ބަންގްލަދޭޝްގައި ހިމަބިހި ފެތުރި، 500 އަށްވުރެ ގިނަ ކުދިން މަރުވެއްޖެ

ބަންގްލަދޭޝްގެ މޮހާޚާލީގައި ހުންނަ ޑާކާ ނޯތު ސިޓީ ހޮސްޕިޓަލުގައި ހިމަބިހީގެ އަލާމަތްތައް ފެނުނު ކުއްޖަކަށް ފަރުވާ ދެނީ --- ފޮޓޯ/އީޕީއޭ

ބަންގްލަދޭޝްގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހިމަބިހި ބަލިޖެހިގެން މާރިޗު މަހުގެ 15 އިން ފެށިގެން މިހާތަނަށް 500 އަށްވުރެ ގިނަ ކުދިން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ހިމަބިހި ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އިއްޔެ އެކަނި ވެސް 13 ކުއްޖަކު މަރުވެ، ޖުމުލަ 512 އަށް އިތުރުވެފައިވާ ކަމަށް ބަންގްލަދޭޝްގެ ހެލްތު ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައެވެ. ވެރިރަށް ޑާކާގެ ހޮސްޕިޓަލްތަކުގައި ބަލި ޖެހިފައިވާ މީހުންނަށް ޚާއްސަ ވޯޑްތަކެއް ބަހައްޓާފައި ހުރި ނަމަވެސް އެކަށީގެންވާ އަދަދަކަށް އެނދު އަދިވެސް ނެތް ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

ޖުމުލަ 175 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ބަންގްލަދޭޝްގައި ހިމަބިހި ކޮންޓްރޯލުކުރަން ވެކްސިން ދިނުގެ ޕްރޮގްރާމެއް ފަށާފައިވާއިރު، މިހާތަނަށް 18 މިލިއަން ކުދިންނަށް ވެކްސިން ދީފައިވާ ކަމަށް އދ. ގެ ކުޑަކުދިންނާ ބެހޭ އޭޖެންސީ، ޔުނިސެފުން އެ ގައުމަށް ކަނޑައަޅާފައި ހުންނަ ވެރިޔާ ރަނާ ފްލާވާސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ވެކްސިންގެ ފުރިހަމަ އަސަރުކުރަން މަސްތަކެއް ނަގާނެ ކަމަށް ހެލްތު ޑިޕާޓްމަންޓުން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނާ ގޮތުގައި ހިމަބިއްސަކީ ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ފެތުރޭ އެއް ބައްޔެވެ. ބަންގްލަދޭޝްގައި 2024 ވަނަ އަހަރުގެ ޖޫން މަހު ހިންގަން އޮތް ވެކްސިން ކެމްޕޭނެއް ވަނީ، އޭރު އޮތް ޝައިޚް ޙަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކާ ހެދި ލަސްވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުނުވެވުނު ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ.

https://sun.mv/222413

ހުމުގެ އިތުރުން ބިހި ނަގައި، ކެއްސުމާއި އެހެނިހެން އަލާމާތްތައް ފެންނަ ހިމަބިހި ޖައްސާ ވައިރަހަކީ ނިއުމޯނިއާ، ސިކުނޑި ދުޅަވުން ފަދަ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ޖައްސާ ވައިރަހެކެވެ. ހިމަބިއްސަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވާއިރު، މި ވައިރަސް އެންމެ ބޮޑަށް ޖެހެނީ ފަސް އަހަރުން ދަށުގެ ކުދިންނަށެވެ. ބަލިން ދިފާއުވުމަށް ދެ ޑޯޒް ވެކްސިން ދޭންޖެހެއެވެ.

ރާއްޖޭގައި ވެސް އަންނަނީ ހިމަބިހީގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންނެވެ. އެހެންވެ، ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް އެހީވާން އައިޖީއެމްއެޗްގައި ޚާއްސަ 'ހެލްޕް ޑެސްކް'އެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

ހިމަބިއްސަކީ ކުރިން ރާއްޖޭން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމުލަ ހަތް ކޭހެއް ރާއްޖޭން ވަނީ ފެނިފައެވެ. އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަވެފައެވެ.

މާރިޗު މަހުގެ 15 އިން ފެށިގެން ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރި، 500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައެވެ. ވެރިރަށް ޑާކާގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، އެކަށީގެންވާ ވަރަށް އެނދު ނެތްކަމަށް އެ ގައުމުގެ ސިއްހަތާބެހޭ އިދާރާތަކުން ހާމަކުރެއެވެ. ސިޔާސީ ހަމަނުޖެހުންތަކާ ހުރެ 2024 ވަނަ އަހަރުގެ ވެކްސިން ޕްރޮގްރާމްތައް ލަސްވުމަކީ މި ބަލި ކޮންޓްރޯލުން ނެއްޓުމުގެ މައިގަނޑު ސަބަބެވެ. މި ނުރައްކާތެރި ހާލަތާ ގުޅިގެން ރާއްޖޭގައިވެސް ވަނީ ސަމާލުކަން އިތުރުކޮށްފައެވެ. ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލީގެ 7 ކޭހެއް މި އަހަރު ފެނިފައިވާއިރު، ބަލިމީހުންނަށް އެހީވުމަށް އައިޖީއެމްއެޗްގައި ވަނީ ޚާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފައެވެ.

  • ބަންގްލަދޭޝްގައި ހިމަބިހި ޖެހިގެން 512 ކުދިން ވަނީ މަރުވެފައެވެ.
  • 18 މިލިއަން ކުދިންނަށް ވެކްސިން ދީފައިވީނަމަވެސް، ބަލި ކޮންޓްރޯލްވުމަށް މަސްތަކެއް ނަގާނެކަމަށް ލަފާކުރެވެއެވެ.
  • ކުރީގެ ސަރުކާރު ވެއްޓުމާ ގުޅިގެން އައި ހަމަނުޖެހުންތަކުގެ ސަބަބުން ވެކްސިން ކެމްޕޭނަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
  • ރާއްޖެއިން ފެނުނު 7 ކޭހާ ގުޅިގެން 74 އަށްވުރެ ގިނަ މީހުން ކޮންޓެކްޓް ޓްރޭސްކުރެވިފައިވެއެވެ.
  • ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ވެކްސިން ދިނުމުގެ ކެމްޕޭންތައް އަވަސްކޮށް ފުޅާކުރުން.
  • ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ އިތުރުކޮށް، ބަލިމީހުންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް ކަށަވަރުކުރުން.
  • ރާއްޖޭގައި ބަލި ފެތުރުން ހުއްޓުވުމަށް ކޮންޓެކްޓް ޓްރޭސިންގ ހަރުދަނާކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.
  • ހުމާއި ބިހިނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އިދާރާތަކަށް ރިޕޯޓުކުރުން.
comment ކޮމެންޓް