ހިމަބިހީގެ ކޭސްތައް ފެންނަމުން ދާތީ، ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ފަރާތްތަކަށް އެހީވާން އައިޖީއެމްއެޗްގައި ޚާއްސަ 'ހެލްޕް ޑެސްކް' އެއް ގާއިމުކޮށްފިއެވެ.
ހިމަބިއްސަކީ ކުރިން ރާއްޖޭން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމުލަ ހަތް ކޭހެއް ރާއްޖޭން ވަނީ ފެނިފައެވެ. އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަވެފައެވެ.
އައިޖީއެމްއެޗް އިން ނެރުނު ބަޔާނުގައި ބުނީ މިދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ބޮޑެތި މީހުންގެ ކުއްލި ފަރުވާ ދޭ ބައި (މެއިން އީއާރް) ގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީ 'ހެލްޕް ޑެސްކް' އެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މި ޑެސްކުން ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 23:00 އަށް ޚިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.
އައިޖީއެމްއެޗް އިން ވަނީ ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން ހުމާއެކު ރަތްކުލައިގެ ބިހި ނެގުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޑޮކްޓަރަށް ދެއްކުމަށް ހެލްޕް ޑެސްކަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު ރޭގަނޑު 23:00 ގެ ފަހުން ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި ބަލިމީހުންނަށް ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލަށް އައިސް މާބަނޑު މީހުންނާއި ބޮޑެތި މީހުން މެއިން އެމަޖެންސީ ރޫމްގެ ޓްރައޭޖަށް އަދި ކުޑަކުދިން، ކުޑަކުދިންގެ އެމަޖެންސީ ރޫމްގެ ޓްރައޭޖަށް ދިޔުމަށް އައިޖީއެމްއެޗް އިން ވަނީ އެދިފައެވެ.
އެ ހޮސްޕިޓަލުން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ހުން އައިސް ރަތްކުލައިގެ ބިހި ނަގާފައިވާ ބަލިމީހުން ހޮސްޕިޓަލަށް އަންނައިރު މާސްކު އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އަދި ބަލިމީހާއާއެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު އައުމަށް އައިޖީއެމްއެޗް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިހީގެ އެއް އަލާމާތަކީ ރަތްކުލައިގެ ބިހި ނެގުން -- ފޮޓޯ/ އެޑޯބީ ސްޓޮކް
ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަމުން އަންނައިރު، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ކުރި ޕޯސްޓެއްގައި ވަނީ ހިމަބިހީގެ މުހިންމު މައުލޫމާތުތަކެއް ކިޔައިދީފައެވެ. މިގޮތުން، އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެއެވެ. ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސްކުރިންނާއި ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮންނަކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.
މި ބަލި ޖެހެނީ، ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. އެހެންވެ، އެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފްކޮށްފައިވަނީ 1983 ވަނަ އަހަރެވެ. އެއަށް ފަހު 2017ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖެއިން ފެނިފައިވެއެވެ.