ޑޮކްޓަރުންނާއި ނަރުހުން އަދި ލެބް ޓެކްނިޝަނުންވެސް ހިމެނޭހެން، ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުންގެ ރޭގަނޑު ޑިއުޓީ އެލަވަންސް ކުޑަކޮށްފިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ، 2023 ވަނަ އަހަރުގެ މެއި މަހު ބޮޑުކުރި ފަހުން ފިނޭންސް މިނިސްޓްރީން އާންމުކުރި ޕޭ ފްރޭމްވޯކުގައި ވާގޮތުން ސިއްހީ ދާއިރާގައި ޝިފްޓު އުސޫލުން މަސައްކަތްކުރާނަމަ ރޭގަނޑު ޑިއުޓީއަށް 100ރ. ގެ އެލަވަންސެއް ދޭންޖެހެއެވެ.
ނަމަވެސް މިދިޔަ އޮގަސްޓު މަހު ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު، ރޭގަނޑު 12 އިން ހެނދުނު ހައެއް ޖެހުމާ ހަމައަށް މަސައްކަތްކުރާ ދުވަސްތަކަށް ދެމުން އައި 100ރ. ގެ އެލަވަންސް، 60ރ. އަށް ދަށްކޮށްފައި ވެއެވެ. އަދި ހެނދުނު ހައެއް ޖެހުމާއި ރޭގަނޑު 12 އާ ދެމެދު މަސައްކަތްކުރާ ދުވަސްތަކަށް، ކުރިއެކޭ އެއްގޮތަށް މިހާރުވެސް 40ރ. ދެއެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ލެބް ޓެކްނިޝަނުން ވެސް ހިމެނޭހެން މުޅި ސިއްހީ ދާއިރާގެ ޕޭ ފްރޭމްވޯކަށް ގެނެވުނު މި ބަދަލާއެކު، މިދިޔަ ސެޕްޓެމްބަރު މަހުގެ މުސާރަ ދީފައިވަނީ ރޭގަނޑު ޝިފްޓު އެލަވެންސް ކުޑަކޮށްފައެވެ.
މިކަމާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާއިރު، ރޭގަނޑު ޝިފްޓުގައި އާންމުކޮށް މަސައްކަތްކުރާ މުވައްޒަފުން މަދުވެފައި އެގަޑީ ބަލަންޖެހޭ ބަލިމީހުންވެސް ވަކި މަދު ނޫންކަމުން، އެގަޑީ ކުރާ މަސައްކަތަށް 100ރ. އަކީ ބޮޑު އެއްޗެއް ނޫންކަމަށް މިކަމާ ގުޅޭގޮތުން ނުރުހުން ފާޅުކުރި ބައެއް ޑޮކްޓަރުން ބުނެއެވެ.
މީގެ އިތުރުން، ބައެއް ހޮސްޕިޓަލްތަކުގައި ޑޮކްޓަރުން މަދުވުމުގެ ސަބަބުން ހަފްތާގެ ހަ ދުވަހު ޑިއުޓީ ކުރުމަށްފަހު އޮފް ދުވަހު ވެސް ނުކުންނަންޖެހޭކަން ބައެއް ޑޮކްޓަރުން ފާހަގަކުރެއެވެ.
ހަމައެއާއެކު، ސިވިލް ސާވިސް މުވައްޒަފުންގެ އޯވާޓައިމް އެލަވެންސް ބަޖެޓު ނެތިގެން ކަމަށް ބުނެ ކުޑަކޮށް، އިތުރު ޑޮކްޓަރުން ނަގާނެކަމަށް ވީ ވައުދުވެސް ނުފުއްދޭކަން، މިކަމާ ގުޅޭގޮތުން ނުރުހުން ފާޅުކުރި ޑޮކްޓަރުން ފާހަގަކުރެއެވެ.