އެކުގައި ނޭވާލުން: އާންމު ތަންތަން ދުންފަތުގެ ދުމުން ސަލާމަތްކުރަންވީ ކީއްވެ؟

މީގެ ދުވަސްކޮޅެއް ކުރިން، ރައްޓެހިންނާއެކު ހެނދުނުގެ ނާސްތާގައި އިންދާ ދިމާވި ހާދިސާއަކީ މިއަދު ރާއްޖޭގެ އާންމު ތަންތަނުން ފެންނަ ވަރަށް އާދައިގެ، ނަމަވެސް ހިތާމަވެރި މަންޒަރެކެވެ.

އަޅުގަނޑުމެންތިބި މޭޒާ ކައިރި މޭޒެއްގައި ކުޑަކުދިން ގޮވައިގެން އައިސް ތިބި އާއިލާއަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުން ދިޔައެވެ. ނަމަވެސް، ކުއްލިއަކަށް އެ ސަރަހައްދަށް އައިސް އެތާނގައި ހުރި މޭޒެއްގައި އިށީން ބައެއްގެ ތެރެއިން މީހަކު ސިނގިރޭޓެއް ރޯކޮށްލުމާއެކު، އެ މާހައުލުގެ އުފާވެރިކަން ވަގުތުން ފަނޑުވެގެން ދިޔައެވެ.

އެއްވެސް މީހަކު ފާޅުގައި ޝަކުވާއެއް ނުކުރި ނަމަވެސް، އެ އާއިލާގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމާއި، ދުމުން ރައްކާތެރިވުމަށް އެމީހުން ކުރި މަސައްކަތުން ކަންބޮޑުވުން ހާމަވިއެވެ. އެތަނަކީ ސިގިރޭޓުބުއިން މަނާ ނިޝާން ޖަހާފައިހުރި ސަރަހައްދެކެވެ.

https://sun.mv/216297

މިއީ ހަގީގަތުގައި އެންމެ ތަނެއްގައި އަޅުގަނޑު ދުށް މަންޒަރެއް ނޫނެވެ. މިއީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އާންމުކޮށް ކަންހިނގާގޮތެވެ. އެހެންކަމުން، އަޅުގަނޑު ދެކޭގޮތުގައި، ދުންފަތް ކޮންޓްރޯލްކުރުމާއި ސިއްހީ ނުރައްކާތަކުން މުޖުތަމައު ސަލާމަތްކުރުމުގެ ބަހުސްތައް ގައުމީ ފެންވަރުގައި ކުރެވޭ މިވަގުތުގައި، އަޅުނގަޑުމެން ކުރަންވީ އެންމެ މުހިންމު އެއް ސުވާލަކީ، "އަޅުގަނޑުމެން އެންމެން ހިއްސާކުރާ ވައި ސިގިރޭޓުގެ ވިހަ ދުމުން ސަލާމަތްކުރާނީ ކިހިނެތްތޯ؟" އެވެ.

ސިގިރޭޓުބޯ މީހުންގެ މިނިވަންކަމާއި އެހެންމީހުންގެ ހައްގު

ކޮންމެ މީހަކަށްވެސް އަމިއްލަ ނިންމުންތައް ނިންމުމުގެ މިނިވަންކަން އޮންނަންޖެހެއެވެ. ނަމަވެސް، އެ ނިންމުމެއްގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ކުރާނަމަ، އެއީ ހަމައެކަނި އަމިއްލަ ކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ. ސިނގިރޭޓުގެ ދުން ވައިގެ ތެރެއަށް ފެތުރިގެންދާ ހިސާބުން، އެއީ ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ބަލި މީހުންނާއި އަދި ދުންފަތާ ދުރުގައި ތިބެން ބޭނުންވާ އެތައް ބައެއްގެ ސިއްހަތަށް ކުރިމަތިވާ ނުރައްކަލެކެވެ.

އެހެންކަމުން، އެކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރެވެން ޖެހޭނެއެވެ. އަދި ގާނޫނުގައި އަދި ގަވާއިދުގައި ނެތިގެން ކަމެއް ނުކުރެވޭނެމަ އެކަމެއް ވެސް ރަނގަޅު ކުރެވެންޖެހޭނެއެވެ. އެކަންކަން އެމަގަށް ނުކުރެވޭނެމަ، އެކަންކަމާ މަތިކޮށްފައިވާ މުއައްސަސާތަކުގެ ވެރިން އެނަންގަވާ މުސާރަޔާއި އިނާޔަތްތައް އެބޭފުޅުންނަށް ހަލާލެއް ނުވާނެކަމުގައި އަޅުގަނޑު ދެކެމެވެ.

