ޕާޓީއަށް ވަންނަން މަޖުބޫރު ކުރާ ކަމަށް ޓީވީގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ސްޓެލްކޯ ހެޑްއޮފީސް: ޕާޓީއަށް ވަންނަން މަޖުބޫރު ކުރާ ކަމަށް ޓީވީގައި ދެއްކި ވާހަކަތަކާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފު ސަސްޕެންޑުކޮށްފި --

ލައިވް ޓީވީ ޕްރޮގްރާމެއްގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރައި ހުށަހަޅަންޖެހޭ ކަމަށް ބުނެ ސްޓެލްކޯގެ އެޗްއާރް މުވައްޒަފަކު ދެއްކި ވާހަކައާ ގުޅިގެން އެ މުވައްޒަފު ސަސްޕެންޑުކޮށްފިއެވެ.

މި މައްސަލަ ފެންމަތިވީ ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި، އެ ޗެނަލްގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ލައިވްކޮށް ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓުގެ ލޭންޑްލައިނަށް މިއަދު ގުޅައި ކުރި ސުވާލުތަކުންނެވެ. އެގޮތުން ޕީއެންސީއަށް ސޮއިކުރުމަށްފަހު ފޯމުގެ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ އާމިރު ވަނީ ސުވާލުކޮށްފައެވެ.

އެއާއެކު ސްޓެލްކޯގެ އެޗްއާރު ފަރާތުން ވާހަކަދެއްކި މުވައްޒަފު ވަނީ ޕީއެންސީއަށް ސޮއިކުރާ ފޯމުތައް ފޮނުވަން ޖެހޭނެ ކަމަށާއި، މުވައްޒަފުން ޕާޓީއަށް ވައްދާ ކަމަށް އެއްބަސްވެފައެވެ. އަދި އެޗްއާރް ނަންބަރަށް ސޮއިކުރާ ފޯމު ފޮނުވުމަށް އެ މުވައްޒަފު ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑީއާގައި ވެސް ގިނަ ބަޔަކު ދަނީ ސްޓެލްކޯއަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ގައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާ ކަމަށެވެ. އަދި މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދި މައިގަނޑު ފޯކަސްއަކީ ވެސް، 24 ގަޑިއިރު މެދުކެނޑުމެއް ނެތި، އިތުބާރާއި ޔަގީންކަމާއެކު ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ކުންފުނީގެ އަގުހުރި ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރެވެމުން ދާނީ ގައުމީ އަދި އިޖުތިމާޢީ ވާޖިބުތައް އަދާކުރުމުގައި. ވީމާ، މީޑިއާގައި ދެކެވުނު ފޯނު ކޯލާ ގުޅިގެން މިކަން ހިނގާފައިވާ ގޮތް ތަޙުޤީޤުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެވިފައި، ސްޓެލްކޯ

ސްޓެލްކޯއިން ބުނީ މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ގަވައިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމަށެވެ. އަދި ކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތެއް އަބަދުމެ ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި މި ފަހުން ހިނގި ހުރިހާ ސަރުކާރުތަކެއްގައި ވެސް އެ ސަރުކާރެއް ނިސްބަތްވާ ޕާޓީއަށް މުވައްޒަފުން ވަންނަން މަޖުބޫރު ކުރުމަކީ ހިނގާ ކަމެކެވެ. އަދި އޭގެ ބަދަލުގައި ވަޒީފާތައް ދިނުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން ހިނގާ ކަމަށް ވެސް އަބަދުވެސް ތުހުމަތު ކުރެވެއެވެ.

https://sun.mv/224911

ހަމައެއާއެކު ސައްހަ ނޫން ގޮތުގައި ޕާޓީތަކަށް މީހުން ވައްދާ ކަމުގެ ޝަކުވާއަކީ ވެސް އަބަދުވެސް ފެންމަތިވާ މައްސަލައެކެވެ.

އެފަހުން ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވުމުގައި އޮންލައިން ނިޒާމަށް އަމަލުކުރަން ވެސް ވަނީ ފަށައިފައެވެ. އަދި ފަހުން ގާއިމުކުރި ދަފުތަރަކީ ސައްތައިންސައްތަ ސައްހަ ދަފުތަރެއް ކަމާމެދު ޝައްކެއް ނެތް ކަމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް