ފަހުވަގުތު ޖެހި ލަނޑާއެކު ރާއްޖެ ބަލިކޮށް އަފްޢާނިސްތާނަށް ރަނގަޅު ފެށުމެއް

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެއާއި އަފްޢާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް" ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވީ އަފްޢާނިސްތާނާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު އަފްގާނިސްތާނުން މިވަނީ ރާއްޖޭގެ މައްޗަށް ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދާފައެވެ. އަދި މިއީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގެ ތިންވަނަ ހޮވި މެޗުގައި އަފްގާނިސްތާން އަތުން ރާއްޖެ މޮޅުވި ފަހުން، މި ދެ ޓީމު ރާއްޖޭގެ ފަސްގަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެއާއި އަފްޢާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ހާއްސަކޮށް އަފްގާނިސްތާނުގެ އޮމިދު މުސާވީ އާއި އަމީން ނަބީޒާދާ ރާއްޖޭގެ ބެކްލައިނަށް ވަރަށް ބޮޑަށް ބާރުބޮޑުކުރިއެވެ.

ނަމަވެސް ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ ހުސިޔާރުކަމާއެކު ގިނަ ބޯޅަތަކެއް ދިފާއުކޮށްފައެވެ.

ވިއްސާރައިގެ ތެރޭގައި ކުޅުނު ދެވަނަ ހާފުގައި ރާއްޖޭގެ އެޓޭކް ވަރުގަދަކުރުމަށް އަލީ ފާސިރު (ސެންޓޭ)، ނާއިޒު ހަސަން (ދާދު) އަދި ނައްސާހު އިބްރާހިމް ނާސިރު ކުޅެން އެރުވިއެވެ.

މި ބަދަލުތަކާއެކު ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާނާއި، އަހުމަދު އައިހަމް (ފަތޯ) އަދި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްވިއެވެ. ނަމަވެސް ހަމަލާތަކުގެ ނިންމުން ގޯސްވުމުގެ ސަބަބުން ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.

މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 80 ވަނަ މިނިޓުގައެވެ. ރާއްޖޭގެ އޭރިޔާ ތެރެއަށް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަފްގާނިސްތާނުގެ ކެޕްޓަން އޯމިދް ޕޮޕަލްޒޭ ބޮލުން ދިން ބޯޅަ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ފޯވާޑް ރޯމަން ފާޒީ ވަނީ އެއްފަހަރުން ޖަހާ ގޯލުގެ ތިރީ ކަނަށް ފޮނުވާލާފައެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެއާއި އަފްޢާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މި ލަނޑަށްފަހު ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ ލެޖެންޑަރީ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރިއެވެ. މިއީ ގައުމީ ޓީމަށް އޭނާ ކުޅެދިން 100 ވަނަ މެޗެވެ.

މިއާއެކު ދަގަނޑޭ ވެގެން ގޮސްފައިވަނީ ކުރީގެ ކީޕަރު އިމްރާން މުހައްމަދަށްފަހު ގައުމީ ޓީމަށް 100 މެޗު ހަމަކުރި ދެވަނަ ކުޅުންތެރިޔާއަށެވެ.

ދުނިޔޭގެ ރޭންކިންގެ 169 ވަނައިގައި އޮތް އަފްގާނިސްތާން އަތުން 172 ވަނައިގައި އޮތް ރާއްޖެ ބަލިވީ ނަމަވެސް، މުޅި މެޗަށް ބަލާއިރު ގައުމީ ޓީމުން ވަނީ ރަނގަޅު ހިތްވަރެއްލައި ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ.

ޖުމްލަ ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ ހަވީރު 4:00 ގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި އެރޭ ކުޅޭ މެޗުގައި އަފްގާނިސްތާނާއި ޕާކިސްތާން ބައްދަލުކުރާނެއެވެ.

ލީގު އުސޫލުން ކުޅެ އެންމެ ކުރި ހޯދާ ދެ ޓީމު ފައިނަލަށް ދާއިރު، ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

comment ކޮމެންޓް