ދުންފަތުން ދިވެހީން ދުރުކުރުމަށްޓަކައި 5 އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށަނީ

މީހަކު ސިނގިރޭޓެއް ބޮނީ: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ކެމްޕެއިނެއް ފަށަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ދިވެހީން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރު ކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ ބޮޑު ކެމްޕެއިނެއް ފަށަން ނިންމައިފައިވާކަން ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ހަތަރު ވުޒާރާއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.

ޤީލާ ވިދާޅުވީ ދިވެހިރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި މި ސަރުކާރުން ބައެއް ފިޔަވަޅު އެޅިކަން ފާހަގަކުރައްވައި ޤީލާ ވަނީ 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މިދިޔަ އަހަރު މަނާކުރުމަށް ޖެނެރޭޝަން ބޭން ތައާރަފުކުރުމާއި، 2023ވަނަ އަހަރުގެ ފަހުކޮޅު ވޭޕް ގެންގުޅުމާއި ބޭނުންކުރުން މަނާކުރިކަން ފާހަގަކުރައްވައިފައެވެ.

އެފަދަ ފިޔަވަޅުތައް ސަރުކާރުން އަޅައިފައި ވަނީ ދިވެހީންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި 84 އިންސައްތަ މީހުން މަރު ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނުކުންނަ ތަފާތު ހިރާސްތަކުގެ ސަބަބުން ކަމަށް ވެސް ޤީލާ ވިދާޅުވިއެވެ.

އެފަދައިން ވިދާޅުވެ އޭނާ ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށްޓަކައި ގައުމީ ކެމްޕެއިނެއް ލޯންޗުކުރަން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ.

"ކުރިއަށް މި އޮތް ފަސް އަހަރު ދުވަހަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށްޓަކައި، ގައުމީ ކެމްޕެއިނެއް މިއަދު ލޯންޗުކުރެވިގެން މި ދަނީ،" ޤީލާ ވިދާޅުވިއެވެ.

އޭނާ ވަނީ މި ކެމްޕެއިންގައި އާންމުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ މަދަރުސާއެއްގައި ދުންފަތުގެ ނުރައްކަލާއި، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، އާއިލާތަކަށް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް މަސައްކަތް ކުރާ ފަރުދުންނާއި ޖަމިއްޔާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އޭޕްރިލް މަހުގެ 20ވަނަ ދުވަހު ހުޅުވާލާފައި ވެއެވެ.

ސަރުކާރުގެ ހަތަރު ވުޒާރާއަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވަނީ ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް މަދުކުރުމަށް ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށައިފައިވާކަން އިއުލާނުކުރައްވައިފައެވެ. ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްކަމާއި، މަރުވާ މީހުންގެ 84 އިންސައްތަ މީހުންނަކީ ދުންފަތުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގައި މަރުވާ މީހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ ޖެނެރޭޝަން ބޭން ތައާރަފުކުރުމާއި ވޭޕް މަނާކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދުންފަތުގެ ނުރައްކާތަކާ ގުޅޭގޮތުން ދަރިވަރުންނާއި، މުދައްރިސުން އަދި އާއިލާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ މަދަރުސާއެއްގައި ފަށާނެކަމަށެވެ. އަދި ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެވޯޑު ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

  • ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރުމެވެ.
  • މި މުހިންމު މަސައްކަތުގައި އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމަށް ސަރުކާރުން ވަނީ އެދިފައެވެ.
  • ސްކޫލްތަކުގެ މަންހަޖުގެ ތެރެއިންނާއި އިތުރު ހަރަކާތްތަކުގެ ތެރެއިން ދުންފަތުގެ ގެއްލުންތަކަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
  • ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެޗްޕީއޭއިން ޚާއްސަ އެވޯޑުތަކެއް ދިނުމަށް ވަނީ ހުޅުވައިލައިފައެވެ.
  • ފަސް އަހަރު ދުވަހުގެ ދުންފަތާ ދެކޮޅު ގައުމީ ކެމްޕެއިނެއް އިފުތިތާހުކޮށްފި.
  • ރާއްޖޭގެ މަރުގެ 84 އިންސައްތަ ގުޅިފައިވަނީ ދުންފަތާ.
  • ދަރިވަރުންނާއި އާއިލާތައް ހޭލުންތެރިކުރުވުމަށް މަދަރުސާތަކުގައި ޚާއްސަ ޕްރޮގްރާމްތަކެއް ފަށަނީ.
  • ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އެވޯޑެއް ތައާރަފުކުރުން.
ގުޅޭ ޓެގު
comment ކޮމެންޓް