މިލަންދޫގައި ބާރަށް ސައިކަލު ދުއްވި ގުރޫޕެއް ޑުރަގަށް ޕޮޒިޓިވްވެ، ބަންދުކޮށްފި

ޓްރެފިކް ފުލުހުންތަކެއް މަގުމަތީގައި: މިލަންދޫގައި ބާރަށް ސައިކަލު ދުއްވި ގްރޫޕެއް ޑްރަގަށް ޕޮޒިޓިވްވެ ވަނީ ބަންދުކޮށްފައި -- ފޮޓޯ/ ފުލުހުން

ށ. މިލަންދޫ މަގުމަތީގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތްކުރި ތިން މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެގެން، އެ ތިން މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 00:15 ހާއިރު، ށ. މިލަންދޫ ޣާޒީ މަގުން "ސްނެކް އައުޓް" ކެފޭ ކައިރިންނެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލު ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން، އެ މީހުން ވަނީ ފުލުހުންނަށް ނުކިޔަމަންތެރިވެ ފިލަން ދުއްވާފައެވެ.

މި މީހުން ބަންދު ކުރި ރިޕޯޓުގައިވާ ގޮތުން، ފުލުހުން ފަހަތުން ދަނިކޮށް، އެއް ސައިކަލު ކަހާލައިގެން ވެއްޓުމުންވެސް ސައިކަލު ދުއްވަން އިން މީހާ ވަނީ ފުލުހުންގެ އަތް ފޮޅާލުމަށްފަހު އަލުން ސައިކަލުގައި ފިލާފައެވެ. އަދި ދެވަނަ ސައިކަލުގައި ތިބި ދެ މީހުން ވަނީ ރަށުގެ އިރުމަތީ ފަރާތު ހިލަތޮށި ކައިރިއަށް ސައިކަލު ޕާކްކުރުމަށްފަހު، ތަޅުދަނޑި ހިފައިގެން ގޮސް އެ ސަރަހައްދުން ފިލާފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އެކަކީ އެ ރަށަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން އޭއެމްޕީ، އޯޕީއައި، ބެންޒޯ އަދި ސީއޭޓީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބަންދު ރިޕޯޓުގައިވެއެވެ. އޭނާ ވަނީ މަސްތުގެ ހާލަތުގައި ހުރެ ސައިކަލު ދުއްވިކަމަށް ކޯޓުގައި އިއުތިރާފު ވެފައެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ދެވަނަ މީހަކީ އެ ރަށަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން އޭއެމްޕީ، ޓީއެޗްސީ، އޯޕީއައި، ބެންޒޯ އަދި ސީއޭޓީއަށް ވަނީ ޕޮޒިޓިވްވެފައެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ތިންވަނަ މީހަކީ އެ ރަށުގެ 36 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ކުޑަކަމުދާތަކެތި ވެސް ވަނީ އޭއެމްޕީ، ޓީއެޗްސީ، އޯޕީއައި، ބެންޒޯ އަދި ސީއޭޓީއަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ޕޮޒިޓިވްވީ ސައިނަސް ހުންނާތީ ބޭނުންކުރި ބޭހެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.

ށ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޙަސަން ޝިޔާމް ބެއްލެވި މި މައްސަލައިގައި، މަސްތުގެ ހާލަތުގައި ތިބެ އާންމު މަގުމަތީގައި ބާރު ސްޕީޑުގައި ސައިކަލު ދުއްވުމަކީ މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ދެކޭތީއާއި، ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ ފުރުޞަތު އޮތުމުން، މި ތިން މީހުންވެސް ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކުރައްވާފައެވެ.

comment ކޮމެންޓް