ހަގީގަތަކީ، ދުންފަތުގެ ވިހައިން ތަޣައްޔަރުވެފައިވާ ވައިން ނޭވާލާންޖެހުމުން އެތައްބަޔަކު އެހުށަހެޅޭ ނުރައްކަލަކީ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހައްގަށްވުރެ މާބޮޑު އިސްކަމެއްދޭންޖެހޭ ކަމެކެވެ. އާންމު ޕާކުތަކާއި މަގުމަތީގައާއި ކެފޭތަކުގައި އިށީނދެލައިގެން ތިބޭއިރު، އަނެކާގެ ދުމުގެ ސަބަބުން ސިއްހަތު ނުރައްކަލަށް ހުށަނޭޅި ހުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްމެ ލިބެންޖެހެއެވެ.

https://sun.mv/213813

އާންމު މައިދާންތަކަކީ އެންމެންނަށް ރައްކާތެރި ތަންތަނަށް ވާންޖެހޭ

ދިވެހި މުޖުތަމައުގެ ބަދަހިކަމަށްޓަކައި ބޮޑެތި ހޭދަތަކެއް ކޮށްގެން ހަދާފައިވާ ޕާކުތަކާއި ކުޅިވަރު މައިދާންތަކަކީ އާއިލާތަކަށް ހިތްހަމަޖެހުން ލިބެންޖެހޭ ތަންތަނެވެ. ނަމަވެސް، މިފަދަ ގިނަ ތަންތަން މިފެންނަނީ ސިނގިރޭޓުގެ ދުމުން ތަޣައްޔަރުވެފައިވާ ތަންތަނުގެ ގޮތުގައެވެ.

އާންމުކޮށް މީހުން އެއްވާ ހުރިހާ މައިދާންތަކަކާއި ގޮނޑުދޮށްތަކާއި އަދި ޕާކުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން މުޅިން މަނާ ތަންތަން ކަމުގައި ކަނޑައެޅުން މުހިންމެވެ. އަދި މަގުތައް މަތީގައި ވެސް ސިނގިރޭޓު ބުއިމާއި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަންޖެހެއެވެ. މިއީ އެއްވެސް ބަޔަކަށް ދަތިކުރަން ކުރަންޖެހޭ ކަމެއްނޫނެވެ. މިއީ ގިނަ ބަޔަކު އެއްވާ މާހައުލުތަކަކީ އެންމެންނަށް ސިއްހީ ގޮތުން ރައްކާތެރި ތަންތަންކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެވެ.

އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ – ސިގިރޭޓުން ނަގާ ޑިއުޓީ ބޮޑުވެގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން، ޑިއުޓީ 50% ކުޑަކުރުމަށް ސަރުކާރަށް ލަފާދިން އިރު މިފަދަ ކަމަކަށް ލަފާދޭން ފަސްޖެހެން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ؟ ސަރުކާރަށް ދިން ލަފަޔާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ޑަބްލިޔުއެޗްއޯ އަށް ފޮނުވި އީމެއިލްއަށް އެފަރާތުގެ ޖަވާބެއް އަދި ލިބިފައެއް ނުވެއެވެ.

ގާނޫނު ތަންފީޒުކުރެވޭނެގޮތަށް ކަންކަން ބައްޓަންކުރުން

މިހާރު އޮންނަ އުސޫލުގެ ތެރެއިން ކެފޭ، ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ ސަރަހައްދުތައް ވަކިކޮށްފައި ހުރި ނަމަވެސް، މިއީ ތަންފީޒުނުކުރެވޭ ކަމެކެވެ. އަދި އެއުސޫލުގެ ސަބަބުން ދުންފަތުގެ ވިހަދުމުން ދުންފަތުގެ އިސްތިއުމާލު ނުކުރާމީހުން ހުށަހެޅޭ ނުރައްކަލުން ސަލާމަތްކަމެއް ނުލިބޭކަން ކަމާބެހޭ ހުރިހާ އިދާރާތަކަށް ސާފުކޮށް އެނގިވަޑައި ގަންނަވައެވެ.

