ޖަރުމަނު ބަލިކޮށް އެކުއެޑޯއިން ތާރީޚީ މޮޅަކާއެކު ދެވަނަ ބުރަށް

ޖަރުމަނު ކޮޅަށް ލަނޑު ޖެހުމަށްފަހު އެކުއެޑޯގެ ކުޅުންތެރިން--

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ދުނިޔޭގެ ވަރުގަދަ ބާރެއް ކަމަށްވާ ޖަރުމަނު 2-1 ގެ ނަތީޖާއަކުން ބަލިކޮށް އެކުއެޑޯ އިން ތާރީޚީ މޮޅެއް ހޯދައި ދެވަނަ ބުރު ކަށަވަރުކޮށްފިއެވެ.

ނިއު ޔޯކް ސިޓީގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އެކުއެޑޯ ހޯދި މޮޅުގެ އިތުރުން މި ގްރޫޕްގައި ހިމެނޭ އައިވަރީ ކޯސްޓުން ވަނީ ކިއުރުސާއޯ އަތުން 2-0 އިން މޮޅުވެ، އެ ޓީމުގެ ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މެޗަށް ނުކުތްއިރު ކުރިން ކުޅުނު ދެ މެޗުން މޮޅުވެ ޖަރުމަނަށް ވަނީ ދެވަނަބުރުގެ ޖާގައެއް ލިބިފައެވެ. އެހެންނަމަވެސް ގްރޫޕްގެ މެޗުތައް ނިމުނުއިރު، ޖަރުމަނަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުން ހަ ޕޮއިންޓާއެކުގައެވެ.

ދެވަނައިގައި އޮތް އައިވަރީ ކޯސްޓަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެކުއެޑޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މި ނަތީޖާއާއެކު އެކުއެޑޯއަށް ފުރުސަތު ލިބުނީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. މި ގްރޫޕްގެ ފުލަށްދިޔަ ކިއުރުސާއޯ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ޖަރުމަނާއި އެކުއެޑޯ ބައްދަލުކުރި މެޗު ފަށައިގެން ދެވަނަ މިނިޓްގައި ކައި ހަވާޓްޒް ދިން މޮޅު ބޯޅައަކުން ލެެރޯއި ސާނޭ ވަނީ ގޯލެއް ޖަހައި ޖަރުމަނަށް ލީޑު ހޯދައިދީފައެވެ.

ޖަރުމަނަށް ލަނޑު ޖަހައިދިނުމަށްފަހު ލެރޯއި ސާނޭ--

އެކުއެޑޯގެ ކުޅުންތެރިން މާޔޫސްނުވެ މެޗުގެ 9 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރިއެވެ. މިއީ އޭރިއާ ބޭރުން ނިލްސަން އަންގޫލޯ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ޖަމާލް މުސިއާލާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެކުއެޑޯގެ ވިލިއަން ޕަޗޯ ވަނީ ހުއްޓުވާފައެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ، ޖަރުމަނުގެ ކައި ހަވާޓްޒްއަށް އެކުއެޑޯގެ ޑިފެންޑަރު ޖޮއެލް އޮޑޯނިއޭޒް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ.

ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ނިންމީ އެ އެޓޭކް ފެށުނުއިރު ޖަރުމަނުން ފައުލެއް ކޮށްފައިވާތީ ޕެނަލްޓީ ނުދޭށެވެ. އޭގެ ފަހުން އެކުއެޑޯގެ އެނާ ވެލެންސިއާ ޖެހި ޝޮޓެއް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ދިފާއުކުރިއެވެ.

އެކުއެޑޯއިން މެޗުން މޮޅުވި ލަނޑު ޖެހީ 77 ވަނަ މިނިޓްގައެވެ. ކޯނަރަކުން ލިބުނު ފުރުސަތެއްގައި، ކީޕަރު ނޯޔާއަށްވުރެ ކުރިން ބޯޅައަށް އަރައި ގޮންޒާލޯ ޕްލާޓާ ވައްދާލި މި ލަނޑާއެކު މުޅި ސްޓޭޑިއަމުގައި ތިބި އެގައުމުގެ ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ.

