ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ބޭނުންވާ މިންވަރަށް ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ސޮއި ހަމަކުރުމުން ޖެހޭނީ ވޯޓަށް އަހަން ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދުދެއްވައިފިއެވެ.
މި އަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒު ވެރިކަމުން ދުރުކުރައްވާނެ ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ ގޮތުން، މިދިޔަ ހަފުތާގައި ވަނީ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ.
އެ ވާހަކައާ ގުޅިގެން ރޭ އައްޑޫ ސިޓީގެ ބޭއްވި ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އެކަން ކުރިއަނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު މިރޭ ދަންނަވައިލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތި ބޭފުޅުންނަކަށް ނުނެންގެވޭނެޔޭ، އެކަން ކުރަން އަޅުގަނޑުމެންނަށް ފުރުސަތެއް ނުދޭނަމޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ވާހަކައާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެއީ ކޮން ބާވަތެއްގެ ވާހަކައެއްތޯ ސުވާލު އުފައްދަވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާ އެކު ރައީސް މުއިއްޒު މަގާމުން ވަކިކުރަން ހުށަހެޅުމުން ޖެހޭނީ ވޯޓަށް އަހަން ކަމަށެވެ. އެއީ، އިޚުތިޔާރުގައި އޮންނަ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއީ ރާއްޖޭގެ ގާނޫނުއަސާސީގެ އެންމެ ބޮޑު ހަމަ،" ނަޝީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހަޅައިފައިވަނީ ނާޒިމާ އެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ނާޒިމްގެ މައްޗަށް ވެރިކަންކުރާ ޕީއެންސީގެ އިތުބާރު ގެއްލިގެން އުޅޭ ސަބަބެއް އަދިވެސް ހާމަ ނުކުރާ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެއޭ. އާދެ، ނާޒިމާ އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ. ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވިއެވެ.
އެ ވާހަކަފުޅާ ގުޅުވައި އެ މަނިކުފާނު މިއަދު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ، އަލިފުށީ ދާއިރާގެ މެންބަރު އަބްދުލްލަތީފް އަބްދުލްރަހުމާނާއި ނާޒިމާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުމަކީ، މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒު ދިފާއުކުރަން ނަގާލާނެ ރަހުމަތްތެރިކަމެއް ނޫން ކަމަށެވެ. އެއާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.
އެކަމަކު، ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި އަބްދުލްލަތީފް އަބްދުލްރަހުމާން ވެސް ސޮއިކުރައްވާފައިވެއެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނީ އޭނާ ވަކިކުރަނީ މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން ފިތުނަ އުފައްދާ، މަސްލަހަތު ގެއްލުވާލަން އުޅުއްވާތީ ކަމަށެވެ. އަދި، ނާޒިމްގެ ސަބަބުން މެންބަރުންނަށް އެ ބޭފުޅުންގެ ޒިންމާ އަދާކުރުމުގައި ދަތިވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
އޭނާ ވަކިކުރަން ހުށަހެޅި ގަރާރުގައި ޕީއެންސީގެ 73 މެންބަރުން ވަނީ ސޮއިކޮށްފައެވެ.
ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅުއްވާ ވާހަކަ ނަޝީދު ދައްކަވާއިރު، ގާނޫނުއަސާސީގައި ވާގޮތުން ރައީސް ވަކިކުރެވޭނީ މަޖިލީހުގެ ތިންބައިކުލަ އެއްބައި މެންބަރުންގެ ވޯޓުންނެވެ. އެހެންވެ، އެކަން ކުރާނަމަ، ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުންގެ ތާއީދު އެ ކަމަށް ބޭނުންވާނެއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޕީއެންސީގެ 23 މެންބަރުން ތިއްބެވީ ނާޒިމާ އެކުގައެވެ. އެކަމަކު، ޕީއެންސީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
ގާނޫނުއަސާސީގައި ވާގޮތުން، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ރައީސް ވަކިކުރަން ފާސްކޮށްފިނަމަ، މަގާމުން ދުރުވާނެއެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސަކު މަޖިލީހުން އެ ފަދައިން ވަކިކޮށްފައެއް ނުވެއެވެ.