މާލެ ސަރަހައްދުގެ ކަރަންޓު ޑިމާންޑާ އެއްވަރަށް ފޯރުކޮށްދޭން، ބޮޑު މަޝްރޫއެއް ފެށުމުގެ މަސައްކަތް ދަނީ ކުރަމުން: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު: މާލެ ސަރަހައްދުގެ ކަރަންޓު ޑިމާންޑާ އެއްވަރަށް ފޯރުކޮށްދޭން، ބޮޑު މަޝްރޫއެއް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި -- ފޮޓޯ/ ސްޓެލްކޯ

މާލެ ސަރަހައްދުގެ އާބާދީއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޮޑު މަޝްރޫއެއް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ވާހަކަދައްކަވަމުން އަޒުވަރު ވިދާޅުވީ، މާލެ ސަރަހައްދަކީ ކަރަންޓުގެ ޑިމާންޑު އާދަޔާ ޚިލާފަށް ބޮޑުވަމުންދާ ތަނެއް ކަމަށެވެ. އެގޮތުން އިމާރާތްތައް އުސްވެ، އާބާދީ ތޮއްޖެހެމުންދާއިރު، ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމްގައިވާ ގޮތުން، ޑރ. އަޒުވަރު ވަނީ، މާލޭ ސަރަހައްދުގެ އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޮޑު މަޝްރޫއެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި ކަމަށް އެ ނޫހުގައިވެއެވެ.

https://s1.sun.mv/222409

ފާހަގަކޮށްލެވޭ ގޮތުގައި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ. އެގޮތުން ހުރިހާ ސަރަހައްދުން ކަރަންޓު ކެނޑި 'ބްލެކްއައުޓް'އަކަށް ދިޔުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ ބަޔަކު ދިރިއުޅޭ ޓަވަރުތަކުން ކަރަންޓު ކެނޑި ގިނައިރު ވުމުގެ މައްސަލަތައް ހިމެނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް، ހުޅުމާލެއާއި މާލޭން ކަރަންޓު ކެނޑި، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދެވުނީ ތިން ގަޑިއިރާއި 30 މިނެޓު ފަހުންނެވެ. އެ މައްސަލަ ދިމާވީ، ހުޅުމާލޭގެ އިންޖީނު ގޭގެ އަޕްގްރޭޑިން މަސައްކަތްކޮށް ނިންމިތާ އެއް ދުވަސް ނުވަނީސް ކަމުން ސްޓެލްކޯއަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ.

މާލެއާއި ހުޅުމާލޭގެ އާބާދީ އިތުރުވެ، އުސް އިމާރާތްތައް ގިނަވުމުގެ ސަބަބުން ކަރަންޓަށް އޮންނަ ޑިމާންޑު ވަނީ އާދަޔާ ޚިލާފަށް ބޮޑުވެފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެފައިވަނީ، އެ ސަރަހައްދަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ބޮޑު މަޝްރޫޢެއް ފެށުމުގެ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. ފަހަކަށް އައިސް މާލެ ސަރަހައްދުން ގިނަގިނައިން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ޚާއްޞަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުންނާއި، މުޅި މާލެ ސަރަހައްދު އެއްކޮށް ބްލެކްއައުޓަކަށް ގޮސް، ޚިދުމަތް އަލުން ދިނުމަށް ގިނަ ވަގުތުތަކެއް ނަގާފައިވުމުގެ ސަބަބުން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އެ ކުންފުންޏަށް ވަނީ އަމާޒުވެފައެވެ.

  • މާލެ ސަރަހައްދުގެ ކަރަންޓު ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް ބޮޑު މަޝްރޫޢެއް ސްޓެލްކޯއިން ފަށަނީއެވެ.
  • ކަރަންޓުގެ ޑިމާންޑު ބޮޑުވަނީ އާބާދީ ތޮއްޖެހި އުސް އިމާރާތްތައް އިތުރުވަމުންދާތީއެވެ.
  • ފަހަކަށް އައިސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
  • މިދިޔަ ހޮނިހިރު ދުވަހުވެސް މުޅި ސަރަހައްދުން ކަރަންޓު ކެނޑި، އަލުން ޚިދުމަތް ދެވުނީ ތިން ގަޑިއިރާއި ބައި ފަހުންނެވެ.
comment ކޮމެންޓް