ފީފާ ވޯލްޑް ކަޕުގައި ޖަރުމަނާއި އެކުއެޑޯ ކުޅުނު މެޗުގެ ތެރެއިން--

މި ގްރޫޕްގެ އަނެއް މެޗުގައި ކިއުރަސާއޯއާ ދެކޮޅަށް މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ، އައިވަރީ ކޯސްޓުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 7 ވަނަ މިނިޓްގައި ޔަން ޑިއޮމަންޑޭ ނެގި ހުރަހަކުން ޕެޕޭ ވަނީ ލަނޑެއް ޖަހައި އައިވަރީ ކޯސްޓަށް ލީޑު ހޯދައިދީފައެވެ.

އަދި މެޗުގެ 64 ވަނަ މިނިޓްގައި އިބްރާހިމް ސަންގާރޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، 2-0 އިން ޓީމު މޮޅުކޮށްދީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މި ނަތީޖާތަކާއެކު އެކުއެޑޯ ދެވަނަ ބުރުގައި އިންގްލޭންޑާ ބައްދަލުކުރުމުގެ ފުރުސަތު ބޮޑުވިއިރު، މިއީ ތިންވަނަ ހޮވޭ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދާން އުއްމީދުކޮށްގެން ތިބި ސްކޮޓްލޭންޑަށް ލިބުނު ދެރަ ޚަބަރެކެވެ.

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުތަކަށްފަހު، ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރެއް ކަމަށްވާ ޖަރުމަނު 2-1 އިން ބަލިކޮށް އެކުއެޑޯއިން ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޖަރުމަނުގެ ލެރޯއި ސާނޭ ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އެކުއެޑޯއިން ވަނީ ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެކުއެޑޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނިލްސަން އަންގޫލޯ އަދި ގޮންޒާލޯ ޕްލާޓާއެވެ. މިއާއެކު އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އެކުއެޑޯއަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ލިބިފައެވެ. މީގެ އިތުރުން، މި ގްރޫޕުގައި ހިމެނޭ އައިވަރީ ކޯސްޓުން ވަނީ ކިއުރަސާއޯގެ މައްޗަށް 2-0 އިން ކުރިހޯދައި، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އައިވަރީ ކޯސްޓުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޕެޕޭއެވެ. ގްރޫޕްގެ މެޗުތައް ނިމުނުއިރު، ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ޖަރުމަނަށް ލިބުނުއިރު، ދެވަނަ ލިބުނީ ހަ ޕޮއިންޓާއެކު އައިވަރީ ކޯސްޓަށެވެ. އެކުއެޑޯއަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލަށްދިޔަ ކިއުރަސާއޯއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

  • ދުނިޔޭގެ ގަދަބާރެއް ކަމަށްވާ ޖަރުމަނުގެ މައްޗަށް 2-1 އިން ކުރިހޯދައި، އެންމެ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އެކުއެޑޯ ދެވަނަ ބުރަށް ވަނީ ގޮސްފައެވެ.
  • ކިއުރަސާއޯ ބަލިކޮށް، އައިވަރީ ކޯސްޓުން އެ ގައުމުގެ ފުޓުބޯޅަ ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދިއެވެ.
  • ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ޖަރުމަނަށް ލިބުނުއިރު، ދެވަނަ ލިބުނީ ހަ ޕޮއިންޓާއެކު އައިވަރީ ކޯސްޓަށެވެ. އަދި އެކުއެޑޯއަށް ލިބުނީ ހަތަރު ޕޮއިންޓެވެ.
  • މެޗުގެ ނަތީޖާއާއެކު އެކުއެޑޯ ދެވަނަ ބުރުގައި އިންގްލޭންޑާ ބައްދަލުކުރުމުގެ ފުރުސަތު ބޮޑުވެފައިވާއިރު، މިއީ ސްކޮޓްލޭންޑަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ.
  • ވީއޭއާރުގެ އެހީގައި ޖަރުމަނަށް ލިބެންޖެހޭ ކަމަށް ބެލެވުނު ޕެނަލްޓީއެއް ރެފްރީ ވަނީ ކެންސަލްކޮށްފައެވެ.
comment ކޮމެންޓް