ސަން ސިޔާމް ގުރޫޕުގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި، ނިމުނު ދެ އަހަރަށްވުރެ ޑޯނަރުން އިތުރު!

ސަން ސިޔާމް ގުރޫޕުގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

ސަން ސިޔާމް ގުރޫޕުގެ 36ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް މި އަހަރު ވެސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހަކީ މެއި މަހުގެ އަށްވަނަ ދުވަހެވެ. އެ ދުވަހަކީ ދުނިޔޭގައި ފާހަގަކުރަމުން އަންނަ ތެލެސީމިއާ ދުވަސް ވެސްމެއެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ ވެސް އެ ދުވަހާ ގުޅުވައިގެން އެ ގުރޫޕުން އަންނަނީ ލޭ ހަދިޔާކުރުމުގެ ޚާއްސަ ކޭމްޕުތަކެއް ކުންފުނީގެ ރިސޯޓުތަކުގައާއި ހެޑް އޮފީހުގެ ފަރާތުން ބާއްވަމުންނެވެ.

ސަން ސިޔާމް ގުރޫޕުގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

މިއަހަރުވެސް އަހަރީ ދުވަހާ ގުޅުވާ ލޭ ހަދިޔާކުރުމުގެ ހަ ހަރަކާތެއް ބޭއްވިއިރު، މިއަދު ވަނީ އެންމެ ފަހު ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތް ބޭއްވީ ހެޑް އޮފީހުގެ މުވައްޒަފުންނާއި މުއައްޒަފުންގެ އާއިލާތަކުން ލޭ ހަދިޔާކުރުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގައެވެ.

މިއަދުގެ ލޭ ހަދިޔާކުރުމުގެ ހަރަކާތުގައި ހެޑް އޮފީހުގެ ގިނަ އަދަދެއްގެ މުއައްޒަފުންނާއި މުއައްޒަފުންގެ އާއިލާތަކުން ވަނީ އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކޮށްފައެވެ. އަހަރަކަށްވުރެ އަހަރެއް މި ހަރަކާތުގެ ތެރެއިން އެ ކުންފުނިން ލޭ ހަދިޔާކުރާ މުވައްޒަފުން އަންނަނީ އިތުރުވަމުންނެވެ.

މިއަދުގެ ހަރަކާތް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ގުރޫޕުގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް އެންޑް ޓެލެންޓް ޑިވަލޮޕްމެންޓް އަޙްމަދު އިބްރާހިމް ވިދާޅުވީ، މި ހަރަކާތަކީ އެ ގުރޫޕުގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ނަމަވެސް މިއީ މުޖްތަމައުގައި ލޭ ބޭންނުވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ހަރަކާތެއްކަމުގައި ދެކިގެން ވަރަށް މާތް މަގްސަދެއްގައި ކުރިއަށްގެދާ ހަރަކާތެއް ކަމަށެވެ.

ސަން ސިޔާމް ގުރޫޕުގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އިސް މުއައްޒަފުންނާ ވެރިންނަށް އަދި އަޅުގަނޑުމެންގެ ވެރިންނަށްވެސް ހާއްސަކޮށް އަޅުގަނޑުމެންގެ އެމްޑީ އަދި ޗެއާމަން އަޙްމަދު ސިޔާމް މުޙައްމަދު އަދި އަޅުގަނޑުމެންގެ ސީއީއޯ އަދި މެނޭޖްމެންޓުން މިކަމަށްދޭ މުހިންމުކަމާ އެއްބާރުލުމަށް އަޅުގަނޑު ހާއްސަ ޝުކުރެއް ދަންނަވަން. ސަން ސިޔާމް ރިސޯޓްސްގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް އެންޑް ޓެލެންޓް ޑިވަލޮޕްމެންޓް އަޙްމަދު އިބްރާހިމް

އަޙްމަދު ވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން 2015 އިން ފެށިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމު ކޮވިޑް 19ގެ ބަލިމަޑުކަމަށް މެދުކަނޑައިލި ނަމަވެސް ކުރިއަށް ގެންދާތާ 11 ވަރަކަށް އަހަރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު މިދިޔަ އަހަރަށްވުރެ މިއަހަރު މުވައްޒަފުން ލޭ ހަދިޔާކުރި މިންވަރު އިތުރުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަން ސިޔާމް ގުރޫޕުގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްބީއެސްގެ ސީނިއާ ސްޕެޝަލިސްޓް ރަޖިސްޓްރާ، ޕީޑްރިއަޓިކްސް ޑރ. އަހްމަދު އުމަރު ވަނީ ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރެއްގައި ވެސް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާތީ، ގުރޫޕްގެ ހުރިހާ މުއައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އޭނާ ވަނީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ބާއްވައި، ލޭ ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުގެ އުންމީދަކީ މި ހަރަކާތް މިސާލަކަށް ބަލާ އެހެން ފަރާތްތަކުން ވެސް މިކަމުގައި ބައިވެރިވެ ލެއަށް ބޭނުންވެފައިވާ ފަރާތްތަކުން ލެއަށް ސަލާން ޖެހުން ރާއްޖޭގައި ހުއްޓުވައިލަދިނުން." ޑރ. އުމަރު ވިދާޅުވިއެވެ.

