ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނޭވާ ސީއެސްއެމް) ގުޅިގެން ބ. ދަރަވަންދޫގައި މުރަކަތައް ދިރުވައި އާލާކުރުމުގެ ޕްރޮގްރާމަކަށް އެހީތެރިކަން ދޭން އެއްބަސްވެއްޖެއެވެ.
ދިރާގުން ބުނީ ސޮނޭވާ ސީއެސްއެމާއެކު ގާއިމްކުރި މި ޕާޓްނާޝިޕްގެ ދަށުން ދަރަވަންދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް"އަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ.
އެގޮތުން ސޮނޭވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި ދަރަވަންދޫގައި ގާއިމުވެ މަސައްކަތްކުރާ މަދަނީ ޖަމިއްޔާ މުރަކަ ފާމްގެ އެއްބާރުލުމާއެކު އެ ރަށުގެ ފަރުގެ ދިރުން އާލާކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
އޭގެ އިތުރުން އެ ޕްރޮގްރާމުގެ ތެރެއިން ފަރު ދިރުވައި އާލާކުރުމުގެ ފަންނީ މަސައްކަތް ދަސްކޮށްދީ ޒަމާނީ ރިސާޗާއި ސައިންސްގެ އަލީގައި ދަރިވަރުންނާއި އެ މަސައްކަތަށް ޝައުގުވެރިވާ ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމުން ތަމްރީނުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ފާހަގަކުރިގޮތުގައި ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ، އަދި ހަނިފަރު ބޭއާ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތަކަކީ އެ ރަށުގެ ފަތުރުވެރިކަމަށާއި މަސްވެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެކެވެ.
އެ ކުންފުނިން ބުނީ މި ޕްރޮގްރާމުގެ ދަށުން ފަރުތައް އާލާކޮށް ބެލެހެއްޓުމުގެ އަމަލީ ތަމްރީނު ދަރަވަންދޫ ޒުވާނުންނަށް ފޯރުކޮށްދިނުމަށާއި ގިނަވެގެން 50 ނާސަރީ ސްޓްރަކްޗާ އެކުލެވޭގޮތަށް ކޮމިއުނިޓީ މުރަކަ ނާސަރީއެއް ގާއިމުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކަށްފަހު މި އަހަރުގެ ފަހުކޮޅު ދަރަވަންދޫގައި ފަރުތައް އާލާކުރުމުގެ އަމަލީ ހަރަކާތްތަކާއެކު ޚާއްސަ ފެސްޓިވަލެއް ވެސް ބޭއްވުމަށް ރޭވިފައިވާ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
މި ޕާޓްނަޝިޕާ ގުޅޭ ގޮތުން ދިރާގުގެ ސީނިއާ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ ބިޝާރާ ޙަމީދު ވިދާޅުވީ، ދަރަވަންދޫގައި މުރަކަތައް ދިރުވައި އާލާކުރުމުގެ ޕްރޮގްރާމަކީ މުޖުތަމައުގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށެވެ.
"މީގެ ސަބަބުން މުރަކަ އާލާކުރުމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އަށަގަންނުވައި އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ،" ބިޝާރާ ވިދާޅުވިއެވެ.
ސޮނޭވާ ސީއެސްއެމްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް ޑރ. ޖޯހާނާ ލިއޮންހާޑް ވިދާޅުވިގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އަމަލީ ތަމުރީނުތަކާއެކު މުޖުތަމައު ބާރުވެރިކޮށް، މުރަކަ އާލާކުރުމާއި ފަރުތައް ބެލެހެއްޓުމުގެ މަސައްކަތް ދަރަވަންދޫ އާންމުންގެ އިސްނެގުމުގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ މީގެ (މި ޕްރޮގްރާމުގެ) ސަބަބުން އެ ރަށުގެ ފަރަށް ހެޔޮ ބަދަލުތަކެއް އައުމުގެ އިތުރުން، މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތަކަށް ވެގެންދިޔުން." ޖޮހާނާ ވިދާޅުވިއެވެ.
ސޮނޭވާ ސީއެސްއެމަކީ މުރަކަ އާލާކޮށް ކަނޑުގެ ދިރާސާތައް ކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން މުޖުތަމައުގެ ޒިންމާދާރުކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަސައްކަތްތައް ބިނާވެފައިވަނީ ސައިންޓިފިކް ދިރާސާތަކާއި އަމަލީގޮތުން ފަރުތައް އިއާދަކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމާއި ރާއްޖޭގެ ފަރުތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދިރުންތައް ދެމެހެއްޓުމަށްޓަކައި ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެ ޖަމިއްޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.