ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދެމުންދިޔަ މެޑިކަލް ވެލްފެއާ ސްކީމްގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށް، އެހީއަށް އެދި ހުށަހަޅާ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ބަދަލާއެކު، މީގެ ކުރިން ބޭނުންކުރަމުން އައި "ވިރަ ފޯމް" ވަނީ ހުއްޓާލާފައެވެ.
އެންސްޕާއާއި އާސަންދަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ދެން ބޭސްފަރުވާގެ އެހީއަށް އެދި ހުށަހަޅަން ޖެހޭނީ "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށެވެ.
މި ބަދަލުގެ ސަބަބުން އާސަންދަ ސްކީމާއި އެންސްޕާގެ ވެލްފެއާ ސްކީމްގެ ދަށުން ލިބޭ އެހީތަކަށް އެއް ފުރާޅެއްގެ ދަށުން އެދުމުގެ މަގު ފަހިވެ، އިދާރީ މަސައްކަތްތައް ހަރުދަނާވެގެންދާނެއެވެ.
މި ބަދަލާއެކު އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ. އޭގެ ތެރޭގައި މެޑިކަލް އިވެކުއޭޝަންގައި ގެންނަ ފަރާތްތައް ފަރުވާ ނިމުމުން އެނބުރި ރަށަށް ދިއުމުގެ ޓިކެޓް ހަމަޖައްސައިދިނުމާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ތިން ވަނަ ޓިކެޓާއި ދެވަނަ އެސްކޯޓުގެ ޓިކެޓް ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް ހަމަޖައްސައިދިނުން ހިމެނެއެވެ.
މީގެ އިތުރުން، ކެންސަރާއި ގޯޝާ ފަދަ ބޮޑެތި ބަލިތަކަށް ބޭނުންވާ، ކުރިން އާސަންދައިން ނުލިބޭ ބޭސްތައް އެޕްރޫވްޑް ޑްރަގް ލިސްޓް (އޭޑީއެލް) ގައި ހިމަނައިގެން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް އެމަޖެންސީ ހާލަތްތަކުގައި އާސަންދަ އެމްޕެނަލް ކުރެވިފައިވާ ހޮސްޕިޓަލްތަކުން ޚިދުމަތް ލިބޭނެ ގޮތަށް "މެރަނަ" ސްކީމް ވެސް ވަނީ ފުޅާކޮށްފައެވެ.
އާ އުސޫލުގެ ދަށުން، ކުރިން އާސަންދައިން ކަވަރު ނުކުރާ ޓެސްޓްތަކާއި، މެޑިކަލް ޑިވައިސްތަކުގެ އިތުރުން ތެލަސީމިއާ ކުދިންގެ ބޯންމެރޯ ފޮލޯއަޕްތަކަށް ވެސް އާސަންދައިން އެހީ ލިބޭނެއެވެ. އަދި ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، ބަލިމީހާގެ ހާލަތަށާއި ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ބަލައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިޚްތިޔާރު ވެސް މިހާރު އާސަންދައަށް ވަނީ ދީފައެވެ.
މި ބަދަލުތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އާސަންދައިގެ ހޮޓްލައިން ނަންބަރު 1400 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. މި ބަދަލަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްކޮށް، ލުއިފަސޭހަ ކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރިއަށް ގެންދާ 'މެޑިކަލް ވެލްފެއާ ސްކީމް' ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފައިވަނީ މިއަދުއެވެ.
ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން އެންސްޕާއިން ކުރިއަށް ގެންދާ 'މެޑިކަލް ވެލްފެއާ ސްކީމް' ގެ ދަށުން ދެމުންގެންދާ 16 ޚިދުމަތެއް މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.
އާސަންދައަކީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގާ އެއް ސްކީމެވެ. ދައުލަތުން އާސަންދަ ނިޒާމުގެ ތެރެއިން ބޭހަށް ބޮޑު ހޭދައެއް ކުރަމުންދާއިރު ވެސް، ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ މިހާރު އޮތް ބޮޑު ކަންބޮޑުވުމެކެވެ.