އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއް ތެރެއިން ހައްޔަރުކުރުމަށް ފަހު، ބަންދުގައި 10 ދުވަހު ބަހައްޓާފައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްޢޫން ޖަލީލް (ލޫކަސް) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
އޭނާ ހައްޔަރުކޮށް 10 ދުވަހަށް ބަންދުކުރީ މި މަހު 14 ވަނަ ދުވަހެވެ.
ލޫކަސްގެ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލޫކަސް ބަންދުން ދޫކޮށްލިކަން ޔަގީންކޮށްދީފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން އެމްޑީޕީ ހަރުގެ ކައިރިން ފެށި، މި އިހުތިޖާޖުގައި ފުލުހުންނާ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. އެގޮތުން، އެންމެ ފުރަތަމަ ކުރިމަތިލުން ހިނގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅު ކައިރިންނެވެ.
އެ އިހުތިޖާޖުގެ ތެރެއިން 10 މީހަކު ހައްޔަރުކުރިއެވެ. އެއީ އަށް ފިރިހެނުންނާއި ދެ އަންހެނުންނެވެ.
އޭގެ ތެރެއިން ހަތް މީހުން ދޫކޮށްލިއިރު، ބަންދުކުރީ ތިން މީހުންނެވެ. ބަންދަށް އެންމެ ގިނަ ދުވަސް ޖެހީ ލޫކަސްއެވެ. ދެން ތިބި މީހުން ވެސް މިހާރު ދޫކޮށްލާފައިވާއިރު، ލޫކަސް ވެސް މިހާރު ވަނީ މިނިވަންވެފައެވެ.
އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ދުވަހުގެ އިހުތިޖާޖަކީ މި މަހު 12 ގައި ހައްޔަރުކުރި "އަދަދު" ނޫހުގެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު ހަމަވެގެން އެ ނޫހުގެ އެއް ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ ހުކުރު ދުވަހު ހެނދުނު ދޫކޮށްލާފައެވެ. އެކަމަކު، ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އަދިވެސް ހުރީ ބަންދުގައެވެ.
އެ ނޫސްވެރިން ހައްޔަރުކުރީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ނެރެފައިވާ ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނެއެވެ. އެ މައްސަލައިގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ވަނީ ގަޒްފުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ސީދާކޮށް ވެސް ނުސީދާކޮށް ވެސް ނުދައްކަން ގޮވާލާ ގެގް އޯޑަރެއް ނެރެފައެވެ.