ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފަރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ށ. މިލަންދޫ / ނަފާ، އަޙްމަދު ނާޞިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލައިފިއެވެ.
އަހްމަދު ނާސިރު ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހު ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
ފުލުހުން އޭރު ބުނި ގޮތުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި މިލަންދޫ ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ކޮތަޅު ފެނިފައިވެއެވެ.
އެ މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާއިރު، އެއީ، ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ދައުވާއެކެވެ.
ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، އެއްވެސް މީހަކު ހަތަރު ގްރާމް ނުވަތަ އެއަށްވުރެ އިތުރަށް ޑައިމޯފިން އަތުގައި ބެހެއްޓުމަކީ ނުވަތަ ވިޔަފާރިކުރުމަކީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށެވެ.
ނާސިރު އަތުން ފެނުނު ކަމަށް ފުލުހުން ބުނާ މަސްތުވާތަކެތީގެ ބަރުދަނީ، 61.1205 ގްރާމް ކަމަށް އޭނާގެ ބަންދު މުރާޖައާ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާ މީހަކަށް ދެވޭނެ އަދަބަކީ 25 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނާސިރު ހުރީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ. އޭނާގެ ފަރާތުން އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާފައިވާއިރު، މިލަންދޫ ކޯޓުން މި ހަފްތާގައި ނިންމާފައިވަނީ ބަންދާމެދު ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށެވެ.
ބަންދު އަމުރު މުރާޖައާ ކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ނާޞިރުގެ ހިޔާޒަތުގެ ދަށުގައި އޮތް ފޮށިގަނޑަކުން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ 61.1205 ގްރާމްގެ ޑައިމޯފިން ފެނިފައިވާތީ، އޭނާގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ބޮޑު ކުށުގެ ދަޢުވާ އުފުލާފައެވެ.
އޭނާ ބަންދުގައި ބަހައްޓާފައިވަނީ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި، މައްސަލައިގެ އިބްތިދާއީ މަރުޙަލާ ފެށި ހެކިބަސް ނެގިފައިނުވާތީ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެކަމުގެ އިޙްތިމާލު އޮތުމުންނެވެ.
އެހެންކަމުން އޭނާ ބަންދުކުރި ޙާލަތަށް ނުވަތަ ސަބަބުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ބުނެދެވިފައި ނުވާތީ، ޝަރުތުކޮށްފައި ބަންދުން ދޫކުރުމަށް ދައުލަތުން ވަނީ އިންކާރުކޮށްފައެވެ.
ނާޞިރު ބަންދުގައި ބެހެއްޓިއިރު ހުރި ހެކިތަކަށާއި، ބަންދުކުރި ސަބަބުތަކާއި ޙާލަތަށް އެއްވެސް ބަދަލެއް އައިސްފައިވާކަން އެނގެން ނެތުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އޭނާ ބަންދުގައި ހުރި ހުރުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް (ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް) ކޯޓުން ވަނީ ނިންމާފައެވެ.