ހަލީމްގެ ދަރަނި ނުދައްކައިގެން މުސާރައިން ބައެއް ކޯޓަށް ޖަމާކުރަން ސްޓެލްކޯއަށް އަމުރުކޮށްފި!

މުހައްމަދު ހަލީމް

ކުރީގެ ގާޒީ، އަދި މިހާރު ދައުލަތުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމްގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ނުދައްކައިގެން، މުސާރައިން ބައެއް ކޮންމެ މަހަކުވެސް ކޯޓަށް ޖަމާކުރުމަށް، ސްޓެލްކޯގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މިއީ، މުހައްމަދު ހަލީމް، ލ. އަތޮޅު މީހަކަށް ދައްކަން ޖެހޭ 1.5 މިލިއަން ރުފިޔާގެ މައްސަލައެކެވެ. މި ފައިސާ ހަލީމްގެ ފަރާތުން ނުދައްކައިގެން، ތަންފީޒު މަރުހަލާއަށް ކޯޓަށް ދިޔުމުން ހަލީމް ކޯޓުގައި ވިދާޅުވެފައިވަނީ ފައިސާ ދެއްކޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ޝަރިއަތުގައި އެހެން ވިދާޅުވުމުން، ކޯޓުގެ ފަރާތުން ހަލީމްގެ މާލީ ހާލަތު ބެލިއިރު، ސްޓެލްކޯގެ ވަޒީފާއިން މަހަކު 48،000 ރުފިޔާގެ މުސާރައެއް ލިބޭކަން އެނގުމުން، ކޮންމެ މަހަކުވެސް އޭނގެތެރެއިން 8،000 ރުފިޔާ ސިވިލް ކޯޓަށް ދައްކަން އަމުރު ކުރީއެވެ. މި ފައިސާ ދައްކަން އަމުރުކޮށްފައިވަނީ ސްޓެލްކޯގެ މައްޗަށެވެ.

އެގޮތުން 1.5 މިލިއަން ރުފިޔާ ހަމަވަންދެން ކޮންމެ މަހަކުވެސް 8،000 ރުފިޔާ ސިވިލް ކޯޓަށް ދައްކަން ސްޓެލްކޯގެ މައްޗަށް އަމުރުކޮށްފައިވާއިރު، ހަލީމް ސްޓެލްކޯގެ ވަޒީފާއިން ވަކިވެއްޖެނަމަ އެކަން އެންގުމަށްވެސް ސްޓެލްކޯއަށްވަނީ އަމުރުކޮށްފައެވެ.

ލ. އަތޮޅު މީހަކަށް، ހަލީމް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފައިވާ 1.5 މިލިއަން ރުފިޔާއަކީ، ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ މައްސަލައެއްގެ ގާނޫނީ މަސައްކަތްތަކާ ގުޅޭ ފައިސާކަން، ދަށު ކޯޓުގެ ހުކުމުން އެނގެއެވެ.

މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ހުކުމް ކުރި މި މައްސަލަ ނިންމެވީ، ގާޒީ ރިޒްމީނާ އިދުރީސްއެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އެ މައްސަލައަކީ، ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ދައުލަތާ ދެމެދު ހިނގި މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން، ހަލީމް އަކީ މި މައްސަލައިގައި ދީބާޖާގެ ގާނޫނީ ވަކީލެކެވެ. ހަލީމްއާއެކު އެ މައްސަލައިގައި ގާނޫނީ މަސައްކަތް ކުރެއްވީ، ޖޭއެސްސީގެ މިހާރުގެ ރައީސް ހުސްނީ މުބާރިކެވެ.

މީގެ ކުރިންވެސް، ފައިސާގެ މައްސަލަތަކުގައި ހަލީމްގެ މައްޗަށް ހުކުމްކޮށްފައި އެބަހުއްޓެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި ސްޓެލްކޯގެ ލީގަލް މެނޭޖަރުގެ މަގާމަށް ހަލީމް އައްޔަންކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ ތެރޭގައެވެ.

comment ކޮމެންޓް