ދިވެހި ފުލުހުންގެ އިސް ތަރުޖަމާނުކަމުގެ މަގާމުން, އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝިފާން މިއަދު ވަކިކޮށްފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ޝިފާން އެ މަގާމުން ވަކިކޮށް, ފުލުހުންގެ އާ ތަރުޖަމާނަކަށް އައްޔަންކުރައްވާފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އާރިފެވެ. އާރިފަކީ މީގެ ކުރިން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޝިފާން ތަރުޖަމާންގެ މަގާމުން ވަކިކޮށްފައި މިވަނީ އެ މަގާމުގައި އޭނާ ހުންނަވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ޝިފާނާ ދެކޮޅަށް ތުހުމަތުކުރެވޭ ބަދުއަޚުލާގީ އެކި މައްސަލަތަކާއި މަގާމުގެ ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރެވޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ ހުށަހަޅައިފައެވެ.
ޝިފާން، ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމްކުރަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލަ ނުބަލަން ނިންމީ، މަޖިލީހުގެ ނައިބު ރައީސް ކަމުން ދާދި ފަހުން ވަކިކުރި އަހުމަދު ނާޒިމާ ޝިފާނާ އޮންނަ ގުޅުމުގެ ސަބަބުން ކަމަށް ވެސް ފުލުހުންގެ އިސްވެރިންތަކެއް އޭރު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ތުހުމަތުކޮށްފައިވެއެވެ.
ނަމަވެސް، އެ ތުހުމަތުތައް ދޮގު ކުރައްވައި ޝިފާން އޭރު ވިދާޅުވީ އެއީ ޒާތީ ގޮތުން ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރަކު ވަނީ އޭނާގެ ރިކޯޑުގައި ދޮގު މައުލޫމާތުތަކެއް ހިމަނައި، ބަދަލުކޮށްފައިވާކަމަށް ވެސް ޝިފާން އޭރު ވިދާޅުވިއެވެ.