ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު މަރުކަޒެއް ގާއިމުކުރަން އިންޑިއާއި އިނގިރޭސިވިލާތުގެ ދެ ކުންފުންޏަކަށް

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު މަރުކަޒެއް ގާއިމުކުރަން ބޭރުގެ ދެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުން.... ފޮޓޯ/ ހިޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލުގައި "ޑައިގްނޯސްޓިކް ސެންޓާ ފޯ އޮންކޮލޮޖީ ސާވިސަސް" ގާއިމުކުރުމަށް ޓަކައި ބޭރުގެ ދެ ކުންފުންޏަކާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)އިން ސޮއިކޮށްފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ އިނގިރޭސިވިލާތުގެ ކުއަންޓަމް ހެއިޓްސް އާއި އިންޑިއާގެ ވަސްކިއުލާ ޓެކްނޮލޮޖީ ގުޅިގެންނެވެ.

މި އެއްބަސްވުމުގައި އެމްސީޖީއެޗްގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. އަދި މި މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ޑިރެކްޓަރު ޗިންތަން ސޯނީއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު މަރުކަޒެއް ގާއިމުކުރަން ބޭރުގެ ދެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުން.... ފޮޓޯ/ ހިޅުމާލެ ހޮސްޕިޓަލް

މި ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީއާއި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުން މިހާރުވެސް ކެންސަރާ ގުޅޭ ބައެއް ސާޖަރީތަކާއި ކީމޯތެރަޕީގެ ޚިދުމަތް ދެމުން އައި ނަމަވެސް، ރޭޑިއޭޝަން ތެރަޕީ އާއި ނިއުކްލިއާ މެޑިސިން އަދި ޕެޓް ސީޓީ ފަދަ މުހިންމު ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލްތަކުން އަދި ލިބޭކަށް ނެތެވެ.

ހަލީމް ވިދާޅުވީ މި މަރުކަޒު ގާއިމުވުމުން ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، އާއިލާތަކުން އުފުލަންޖެހޭ މާލީ އަދި ނަފްސާނީ ބުރައަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ބަލިމީހާގެ ގާތްތިމާގެ މީހުންނާއި އާއިލާގެ ގާތުގައި ތިބެގެން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ބަލި ދެނެގަނެ، ޚާއްސަ ފަރުވާ އާއި ކްލިނިކަލް މޮނިޓަރިން އަދި ސަޕޯޓިވް ކެއާ އެއް ފުރާޅެއްގެ ދަށުން ލިބޭނެ ޚާއްސަ މަރުކަޒެއް ގާއިމުކުރުން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު މަރުކަޒެއް ގާއިމުކުރަން ބޭރުގެ ދެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުން.... ފޮޓޯ/ ހިޅުމާލެ ހޮސްޕިޓަލް

މި މަރުކަޒުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ޓިއުމާ ބޯޑެއްގެ ލަފަޔާއެކު، ބަލި ދެނެގަތުމުން ފެށިގެން ފޮލޯއަޕާ ހަމައަށް ވަށާޖެހޭ ނިޒާމެއްގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރައްޒާގު ވިދާޅުވީ އެންމެ ފަހުގެ އައިއެމްއާރުޓީ، ތްރީޑީ-ސީއާރުޓީ އަދި އައިޖީއާރުޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޭޑިއޭޝަން ތެރަޕީ ދިނުމާއި، ސީޓީ ސިމިއުލޭޝަން އަދި ޕެތޮލޮޖީ ފަދަ ޑައިގްނޯސްޓިކް ޚިދުމަތްތައް ވެސް މިތަނުން ލިބޭނެއެވެ. އަދި ބަލިމީހުން އެދުމަތިކޮށްގެން ފަރުވާދޭނެ ވޯޑުތަކާއި، ކެންސަރުގެ ޚާއްސަ އޮޕަރޭޝަން ތިއޭޓަރުތަކާއި، ކީމޯތެރަޕީ ޔުނިޓުތަކުގެ އިތުރުން ނަފްސާނީ އެހީތެރިކަމާއި ސަޕޯޓިވް ކެއާގެ ޚިދުމަތްވެސް ގާއިމުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ބައިނަލްއަގުވާމީ ބައިވެރިންގެ އެހީގައި މި ދާއިރާއިން ދިވެހި ޑޮކްޓަރުންނާއި، ނަރުހުންނާއި، ފިޒިސިސްޓުން އަދި ރޭޑިއޮލޮޖިސްޓުން ތަމްރީނުކުރުމަށް ރާވާފައިވާކަމަށެވެ.

އެމްސީޖީއެޗްގެ އަމާޒަކީ އެކި މަރުހަލާތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްގެންގޮސް، 2028 ވަނަ އަހަރުގެ ކުރިން މި މަރުކަޒު ގާއިމުކޮށް ނިންމައި ޚިދުމަތް ދޭން ފެށުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

comment ކޮމެންޓް