އަނެއްކާވެސް ހިމަބިހީގެ އިތުރު 2 ކޭސް ފެނިއްޖެ، މިހާތަނަށް ޖުމްލަ 9 ކޭސް

ރަތްކުލައިގެ ބިހި ނެގުމަކީ ހިމަބިހީގެ އަލާމާތެއް --

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިއްސަށް (މީސަލްސް) އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.

އެންމެ ފުރަތަމަ މިދިޔަ ހަފުތާގެ ތެރޭގައި މާލޭ ސަރަޙައްދުން ދެ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި އަނެއްކާ ވެސް މިވަނީ އިތުރު ދެ ކޭސްއެއް ފެނިފައެވެ. އެއާއެކު ހިމަބިއްސަށް ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު މިވަނީ ނުވަޔަކަށް އަރައިފައެވެ. އޭގެ ތެރެއިން ހަ ކޭހަކީ މި ހިނގާ މެއި މަހު ފެނުނު ކޭސްތައް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

https://sun.mv/222398

އެޗްޕީއޭއިން ބުނީ މިވަގުތު ފަސް ކޭސްގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އެގޮތުން އެ ފަސް ކޭހާ ގުޅުންހުރި 128 ކޮންޓެކްޓުން ފާހަގަކުރެވި، އެ މީހުން މޮނިޓާކުރަމުންދާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެޗްޕީއޭއިން ކުރި ޕޯސްޓެއްގައި ވަނީ ހިމަބިހީގެ މުހިންމު މައުލޫމާތުތަކެއް ކިޔައިދީފައެވެ. މިގޮތުން، އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެއެވެ. ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސްކުރިންނާއި ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮންނަކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.

https://sun.mv/222413

މި ބަލި ޖެހެނީ، ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. އެހެންވެ، އެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ހިމަބިހީގެ ކޭސްތައް ފެންނަމުން ދާތީ، ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ފަރާތްތަކަށް އެހީވާން އައިޖީއެމްއެޗްގައި ޚާއްސަ 'ހެލްޕް ޑެސްކް' އެއް ވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ބޮޑެތި މީހުންގެ ކުއްލި ފަރުވާ ދޭ ބައި (މެއިން އީއާރް) ގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީ 'ހެލްޕް ޑެސްކް' އެއް ގާއިމުކޮށްފައިވާ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ. އަދި މި ޑެސްކުން ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 23:00 އަށް ޚިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ފެނުނު 2 ކޭހާއެކު ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން 6 ކޭސް ފެނިފައިވަނީ މެއި މަހުގައެވެ. މިހާރު 5 ކޭހެއްގެ ތަހުގީގު ކުރިއަށްދާއިރު، އެ ކޭސްތަކާ ގުޅުންހުރި 128 މީހަކު ދެނެގަނެވި، އެ މީހުންގެ ހާލަތު އަންނަނީ ގާތުން ބަލަމުންނެވެ. މި ބައްޔަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔަކަށް ވުމާއެކު، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަލާމާތްތަކަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

  • ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 9 އަށް އަރާފައިވާއިރު، މީގެ ތެރެއިން 6 ކޭސް ފެނިފައިވަނީ މެއި މަހުގައެވެ.
  • 5 ކޭހަކާ ގުޅުންހުރި 128 މީހަކު މޮނިޓާކުރުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.
  • ހުން އައުމާއި، ކެއްސުމާއި، ލޯ ރަތްވުމުގެ އިތުރުން ގައިގައި ރަތް ބިހި ނެގުމަކީ ބަލީގެ މައިގަނޑު އަލާމާތްތަކެވެ.
  • ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ދިނުމަށް، އައިޖީއެމްއެޗްގައި 08:00 އިން 23:00 އަށް ޚާއްސަ ހެލްޕް ޑެސްކެއް ވަނީ ގާއިމުކޮށްފައެވެ.
comment ކޮމެންޓް