރި އާންމުވުން ދާދިއުމެވެ.
ދީނީ ނަޒަރަކުން ޑިޕްރެޝަނާ މެދު އެއްޗެއް ބުނަންޏާ އަޅުގަނޑަށް ދެންނެވޭނީ ﷲގެ ޒިކުރުން މީހާ ދުލުހެލިވުމާ މީހާ ޑިޕްރެސްވުމާ ގުޅުމެއް ހުރިކަމަށެވެ. އީމާންތެރިކަން ބަލިކަށިވެގެން ވާ ގޮތެކޭ، މުޅިން ނުދެންނެވިޔަސް، ﷲއާއި ތިމާއާ އޮންނަ ގުޅުމަށް އަންނަ ހީނަރުކަމެކޭ ބުނެވިދާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾ )الرعد: ٢٨( މާނައީ: "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
ނަފްސާނީ ބަލިތަކަކީ ޖިސްމާނީ ބަލިތަކެއް ފަދައިން ޙަޤީޤީ ބަލިތަކެކެވެ. އީމާންކަމާ ގުޅެނީ ޑިޕްރެޝަންގެ ކޮންކަމެއް ބާއެވެ. އީމާންކަމުގެ އަހުލުވެރިން ޑިޕްރެސް ނުވާނީހެއްޔެވެ؟ ނޫނެކެވެ! އީމާންކަމުގެ ފަރުބަދަތައް ފަދަ ބޮޑެތި ރަސޫލުބޭކަލުން ވެސް ދެރަވެ މާޔޫސްވާ ކަންކަން ކުރިމަތިވިއެވެ. ކަންބޮޑުވެ އުދާސްވެގެން ކުރާނޭ ކަމެއް ނެތި ހުއްޓެވޭ ސިސާބަށް ވެސް ވަޑައިގެންނެވިއެވެ. އެހެންކަމުން ކޮންމެ އިންސާނަކަށް ވެސް ހިތާމަޔާއި ވޭން ކުރިމަތިވާ ހިނދު ޑިޕްރެޝަންގެ އަސަރު އޭނާއަށް ކޮށްފާނެއެވެ. އެއީ ބޭރަށް ފެންނަން ހުންނާނޭ ކަމެއް ނޫނެވެ. ޑިޕްރެޝަނަކީ ބޭރަށް ފެންނަން ނުހުންނަ އެތެރޭގެ ޒަޚަމެކެވެ.
ބައެއް މީހުން ހީކުރަނީ އީމާންތެރި މީހަކު ދެރަނުވާނެ ކަމަށެވެ. އެ މީހުންގެ ހިތްދަތިނުވާނޭ ކަމަށެވެ. ނުވަތަ ނަފުސާނީ ގޮތުން ބަލި ނުވާނޭ ކަމަށެވެ. އެހެނަކުންނޫނެވެ! އެއީ ޙަޤީޤަތުގައި ވެސް އިންސާނަކަށް ވީތީ ކުރިމަތިވާނޭ އިހުސާސްތަކެކެވެ. އެ ކަންކަން ދިމާނުވަންޏާ އެ މީހަކު އިންސާނެއްގެ ދަރަޖައިން ނެއްޓުނީއެވެ. ﷲގެ ނަބިއްޔާ ޔަޢުޤޫބު عليه السلام ވަނީ ޔޫސުފު عليه السلام ގެއްލުމުގެ ހިތާމަކުރައްވައިފައެވެ. އެ ކަން ބަޔާންކުރައްވައި މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ﴿وَتَوَلَّىٰ عَنْهُمْ وَقَالَ يَا أَسَفَىٰ عَلَىٰ يُوسُفَ وَابْيَضَّتْ عَيْنَاهُ مِنَ الْحُزْنِ فَهُوَ كَظِيمٌ﴾ (يوسف: ٨٤) މާނައީ: "އަދި އެކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ޔޫސުފުގެފާނުގެ މައްޗަށް އަހުރެން ކުރާ ހިތާމައެއްގެ ބޮޑުކަމާއެވެ! އަދި ހިތާމައިގެ ސަބަބުން، އެކަލޭގެފާނުގެ ލޯފުޅު ހުދުވެގެންދިޔައެވެ. ފަހެ، އެކަލޭގެފާނީ، ހިތާމަފާޅު ނުކުރައްވައި، ހިފަހައްޓަވާ ބޭކަލެކެވެ.
ޔައުޤޫބުގެފާނުގެ މި ވޭނާއި ކެކުޅުން ލޮލުން ދެކެ އަތުން ހިފި، އެކަލޭގެފާނުގެ ދަރިދަރިކަލުން ވިދާޅުވި ވާހަކައިން ވެސް އެކަލޭގެފާނު ހިތާމަފުޅުގައި ހުންނެވި މިންވަރު އެނގެއެވެ. ﴿ قَالُوا تَاللَّهِ تَفْتَأُ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضًا أَوْ تَكُونَ مِنَ الْهَالِكِينَ﴾ (يوسف: ٨٥) މާނައީ: "އެއުރެން ދެންނެވޫއެވެ. ﷲ ގަންދީ ހުވާކުރަމެވެ. ކަލޭގެފާނު ބަލި ހާލު ބޮޑުވެއްޖެއުމަށްދާނދެން، ނުވަތަ މަރުވެފައިވާ މީހުންގެ ތެރެއިން ހިމެނިއްޖައުމަށްދާނދެން، ޔޫސުފުގެފާނުމަތިން ހަނދުމަކުރެއްވުމުގައި ކަލޭގެފާނު ފިލާވަޑައިނުގަންނަވަމުއެވެ."
މި ކަމުން އެނގެނީ ޑިޕްރެޝަނަކީ ފެންނަން ނުހުންނަ ޒަޚަމެއް ކަމެވެ. އެއީ ޙަޤީޤަތުގައި ވެސް ހިތުގައި އަޅާ ވޭނެއް ކަމެވެ. އެހެނަސް އެ ވޭނުން އަރައިގަތުމަކީ ނުވާނޭ ކަމެއް ނޫނެވެ. މުސްލިމެއްގެ ހައިޘިއްޔަތުން، ޑިޕްރެޝަނުގެ ވޭނުން ސަލާމަތްވެ ހުރުމަކީ ކޮންމެހެން ކުރަން ޖެހޭނޭ ކަމެކެވެ. އެ ވޭނުގައި ތާއަބަދު މީހާ ހުރެގެން ނުވާނެއެވެ. އެ ކަމުން އަރައިގަތުމަށް ޓަކައި މުސްލިމެއްގެ ޙައިޘިއްޔަތުން ކުރެވިދާނެ ކަންކަން އެހެން ލިޔުމެއްގައި ގެނެސްދިނުމަށް ގަސްތުކޮށް، އެ ކަމަށް ނިޔަތްގަތީމެވެ.