ދިވެހި 20 މެޑިކަލް ގްރެޖުއޭޓުންނަށް ކޮންމެ އަހަރަކު ލަންކާގެ ހޮސްޕިޓަލަކުން އިންޓާންޝިޕް ފުރުސަތު ލިބޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރޯޝަނީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ޢަބްދުއްސަމަދު ޢަބްދުﷲއާއި ސުވަސެވަނަ ހޮސްޕިޓަލުގެ ޑިރެކްޓަރު ބަންޑުލާ އެގޮޑަގޭއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މި އެއްބަސްވުމަކީ ރާއްޖޭގެ މެޑިކަލް ގްރެޖުއޭޓުންނަށް ބޭނުންވާ ކްލިނިކަލް ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމަށް ހުޅުވުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދިވެހިންނަށް އިންޓާންޝިޕް ހޯދުމަށް ލަންކާގެ ހޮސްޕިޓަލަކާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ހެލްތު މިނިސްޓްރީ
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކު ސުވެސަނަ ހޮސްޕިޓަލުން 20 ދިވެހި ދަރިވަރުން ތަމްރީނުކޮށްދޭނެއެވެ. އަދި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގައި ލަންކާއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސުވެސަނަ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވީ، އެ ހޮސްޕިޓަލުން ސަރަހައްދީ ފެންވަރުގައި ފާހަގަކުރެވޭ ޚިދުމަތްތަކެއް ލިބޭނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޒަމާނީ، ސިއްހީ އާލާތްތަކާއެކު، ދިވެހި ދަރިވަރުންނަށް ރަނގަޅު ތަމްރީނުތަކެއް ދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ދަރިވަރުންނަށް ތަމްރީނު ދިނުމަށް ބައިވެރިވުމަކީ، އެ ހޮސްޕިޓަލަސް ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މިނިސްޓަރު ގީލާ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ހެލްތު މިނިސްޓްރީ
ސުވަސެވަނަ ހޮސްޕިޓަލަކީ ލަންކާގައި ޚިދުމަތްދޭތާ 40 އަހަރުވެފައިވާ ޕްރައިވެޓް ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން ސައުވީސް ގަޑިއިރު އިމަޖެންސީ ޚިދުމަތްތައް ލިބޭއިރު، އޯޕީޑީ ޚިދުމަތްތަކާއި އިންޕޭޝަންޓު ޚިދުމަތްތައް ވެސް ފޯރުކޮށްދެއެވެ.
ލަންކާގެ ހޮސްޕިޓަލަކުން މެޑިކަލް އިންޓާންޝިޕުގެ ފުރުސަތުތައް ހޯދާއިރު، ރާއްޖޭގައި މި ފުރުސަތު ދެނީ ހަތަރު ހޮސްޕިޓަލަކުންނެވެ. އެއީ، އައިޖީއެމްއެޗާއި އޭޑީކޭއާއި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީ ޑޮކްޓަރުން ކަމަށް އިއްޔެ ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އުއްމީދަކީ ގިނަ ދިވެހީންނާއެކު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރަކު ވެސް ކިޔަވާ ނިންމައިގެން ގިނަ ދިވެހި ޑޮކްޓަރުން ވެސް އަންނަނީ ޚިދުމަތާ ގުޅެމުންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް, ސްޕެޝަލިސްޓު ތަމްރީނުތަކަށް ފަހު 16 ދިވެހި ޑޮކްޓަރަކު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ވަނީ ގުޅިފައެވެ.