"އޭސީސީ އަކީ ފެއިލްވެފައިވާ ތަނެއް": އިސްލާހު ކުރަން ޝަމީމްގެ ދެތިން ހުށަހެޅުމެއް!

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އޭސީސީގެ ރައީސް އާދަމް ޝާމިލް -- ސަން ފޮޓޯ: މުޙައްމަދު މާވީ

ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ މުޅިން ފެއިލްވެފައިވާ މުއައްސަސާއެއް ކަމަށް ސިފަކުރައްވައި، އެ ކޮމިޝަން އިސްލާހުކުރުމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މުހިންމު ހުށަހެޅުންތަކެއް އާންމުކުރައްވައިފިއެވެ.

އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ މުއްސަނދި ގައުމަކަށް ވިޔަސް، ކޮރަޕްޝަންގެ ސަބަބުން ގައުމު ފަގީރުވެފައިވާ ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް އުފައްދާފައިވާ ކޮމިޝަން ފެއިލްވެފައިވާ ކަމާމެދު އެންމެންވެސް އެއްބަސްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވަނީ ކުށަކަށްވާ ޒާތުގެ ކޮރަޕްޝަން ނައްތާލުމަށްޓަކައި، އޭސީސީގެ އޮނިގަނޑާއި ތަހުގީގީ ނިޒާމު މުޅިން ބަދަލުކުރުމަށް ގޮވާލައްވާފައެވެ.

އޭސީސީގެ މަސައްކަތުގެ ދުވެލި ހުރިގޮތް ހާމަކޮށްދެއްވަމުން ޝަމީމް ވަނީ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކޮމިޝަނުގައި ގޮތެއް ނުނިމި ތަހުގީގު މަރުހަލާގައި 1036 މައްސަލަ އަދި ޕްރިލިމިނަރީ މަރުހަލާގައި 2465 މައްސަލައާއެކު ޖުމްލަ 3501 މައްސަލަ އެބައޮތެވެ. ނަމަވެސް އަހަރެއްގެ މައްޗަށް ކޮމިޝަނަށް ނިންމިފައިވަނީ ތަހުގީގު މަރުހަލާއިން 173 މައްސަލަ އަދި ޕްރިލިމިނަރީ މަރުހަލާއިން 124 މައްސަލައާއެކު ޖުމްލަ 297 މައްސަލައެވެ.

އޭސީސީގެ މެންބަރުން: އޭސީސީން އެކަށީގެންވާ މިންވަރާ ގާތަށް ވެސް މަސައްކަތް ނުކުރާ ކަމަށް ބުނެ، ކަންބޮޑުވުން ދަނީ ފާޅު ކުރަމުން -- ފޮޓޯ/ އެމްޑީޕީ

މި ސްޕީޑުގައި ކުރިއަށްދާނަމަ، އަލަށް އިތުރު މައްސަލައެއް ހުށަނޭޅުނު ކަމުގައިވިޔަސް، މިހާރު ހުރި މައްސަލަތައް ނިންމަން މަދުވެގެން 11 އަހަރު އޭސީސީއަށް ނަގާނެކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން، ނިންމި 297 މައްސަލައިގެ ތެރެއިން ޝަރީއަތަށް ފޮނުވޭވަރުވީ އެންމެ އަށް މައްސަލަކަން ފާހަގަކުރައްވައި، އޭސީސީގެ ތަހުގީގީ ނިޒާމު އެއްކޮށް ފެއިލްވެފައިވާކަން ތަފާސްހިސާބުތަކުން ސާބިތުވާކަމަށް އޭނާ ވިދާޅުވިއެވެ. ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާއިން، ފަސް މެމްބަރުންގެ ކޮމިޝަނެއް އޮވެގެން ނަތީޖާއެއް ނުނެރެވޭކަން ސާބިތުވެފައިވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޝަމީމް ހުށަހަޅުއްވާފައިވަނީ ފަސް މެމްބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރެއް އައްޔަންކުރުމަށެވެ. ޕްރޮސިކިއުޓާ ޖެނެރަލް އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަދައިން، އެންޓި ކޮރަޕްޝަން ކޮމިޝަނަރުވެސް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ގޮތަށް ހަމަޖެއްސުމަށް އޭނާ ހުށަހެޅުއްވިއެވެ.