https://sun.mv/222525

އަޅުގަނޑު ދެކޭގޮތުގައި، މީގެ އެއް ހައްލަކީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަކީ "ދުންފަތުގެ އިސްތިއުމާލުކުރާ" ނުވަތަ "ނުކުރާ" ތަންތަނުގެ ގޮތުގައި މުޅިން ވަކިކުރުމެވެ. އޭރުން ކަސްޓަމަރުންނަށް އެމީހުން ބޭނުންވާ މާހައުލެއް ހިޔާރުކުރުމުގެ ފުރިހަމަ ފުރުސަތު ލިބިގެންދާނެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުތަކެއް ހުރި ނަމަވެސް، އޭގެ ހަގީގީ ނަތީޖާ ފެންނާނީ އެކަން ހަރުދަނާކަމާއެކު ތަންފީޒުކޮށްގެންނެވެ. މަނާ ތަންތަނުގައި ސިނގިރޭޓު ބޯ މީހުންނަށް ފިޔަވަޅު ނޭޅޭނަމަ، އެ ގަވާއިދުތަކުގެ އެއްވެސް ބާރެއް ނޯންނާނެއެވެ. ހަމައެކަނި ބޯޑެއް ހަރުކުރުމުގެ ބަދަލުގައި، ގަވާއިދުން މޮނިޓަކޮށް، އިހުތިރާމްކުރާ މުޖުތަމައެއް ބިނާކުރަން ޖެހެއެވެ. އަދި ގާނޫނެއް ނުވަތަ ގަވާއިދެއް ތަންފީޒު ނުކުރެވޭނަމަ، އެކަން ކުރެވޭނެތޮގެއް ހޯދުމަކީ ވެސް ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެކެވެ.

ދުންފަތުގެ ވިހަދުމުން ސަލާމަތްކަން ލިބިދިނުމަކީ، ދުޅަހެޔޮ މުޖުތަމައެއްގައި ލިބެންޖެހޭ އަސާސީ ހައްގެކެވެ. ދުންފަތުން ސަލާމަތްވެފައިވާ ގައުމަކަށް ވާން ބޭނުންނަމަ، ފުރަތަމަ ކުރަންޖެހޭ ކަމަކީ އެންމެން ހިއްސާކުރާ ވައިކޮޅަކީ އެންމެންގެ ހައްގެއްކަން ގަބޫލުކޮށް، އެކަން އަމަލުން ދެއްކުމެވެ.

ދިވެހިރާއްޖޭގެ އާންމު މައިދާންތަކާއި، ޕާކުތަކާއި، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މިހާރު އާންމުވެފައިވާ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އަދި ތަފާތު ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޮޑެތި ސިއްހީ ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ. ކޮންމެ ފަރުދަކަށްމެ އަމިއްލަ ނިންމުންތައް ނިންމުމުގެ މިނިވަންކަން ލިބިގެންވީ ނަމަވެސް، ސިނގިރޭޓުގެ ވިހަ ދުމުގެ ސަބަބުން އެހެން މީހުންގެ ސިއްހަތަށާއި ފުރާނައަށް ގެއްލުންވުމަކީ މުޖުތަމައެއްގައި އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި ނުރައްކާތެރި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ކެފޭ އަދި ރެސްޓޯރަންޓުތަކަކީ މުޅިން ދުންފަތުގެ އިސްތިއުމާލުކުރާ ނުވަތަ ނުކުރާ ތަންތަނުގެ ގޮތުގައި ސާފުކޮށް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، އާންމު މައިދާންތަކާއި ގޮނޑުދޮށްތަކުގައި ސިނގިރޭޓު ބުއިން މަނާކޮށް، އެކަން ހަރުކަށިކޮށް ތަންފީޒުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ދުންފަތް ކޮންޓްރޯލްކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތަކުން އިތުރަށް ޒިންމާދާރުވެ، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

  • އާންމު ތަންތަނުގައި ސިނގިރޭޓު ބުއިމުގެ ސަބަބުން އެހެން މީހުންނަށް ލިބޭ ސިއްހީ ގެއްލުންތަކުން ރައްކާތެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިދިނުން.
  • އާއިލާތަކާއި ކުޑަކުދިން ބޭނުންކުރާ ޕާކުތަކާއި ކުޅިވަރު މައިދާންތަކަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ ރައްކާތެރި މާހައުލަކަށް ހެދުން.
  • ކެފޭ އަދި ރެސްޓޯރަންޓުތައް ދުންފަތުގެ އިސްތިއުމާލުކުރާ ނުވަތަ ނުކުރާ ތަންތަނުގެ ގޮތުގައި މުޅިން ވަކިކޮށް، އުސޫލުތައް ހަރުދަނާކުރުން.
  • ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކޮށް، އެކަންކަމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
comment ކޮމެންޓް