ށ. އަތޮޅު މިލަންދޫގެ ފަޅުތެރޭގެ ބޮޑު ސަރަހައްދެއް ކިސަޑު އަރައި ކަޅުވެ، އެ ސަރަހައްދުން ގިނަ އަދަދެއްގެ މަސް މަރުވަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އެކްސްގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރަށުގެ ފަޅުތެރޭގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ކަޅުވެފައެވެ. އަދި ގިނަ އަދަދެއްގެ މަސްތައް މަރުވެ ފެންމަތީގައި އޮޔާދާ މަންޒަރު ވެސް އެ ވީޑިއޯތަކުން ސާފުކޮށް ފެންނަން ހުއްޓެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އެ ރަށުގެ އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ނިމުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
މިކަމާ ގުޅިގެން މީސްމީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މިއީ ބިން ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ކުރި ނޭދެވޭ އަސަރެކެވެ.
"ރަށަށް އެއްވެސް ވަރަކަށް ބޭނުންނުވާ އެއާޕޯޓެއް އެޅުމަށްޓަކައި ބިން ހިއްކާ ނިމުނުތާ އަދި މަހެއްވެސް ނުވޭ. މިހާރުގެ ހާލަތަކީ ބަނދަރު އޮތީ ކަޅުވެ، މަރުވެފައިވާ މަސްތަކުން ފުރިފަ. ރަށުގެ މަޝްހޫރު 'ސިކުނޑި ކުޅި' ދަނީ މަރުވަމުން،" އައިމަން ލަތީފު (ޕިކޯ) ނަމަކަށް ކިޔާ މީހަކު އެކްސްގައި ލިޔެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިލަންދޫ ކައުންސިލްގެ ރައީސް އިބްރާހީމް މިހާދު "ސަން" އަށް ވިދާޅުވީ، ފަޅުތެރެ ކަޅުވެ މަސްތައް މަރުވާން މެދުވެރިވީ މޫސުމަށް އައި ބަދަލަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ. މިއީ މިފަދަ ކަމެއް އެ ރަށަށް ދިމާވި ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާދު އިތުރަށް ވިދާޅުވީ، ފަޅުތެރެއިން ކަޅުވެފައިވަނީ އެންމެ ފަހުން އެއާޕޯޓު އެޅުމަށް ބިން ހިއްކި ސަރަހައްދު ކައިރިން ކަމަށެވެ.
"ބެލެވޭ ގޮތުގައި އެކަން އެ ދިމާވީ މޫސުމަށް އައި ބަދަލަކުން ކަމަށް ގަބޫލުކުރެވެނީ. ކަޅުވެފައިވަނީ ފަހުން ހިއްކި ސަރަހައްދު. މިހާރު ކަޅުކަން ވަރަށް ބޮޑަށް ފިލައިފި، އެހެން ނަމަވެސް އަދި ވެސް ކޮންމެވެސް ވަރަކަށް އެކަން އެބަހުރި،" މިހާދު ވިދާޅުވިއެވެ.
މަރުވި މަހުގެ ސީދާ އަދަދެއް ނޭނގުނު ނަމަވެސް، އަދިވެސް މަސް މަރުވަމުންދާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ނަމަވެސް މިހާރު ފަޅުތެރޭގެ ކަޅުކަން ކުރިއަށްވުރެ ބޮޑަށް ފިލާފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.