ރަންވީރުއާ ދެކޮޅަށް ފެޑެރޭޝަނުން ނެރުނު ނިންމުން އަނބުރާ ގެންގޮސްފި

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޑޮން 3"އިން ވަކިވުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކުގައި، ބޮލީވުޑްގެ ފިލްމީ މަސައްކަތްތެރިންގެ އެންމެ ބޮޑު ޖަމިއްޔާ، ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ)އިން އެކްޓަރު ރަންވީރު ސިންގްއާ ދެކޮޅަށް ނެރެފައިވާ އަމުރު އަނބުރާ ގެންގޮސްފިއެވެ.

މި ނިންމުން ނިންމާފައި ވަނީ އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަނާއި، ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާގެ އިތުރުން ސިނެ އެންޑް ޓީވީ އާޓިސްޓްސް އެސޯސިއޭޝަނުން މި މައްސަލައިގެ ތެރެއަށް ވަދެ، މަޝްވަރާ ކުރުމަށްފަހުއެވެ.

އެފްޑަބްލިއުއައިސީއީގެ ރައީސް ބީއެން ތިވާރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަމާބެހޭ ޖަމިއްޔާތަކުގެ އެދުމުގެ މަތިން އެއްބާރުލުން ނުދިނުމަށް ނިންމި ނިންމުމަށް ވަގުތުން އަމަލުކުރުން ހުއްޓާލާފައިވާ ކަމަށެވެ.

އަދި އުފެއްދުންތެރިންނާއި، ޑައިރެކްޓަރުންނާއި އެކްޓަރުންނަށް ވެސް ދަތިނުވާނެ ފަދަ އެކަށީގެންވާ ހައްލެއް ހޯދުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަޝްވަރާކުރަން ޖެހޭ ކަމަށް ބީއެން ތިވާރީ ވަނީ ވިދާޅުވެފައެވެ.

ރަންވީރު ސިންގް ފިލްމު ޑައިރެކްޓަރު ފަރުހާން އަހްތާރުއާ އެކު--ފޮޓޯ/އެންޑީޓީވީ

މީގެއިތުރުން، މި މައްސަލައިގައި ވަކި ފަރާތެއް މޮޅުވެ ނުވަތަ ބަލިވެފައި ނުވާ ކަމަށާއި، ރަންވީރު ފޮނުވި ގާނޫނީ ނޯޓިހަށް އެ އިދާރާގެ ގާނޫނީ ޓީމުން ޖަވާބުދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަންވީރާ ދެކޮޅަށް މި ފިޔަވަޅު އެޅީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ ފިލްމު ޑައިރެކްޓަރު ފަރްހާން އަޚްތަރު އާއި ރިތޭޝް ސިދްވާނީ، އިންޑިއަން ފިލްމު އެންޑް ޓެލެވިޜަން ޑައިރެކްޓާސް އެސޯސިއޭޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

އެ މައްސަލަ އިތުރަށް ބެލުމަށް އެފްޑަބްލިއުއައިސީއީއާ ހަވާލު ކުރެވުމުން ރަންވީރު އަމިއްލައަށް އެ ބޯޑަށް ހާޒިރުވެ މައްސަލަ ހައްލުކުރަންދެން، ބޮލީވުޑްގެ އެއްވެސް ޓެކްނީޝަނެއް، އެކްޓަރެއް ނުވަތަ ޕްރޮޑަކްޝަން ހައުސްއަކުން އޭނާއާ އެކު މަސައްކަތް ކުރުން އޭރު ވަނީ މަނާކޮށްފައެވެ.

މި އަމުރާ ދެކޮޅަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަޑު އުފުލިއިރު ގިނަ ބަޔަކު ވަނީ ރަންވީރަށް ތާއީދުކޮށް ވާހަކަ ދައްކާފައިކަން ފާހަގަކޮށްލެވެއެވެ.

ފިލްމު "ޑޮން" ފްރެންޗައިޒްގެ އާ ފިލްމު "ޑޮން 3" އުފެއްދުމުގެ މަސައްކަތް ކުރަމުންދާތާ މިހާރު ތިން އަހަރު ވެފައިވާއިރު، ފިލްމުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.