މި މޮޑެލްގައި ކޮމިޝަނަރުގެ ދަށުން ދެ ޑެޕިއުޓީން ތިބޭނެއެވެ. އެއީ ތަހުގީގީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅަކާއި، ޕްރޮސިކިއުޝަން އަދި ގާނޫނީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅެކެވެ. މީގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރެއް ހުރުމަށްވެސް ހުށަހަޅާފައިވެއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ކޮމިޝަނަރު އައްޔަންކުރުމަށް މަޖިލީހުގައި ކުރެވޭ އިންޓަވިއުގައި ފަސް އަހަރުގެ ދައުރުގެ ތަފްސީލީ މެނިފެސްޓޯއެއް ނުވަތަ ޕްރޮޕޯޒަލެއް ހުށަހަޅަންޖެހޭނެއެވެ. އަދި މަގާމަށް މީހަކު ހޮވާނީ އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ހުށަހަޅާ ފަރާތަކަށް ބަލައިގެންނެވެ. މަޖިލީހުން ބަޖެޓު ދޫކުރާނީވެސް މި ޕްރޮޕޯޒަލްގައިވާ ކަންކަން ހާސިލުކުރުމަށް ޝަރުތުކޮށްފައި ކަމަށް ޝަމީމް ހުށަހަޅުއްވައެވެ. ކޮމިޝަނަރު މަގާމުން ވަކިކުރެވޭނީވެސް، ހަމައެކަނި އިންޓެގްރިޓީ ނެތް ކަމަށް ބުނެ ނޫން ކަމަށާއި، އޭނާ ހުށަހެޅި ޕްރޮޕޯޒަލްގައިވާ ކަންކަން ހާސިލުނުކުރެވުމުން، ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހު ކަމަށް ޝަމީމް ހުށަހަޅުއްވާފައިވެއެވެ.

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް -- ސަން ފޮޓޯ/ މޫސާ ނަދީމް

އައު ނިޒާމުގެ ދަށުން ކޮމިޝަނުގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި ތިބޭނީ ދިވެހި ފުލުހުންގެ ޚިދުމަތުން ވަކި މުއްދަތަކަށް ވީއްލާ ފެންވަރު ރަނގަޅު އިންވެސްޓިގޭޓަރުން ކަމަށް ޝަމީމް ހުށަހެޅުއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް ތިރީހަކަށް އިންވެސްޓިގޭޓަރުން ތިން އަހަރުގެ މުއްދަތަކަށް ކޮމިޝަނަށް ދޫކުރެވިދާނެއެވެ. އެމީހުންގެ މުސާރައާއި ތަމްރީނުގެ ކަންކަން ފުލުހުން ބެލެހެއްޓި ނަމަވެސް، މަސައްކަތުގެ ފަންނީ ބައިގައި ޖަވާބުދާރީވާނީ ކޮމިޝަނަރަށެވެ. ތިން އަހަރުވުމުން އައު ގްރޫޕެއް ފޮނުވުމަށް ހުށަހަޅާފައިވަނީ އިންވެސްޓިގޭޓަރުންގެ ތެރޭގައި ކޮރަޕްޓް ގްރޫޕެއް އުފެދުނަ ނުދިނުމަށެވެ.