މި ހަރަކާތް ނިންމާލަމުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ސަން ސިޔާމް ގުރޫޕްގެ އެނިވާސަރީ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު ވިދާޅުވީ، ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށް ޓަކައި ކޮށްދެވޭނެ އެންމެ އާދައިގެ ނަމަވެސް އެންމެ މަތިވެރި އެއް ކަންތައް ކަމަށެވެ. އެއީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށް، ގިނަ އާއިލާތަކަކަށް އާ އުއްމީދެއް ލިބިގެންދާނެ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ސަން ސިޔާމް ގުރޫޕުގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

އޭނާ ވަނީ 2015 ވަނަ އަހަރުން ފެށީގެން އެ ގުރޫޕުން ބާއްވަމުން އަންނަ ލޭ ހަދިޔާކުރުމުގެ ކޭމްޕަކީ އެ ކުންފުނީގައި ވަރަށް މުހިންމު އަހަރީ އާދައަކަށް ވެފައިވާ ކަމެއް ކަމަށާއި ކޮންމެ އަހަރެއްގައިވެސް މި ހަރަކާތް ކުރިއަށްގެންދަނީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ މަގްސަދުގައި ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެން އެންމެ ބޮޑަށް ފަޚުރުވެރިވާ ކަމަކީ، އަހަރުން އަހަރަށް މި ހަރަކާތް ފުޅާވެ ކުރިއަރަމުންދާ މަންޒަރު ފެނުން. މި އަހަރުވެސް 550 އަށްވުރެ ގިނަ ފަރާތްތަކުން ލޭ ހަދިޔާކޮށްފައިވާއިރު މިއީ އަޅުގަނޑުމެންގެ ޓީމުގެ މެދުގައި އޮތް ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި އެއްބައިވަންތަކަން ހާމަކޮށްދޭ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް.ސަން ސިޔާމް ގުރޫޕްގެ އެނިވާސަރީ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދު

އޭނާ ވަނީ ވޭތުވެދިޔަ ކޮންމެ އަހަރަކީ ވެސް ކުރީ އަހަރަށްވުރެ ކާމިޔާބު އަހަރެއް ކަމަށާއި އަންނަ އަހަރު ވެސް އެންމެން ގުޅިގެން މިއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދޭނެ ކަމަށް ގަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތައް ސަން ސިޔާމް ގުރޫޕުގެ ފަރާތުން ފަށާފައި ވަނީ މޭ މަހުގެ ނުވަވަނަ ދުވަހު ސަން ސިޔާމް އޮޅުވެލިންނެވެ. އެއަށްފަހު ވިލުރީފާއި އިރުވެލީގެ އިތުރުން ސަން ސިޔާމްގެ އެންމެ ބޮޑު ރިސޯޓް ކަމަށްވާ ސިޔާމް ވޯލްޑާއި އިރުފުށީގައި ވެސް ވަނީ ބާއްވާފައެވެ.

ސަން ސިޔާމް ގުރޫޕުގެ 36 ވަނަ އަހަރީ ދުވަހާއި ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ސިލްސިލާ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މޭ މަހުގެ ނުވަވަނަ ދުވަހު ސަން ސިޔާމް އޮޅުވެލިން ފެށި މި ޕްރޮގްރާމް، ވިލުރީފާއި، އިރުވެލީގެ އިތުރުން ސިޔާމް ވޯލްޑާއި އިރުފުށީގައި އަދި މައި އޮފީހުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި އަހަރުގެ ހަރަކާތްތަކުގައި ޖުމްލަ 500 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ލޭ ހަދިޔާކޮށްފައެވެ. މިއީ ފާއިތުވި ދެ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ޕްރޮގްރާމަކީ 2015 ވަނަ އަހަރުން ފެށިގެން މުޖުތަމައަށް އެހީތެރިވުމުގެ މާތް މަގުސަދުގައި އެ ގުރޫޕުން ކުރިއަށްގެންދާ ހަރަކާތެކެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސް އާ ގުޅިގެން ކުރިއަށްގެންދިޔަ މި ކޭމްޕުގެ ސަބަބުން ލެއަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.

  • ސަން ސިޔާމް ގުރޫޕުގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ 6 ކޭމްޕެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
  • މި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ކުންފުނީގެ މައި އޮފީހުގެ އިތުރުން 5 ރިސޯޓެއްގައެވެ.
  • މިއަހަރުގެ ކޭމްޕުތަކުގައި 500 އަށްވުރެ ގިނަ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާތަކުން ވަނީ ލޭ ހަދިޔާކޮށްފައެވެ.
  • މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ލެއަށް ސަލާންޖެހުން ނިމުމަކަށް ގެނައުމަށް އެހީތެރިވެދިނުމެވެ.
  • މިއީ މުވައްޒަފުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އޯގާތެރިކަން ދައްކުވައިދޭ ކާމިޔާބު ހަރަކާތެއްކަމަށް އެ ގުރޫޕުން ވަނީ ފާހަގަކޮށްފައެވެ.
comment ކޮމެންޓް