އީރާނުގައި އަދިވެސް ހަނގުރާމަ ކުރެވޭ ވަރަށް މިސައިލް އެބަހުރި: ޓްރަމްޕް

އީރާނުގައި އަދިވެސް 22 ޕަސަންޓް މިސައިލް ހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައި. ފޮޓޯ/ރޮއިޓާސް

އީރާނުގައި ހަނގުރާމަ ކުރުމުގެ ގާބިލުކަން އަދިވެސް އެބަހުރި ކަމަށާއި އެ ގައުމުގައި "21 ނުވަތަ 22 ޕަސެންޓް" މިސައިލް ބާކީ އެބަހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

ޓްރަމްްޕް އެގޮތަށް ވިދާޅުވީ އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

"އެމީހުންގެ އަތުގައި ބައެއް މިސައިލްތައް އެބަހުރި، ބައެއް ޑްރޯންތައް އެބަހުރި. އަޅުގަނޑު ދަންނަވާނީ، ޕަސެންޓް ވައިސް، ފަހަރެއްގައި 21 ނުވަތަ 22 ޕަސެންޓް މިސައިލް ހުރި ކަމަށް." ޓްރަމްޕް ވިދާޅުވިއެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ ހަނގުރާމަ ކުރުމުގެ ގާބިލްކަން އީރާންގެ ކިބައިން މުޅިން ނައްތާލާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ކުރި ނަމަވެސް ދެ ފަރާތުން އަދިވެސް އަންނަނީ ހަމަލާ ބަދަލު ކުރަމުންނެވެ.

އެގޮތުން އެމެރިކާއިން އެންމެ ފަހުން ހަމަލާ ދީފައި ވަނީ އީރާނުގެ ދެކުނު އައްސޭރީގައި ހުރި ރާޑަރު ސައިޓްތަކަށް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އެ ހަމަލާގެ ރައްދުގައި އިއްޔެވެސް އީރާނުން ވަނީ ކުވޭތާއި ބަހްރެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެހެނިހެން މުހިންމު ތަންތަނަށްވެސް ހަމަލާ ދީފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހުކުރު ދުވަހުވެސް ވަނީ ހުރްމުޒް ކަނޑުއޮޅިއާ ދިމާލުން އީރާނުން ދިން ހަތަރު ޑްރޯން ހަމަލާ ދިފާއުކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އޭގެ ފަހުން ގޯރޫކް ސިޓީއާއި ޤަޝްމް އައިލެންޑްގައި ހުރި އީރާނުގެ އައްސޭރިފަށުގެ ސަވައިލެންސް ރާޑަރު ސައިޓްތަކަށް ހަމަލާދީފައިވާ ކަމަށެވެ.

މީގެ ދެ ދުވަސް ކުރިން ކުވެއިތުން ބުނެފައިވާ ގޮތުގައި، އީރާނުން ފޮނުވާލި ބެލިސްޓިކް 30 މިސައިލެއް އެ ގައުމުން ވަނީ ހުއްޓުވައި ވައްޓާލާފައެވެ.

އޮމާން ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ދެ މަނަވަރަކަށް އަމާޒުކޮށް "އިންޒާރުގެ މިސައިލް" ފޮނުވާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިންވެސް ހުކުރު ދުވަހު ބުނެފައިވެއެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި ބަދަލުކުރާ ހަމަލާތައް ހުއްޓާލާފައި ބާއްވަން އޭޕްރީލް އަށް ވަނަ ދުވަހު އެއްބަސްވެފައި އޮތް ނަމަވެސް ހަމަލާތައް ކުރިއަށްދާއިރު، ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށްވެސް މިހާތަނަށް އާދެވިފައެއްނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވާފައިވާ ގޮތުގައި، އީރާނުގެ އަތުގައި އަދިވެސް 21 ނުވަތަ 22 އިންސައްތަ މިސައިލް ބާކީ އެބަހުއްޓެވެ. މީގެ ކުރިން އީރާނުގެ އަސްކަރީ ގާބިލުކަން އެއްކޮށް ނައްތާލެވިފައިވާކަމަށް ވިދާޅުވި ނަމަވެސް، މިހާރު ވަނީ އީރާނުގައި އަދިވެސް ހަނގުރާމަކުރުމުގެ ބާރު ހުރިކަމަށް އެއްބަސްވެވަޑައިގެންފައެވެ. ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އެމެރިކާއާއި އީރާނާ ދެމެދު އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ. އެމެރިކާއިން އީރާނުގެ ދެކުނު އައްސޭރީގައި ހުރި ރާޑަރު މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، އޭގެ ރައްދުގައި އީރާނުން ވަނީ ކުވޭތާއި ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. މީގެ އިތުރުން ކުވެއިތުން ވަނީ އީރާނުން ފޮނުވާލި 30 ބެލިސްޓިކް މިސައިލް ހުއްޓުވައި ވައްޓާލާފައެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ހުރްމުޒް ކަނޑުއޮޅިން އީރާނުގެ 4 ޑްރޯނެއް ވައްޓާލައި، އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބޮމުގެ ހަމަލާދީފައެވެ. ދެ ފަރާތުގެ ދެމެދުގައި އޭޕްރީލް 8 ވަނަ ދުވަހު ވެވިފައިވާ ވަގުތީ އެއްބަސްވުމާ ޚިލާފަށް ހަމަލާތައް ކުރިއަށްދާއިރު، ދާއިމީ ސުލްހައެއް ގާއިމުކުރެވިފައެއް ނުވެއެވެ.

  • އީރާނުގެ އަތުގައި އަދިވެސް ހަނގުރާމަކުރެވޭ ވަރަށް، އޭގެ ޖުމްލަ ނިސްބަތުން 21 ނުވަތަ 22 އިންސައްތަ މިސައިލް ހުރިކަމަށް އެމެރިކާއިން ކަށަވަރުކޮށްދިނުން.
  • އެމެރިކާއިން އީރާނުގެ ރާޑަރު މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެން، ކުވޭތާއި ބަހްރެއިންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ރައްދު ހަމަލާދިނުން.
  • ހުރްމުޒް ކަނޑުއޮޅި ސަރަހައްދުން އީރާނުން ފޮނުވާލި 4 ޑްރޯނެއް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ދިފާއުކޮށް ވައްޓާލުން އަދި ކުވެއިތުން 30 ބެލިސްޓިކް މިސައިލް ހުއްޓުވުން.
  • ވަގުތީ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވީ ނަމަވެސް، ހަމަލާތައް ބަދަލުކުރަމުންދާތީ ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައިނުވުން.
comment ކޮމެންޓް