ނަމަވެސް ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތަކަށް މިހާތަނަށް 45 ކްރޯޑް ރުޕީސްއަށްވުރެ ގިނައިން ހަރަދުވެފައިވާ ކަމަށް އުފެއްދުންތެރިން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ރަންވީރުގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފިލްމީ ދާއިރާއާއި މި ފިލްމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ރަންވީރުގެ ހިތުގައި އަބަދުވެސް ބޮޑު އިހުތިރާމެއް އޮންނާނެ ކަމަށެވެ.

އަދި "ޑޮން 3"އާ ގުޅޭގޮތުން ފެންމަތިވި މައްސަލަތަކުގައި އޭނާ ގަސްތުގައި ހަނުހުރީ، ފަންނީ މަޝްވަރާތަކާއި އަމިއްލަ ގުޅުންތަކަކީ އަބުރުވެރިކަމާއި، ފުރިހަމަ ތަސައްވަރުގެ އިތުރުން އެކަކު އަނެކަކަށް ކުރާ އިހުތިރާމާ އެކު ހައްލުކުރަންޖެހޭ ކަންކަން ކަމަށް ގަބޫލުކުރާތީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ކަމާބެހޭ އެހެނިހެން ފިލްމީ ޖަމިއްޔާތަކުން މެދުވެރިވެ މަޝްވަރާކުރުމަށްފަހު، ރަންވީރުއާ އެކު މަސައްކަތްނުކުރުމަށް އަންގާފައިވާ އެންގުން ވަނީ ވަގުތުން ހުއްޓާލާފައެވެ. މިކަމުގެ މައިގަނޑު މަގުސަދަކީ ފިލްމު އުފައްދާ ފަރާތްތަކާއި، ޑައިރެކްޓަރުން އަދި އެކްޓަރުންނަށް ވެސް ދަތިނުވާނެ ފަދަ އެކަށީގެންވާ ހައްލެއް ހޯދުމެވެ. ރަންވީރާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ފިލްމުގެ ޑައިރެކްޓަރުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. ނަމަވެސް، މި މައްސަލައިގައި ފަންނީ ގުޅުންތަކަށް އިހުތިރާމުކުރުމުގެ ގޮތުން ރަންވީރު ހަނުހުރުމަށް އިހުތިޔާރުކޮށްފައިވާކަމަށް އޭނާގެ ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ.

  • ފިލްމު ޑައިރެކްޓަރު ފަރްހާން އަޚްތަރު އާއި ރިތޭޝް ސިދްވާނީގެ ޝަކުވާއަކާ ގުޅިގެން ރަންވީރާ ދެކޮޅަށް ފިޔަވަޅު އެޅީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
  • އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަނާއި އެހެނިހެން ޖަމިއްޔާތަކުގެ މަޝްވަރާއާއެކު އަމުރު ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.
  • "ޑޮން 3" ގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތަށް މިހާތަނަށް 45 ކްރޯޑް ރުޕީސްއަށްވުރެ ގިނައިން ހަރަދުވެފައިވާކަމަށް އުފެއްދުންތެރިން ބުނެއެވެ.
  • ރަންވީރުގެ ފަރާތުން ފޮނުވި ގާނޫނީ ނޯޓިހަށް އެފްޑަބްލިއުއައިސީއީގެ ގާނޫނީ ޓީމުން ރަސްމީކޮށް ޖަވާބުދޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
  • މައްސަލަ ހައްލުކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ސުލްހަވެރި މަޝްވަރާކުރުމަށް ނިންމުން.
  • ފިލްމީ ދާއިރާގެ މަސައްކަތްތެރިންނަށް ގެއްލުން ނުވާނެ ހައްލެއް އިހުތިޔާރުކުރުން.
  • ފަންނީ އަދި އަމިއްލަ ގުޅުންތަކަށް އިހުތިރާމުކުރުމުގެ މުހިންމުކަން ދެމެހެއްޓުން.
comment ކޮމެންޓް