މަތީ ތައުލީމާއި ހުނަރު ހާސިލުކޮށްގެން ތިބި ގިނަ އަދަދެއްގެ ދިވެހި އިންޖިނިއަރުން ތިބުމަކީ ސްޓެލްކޯއަށް ލިބޭ ޝަރަފެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އަޒުވަރު ވިދާޅުވީ، އިންޖިނިއަރިން ދާއިރާއަކީ ކޮންމެ ގައުމެއްގެ ވެސް ތަރައްގީއާއި ތަހުޒީބުގެ މައިބަދަ ކަމަށާއި ސްޓެލްކޯގެ އެންމެ ބޮޑު އެއް ފަޚުރަކީ ޓީމުގައި ތިބި ސައްތައިންސައްތަ ދިވެހި އިންޖިނިއަރުން ކަމަށެވެ.
މިގޮތުން، އެކި ދާއިރާތަކުން މަތީ ތަޢުލީމާއި ފަންނީ ތަމްރީނު ޙާޞިލުކޮށްގެން ތިބި ގިނަ ޢަދަދެއްގެ ދިވެހި އިންޖިނިއަރުން ޚިދުމަތުގައި ސާބިތުވެ ތިބިކަމީ ކުންފުންޏަށް ލިބޭ މަތިވެރި ޝަރަފެއްގެ ގޮތުގައި އަޒުވަރު ވަނީ ސިފަކުރައްވާފައެވެ.
ސައުވީސް ގަޑިއިރު، ފުރިހަމަ ޚިދުމަތް ފޯރުކޮށްދެވުމުގެ އަސްލަކީ ވެސް އެ މުވައްޒަފުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ސްޓެލްކޯގެ މުވައްޒަފުން ކަރަންޓު މައްސަލަ ހައްލުކުރަނީ -- ފޮޓޯ/ ސްޓެލްކޯ"މި މުހިންމު ދުވަހު އަޅުގަނޑު ހަނދާން އައުކުރަނީ، މާޒީގައި ވަސީލަތްތައް މަދު، އިންޖިނިއަރިން ކިޔެވުމަކީ ނުހަނު ދަތި އަދި ބުރަ ކަމެއްގެ ގޮތުގައި އޮތް ޒަމާނުގަ، އެތަކެއް ގޮންޖެހުންތަކާއެކު ތަޢުލީމު ޙާޞިލުކުރައްވައިގެން ސްޓެލްކޯއާ ގުޅިވަޑައިގެންނެވި އިސް ރަން އިންޖިނިއަރުންގެ ވާހަކަ. މިއަދު އަޅުގަނޑުމެން މި ދެކޭ ތަރައްގީގެ ބިންގަލަކީ އެ ބޭފުޅުންގެ ދަލާއި ލޭ," އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އަޒުވަރު ވިދާޅުވީ، ސްޓެލްކޯއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ތަމްރީނުތައް ހޯދައިދިނުމަށް ކަމަށެވެ.
އެގޮތުން، ދުނިޔޭގެ މަޝްހޫރު އިންޖިނިއަރިން ކުންފުނިތަކުގެ ތަޖުރިބާ ހޯދައިދިނުމަށް، ޔޫރަޕްގެ ގައުމުތަކަށް ފޮނުވައިގެން ވެސް އިންޖިނިއަރުންނަށް ވަނީ ޚާއްޞަ ތަމްރީނުތައް ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތައް ހިއްސާކުރައްވައި އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ދެ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން ޖުމުލަ 1،482 ފުރުސަތު ސްޓެލްކޯގެ މުވައްޒަފުންނަށް ވަނީ ހޯދައިދީފައެވެ. އެއީ، 2024ގައި 535 ފުރުސަތާއި މިދިޔަ އަހަރުގައި ހޯދައިދިން 947 ފުރުސަތެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު: -- ފޮޓޯ/ ސްޓެލްކޯ "އިންޖިނިއަރިން ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް މިހާރުވެސް އަޅުގަނޑުމެން މިވަނީ ފަހިކޮށްދީފަ. މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމަކީ، ސްޓެލްކޯގެ ގިނަ އިންޖިނިއަރުންނަކީ މި ކުންފުނިން އުނގަންނައިދީ ތަމްރީނުކޮށް ނެރެދީފައިވާ، މި ކުންފުނީގެ އަމިއްލަ ފަޚުރުވެރި އުފެއްދުންތަކެއްކަން،" އޭނާ ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ޒުވާން ޖީލަށް މުޚާތަބު ކުރައްވައި އަޒުވަރު ވިދާޅުވީ، މިހާރު އިންޖިނިއަރިން ދާއިރާ ޚިޔާރުކުރާ ދަރިވަރުންގެ ޢަދަދު މަދުނަމަވެސް، މިއީ އުފެއްދުންތެރިކަމާއި، ގައުމު ބިނާކުރުމަށްޓަކައި ޚިޔާރުކުރަން ނުހަނު މުހިންމު، ދާއިރާއެއް ކަމަށެވެ. އަދި ސްޓެލްކޯގެ ދޮރުތަކަކީ އަބަދުވެސް އިންޖިނިއަރިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް މަރުޙަބާ ކިޔުމަށް އަބަދުމެ ހުޅުވިފައިވާ ދޮރުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުންފުނީގެ އިންޖިނިއަރުންގެ މަސައްކަތް ފާހަގަކުރައްވައި އޭނާ ވަނީ، ކޮންމެ ދަތި ވަގުތެއްގައިވެސް، އަދި ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އިންޖިނިއަރުން ދައްކާ ހިތްވަރަށް ޝުކުރު އަދާކުރައްވައިފައެވެ.