މީގެ އިތުރުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދެތިން ޕްރޮސިކިއުޓަރުންނާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ތައުލީމީ ދާއިރާއިން ޓީޗަރުން ވީއްލުމަށްވެސް ހުށަހަޅާފައިވެއެވެ. ކޮމިޝަނުގައި ދާއިމީކޮށް ތިބޭނީ ހަމައެކަނި އިދާރީ މުވައްޒަފުން ކަމަށާއި، އެ މުވައްޒަފުންނަކީވެސް ކޮންމެ ތިން އަހަރަކުން އެހެން އިދާރާތަކަށް ބަދަލުވާ ބަޔަކަށް ހެދުމުން ކޮރަޕްޓްވުމުގެ ފުރުސަތު ބަންދުވާނެކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކަކީ ކޮންމެހެން ގެންނަން މަޖުބޫރު ބަދަލުތަކެއް ނޫން ނަމަވެސް، މާނަހުރި ގޮތެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް ނަތީޖާ ނެރެން ބޭނުންނަމަ ނިޒާމު ބަދަލުކުރަންޖެހޭކަމަށް ޝަމީމް ވިދާޅުވިއެވެ. ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާގެ އަލީގައި، ދިވެހި ޒުވާނުންނަށް އިތުބާރުކޮށް ފުރުސަތު ދީފިނަމަ ނަތީޖާ ނެރެދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ނަމަވެސް އޭސީސީގެ މިހާރުގެ ރައީސް އާދަމް ޝާމިލް އަކީ ނަތީޖާ ނެރެވޭނެ ބޭފުޅެއް ނޫންކަމަށް ޝަމީމް ތުހުމަތުކުރެއްވިއެވެ. ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ހޯދުމަކީ ރާއްޖޭގެ ތަރައްގީ ހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅުކަން ފާހަގަކުރައްވައި، ނަތީޖާ ނެރެވޭނެ ބަޔަކާ މި މަސައްކަތް ހަވާލުކުރުމުގެ މުހިންމުކަން އޭނާ ވަނީ ތަކުރާރުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ މަސްއޫލިއްޔަތު އަދާކުރުމުގައި މުޅިން ފެއިލްވެފައިވާ މުއައްސަސާއެއްކަމަށް ބަޔާންކުރައްވައި، އެ ކޮމިޝަނުގެ އޮނިގަނޑާއި ތަހުގީގީ ނިޒާމު އެއްކޮށް ބަދަލުކުރުމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މުހިންމު ހުށަހެޅުންތަކެއް ވަނީ އާންމުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަންގެ ސަބަބުން ގައުމު ފަގީރުވެފައިވާއިރު، މިހާރު އޮތް ފަސް މެމްބަރުންގެ ނިޒާމުން އެއްވެސް ނަތީޖާއެއް ނުނެރެވެއެވެ. އެހެންކަމުން، މާނަހުރި ގޮތެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި މުއައްސަސާގެ ހިންގުން އެކީގައި އިސްލާހުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

  • ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮމިޝަނުގައި ގޮތެއް ނުނިމި ތިންހާސް ފަސްސަތޭކަ އެއް މައްސަލަ އޮތްއިރު، ފާއިތުވި އަހަރު ޝަރީއަތަށް ފޮނުވިފައިވަނީ އެންމެ އަށް މައްސަލައެވެ.
  • މިހާރު ހުރި މައްސަލަތައް ނިންމަން އެގާރަ އަހަރު ނަގާނެކަމަށް ލަފާކުރެވޭތީ، ފަސް މެމްބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރަކު އައްޔަންކުރުމަށް ވަނީ ހުށަހަޅާފައެވެ.
  • ކޮމިޝަނަރުގެ ދަށުން ތަހުގީގީ އަދި ގާނޫނީ ދާއިރާގެ ދެ ނައިބުންނާއި ޗީފް އެގްޒެކެޓިވް އޮފިސަރެއް ހަމަޖެއްސުމަށް އިރުޝާދުދެއްވާފައިވެއެވެ.
  • މައްސަލަތައް ތަހުގީގުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަކި މުއްދަތަކަށް ތަޖުރިބާކާރުން ގެނައުމަށް ވަނީ ހުށަހަޅާފައެވެ.
  • ކޮރަޕްޝަނަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި، ކޮމިޝަނުގެ އިދާރީ މުވައްޒަފުން ކޮންމެ ތިން އަހަރަކުން އެހެން އިދާރާތަކަށް ބަދަލުކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ.
  • އޭސީސީގެ މިހާރުގެ ރައީސް އަކީ އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ބޭފުޅެއް ނޫންކަމަށް ޝަމީމް ވަނީ ތުހުމަތުކުރައްވާފައެވެ.
comment ކޮމެންޓް