މިދިޔަ އީދު ބަންދުގައި ޕްލޭން ކުރި ވަރަށް ވުރެ، އެތެރޭގެ ދަތުރުތައް 21 ޕަސެންޓު އިތުރުވި ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން މިއަދު ބުނެފިއެވެ.
މި ފަހަރު އީދަށް ހަފުތާއެއް ލިބުނުއިރު، ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރިއެވެ. ޚާއްސަކޮށް، އަތޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމުން އެ ރަށްތަކަށް ދަތުރުކުރި މީހުން ގިނައެވެ.
'ސަން'އިން ސުވާލުކުރުމުން މޯލްޑިވިއަންއިން މިއަދު ބުނީ، ތާވާލުކުރި ވަރަށް ވުރެ އިތުރަށް 200އަށް ވުރެ ގިނަ އެތެރޭގެ ދަތުރުތައް އީދު ބަންދުގައި ކޮށްފައިވާ ކަމަށެވެ. އެއީ، ޕްލޭންކުރި ވަރަށް ވުރެ، 21 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.
އީދު ބަންދާ ދިމާކޮށް އާންމުކޮށް ވެސް ދަތުރުތަކަށް އޮންނަ ޑިމާންޑު އިތުރަށް ބޮޑުވެއެވެ.

މޯލްޑިވިއަންގެ ފްލައިޓެއް ހޯރަފުށީ އެއާޕޯޓުގައި ---- ފޮޓޯ: ރައީސް އޮފީސް
މިދިޔަ ހަފުތާގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ކަމާ ގުޅޭ ތަފުސީލުތަކެއް ދެއްވިއެވެ. އޭރު ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެ ދުވަސްވަރަށް ލޯޑު ބޮޑުވާތީ މޯލްޑިވިއަންއިން ދުރާލާ ތައްޔާރުވިއެވެ. މިގޮތުން، ދަތުރުތައް އިތުރުކޮށް، އީދު ބަންދުގައި މޯލްޑިވިއަންއިން 64،000 ސީޓު ވިއްކާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭރު މުންދު ވަނީ ވިދާޅުވެފައެވެ.
ފްލައިޓްގެ އިތުރުން ގިނަ ބަޔަކު ވަނީ އީދު ބަންދާ ދިމާކޮށް ލޯންޗް ފަހަރާއި ބޯޓްތަކުގައި ވެސް އަތޮޅުތެރެއަށް ދަތުރުތައް ކޮށްފައެވެ. ކަން ދިމާކުރި ގޮތުން މިދިޔަ އީދު ބަންދުވީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން އެހާ ރަނގަޅު ދުވަސްވަރަކަށް ވެސް ނޫނެވެ.