ހޫނު މޫސުމުގައި ރާއްޖެއަށް ގިނަ ފަތުރުވެރިން ގެނައުމަށް ދޭން ޖެހޭ ސަމާލުކަން މިހާރަށް ވުރެ ބޮޑުކުރަން ޖެހޭ ކަމަށް ޓޫރިޒަމް ދާއިރާގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތުގެ ތަޖުރިބާކާރެއްކަމަށްވާ އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ދޭންޖެހޭ ސަމާލުކަމާއި އިޝްތިހާރުކުރުން ކުޑަވުމުގެ ސަބަބުން، ކުރިއަށް އޮތް ހޫނު މޫސުމުގައި މާކެޓް ކުރިއަރާ މިންވަރު މަޑުޖެހުމަކީ އެކަށީގެންވާ ކަމެއް ކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ފިރާޤް ވިދާޅުވި ގޮތުގައި އޭޝިއާ ސަރަހައްދުގެ ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް މަދުކުރަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ނޭދެވޭ އަސަރެއް ކުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފިރާޤް ސިފަކުރެއްވިއެވެ.
މި ހާލަތާ ގުޅޭގޮތުން ފިރާޤް "ސަން" އަށް ވިދާޅުވީ، މިއީ ވިސްނުން ބަދަލުކޮށް މިހާރަށް ވުރެ ބޮޑަށް ފަތުރުވެރިކަމުގެ މާކެޓަށް ވިސްނަން ޖެހޭ ވަގުތު ކަމަށާއި އެހެން ނަމަވެސް މިއަދު މި ފެންނަ މަންޒަރުން ކުރިއަށް ތަނުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ބޭނުންވާ ވަރަށް ފަތުރުވެރިންގެ މާކެޓް ވަރުގަދަ ނުކުރެވުން ކަމަށެެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެއިން ވާދަވެރިކަން ދަމަހައްޓަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށް، މާކެޓުގެ އާ ހަގީގަތްތަކަށް ހޭނި، ވާދަވެރިކަން ދަމަހައްޓައި ފަތުރުވެރިކަމުގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި މާކެޓިންގް ވަރުގަދަކުރަންވީ ވަގުތު. އަޅުގަނޑުމެން އެބަ ޖެހޭ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެއިން ވާދަވެރިކަން ދަމަހައްޓަން،" ފިރާޤް ވިދާޅުވިއެވެ.
ފިރާގް ގެންދަވަނީ ޓޫރިޒަމާއި، ވައުގެ ދަތުރުފަތުރާ ގުޅުންހުރި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. އަދި ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ޓަކައި ވަރަށް ގިނަ ކަންކަމުގައި އޭނާގެ ޚިޔާލު ފާޅުކުރައްވައެވެެ.