ދިވެހިރާއްޖެއަކީ ބަންގްލަދޭޝް ރައްޔިތުންގެ ދެވަނަ ގެ، މި ގުޅުން ބިނާވެފައިވަނީ ސަގާފަތާއި މަސައްކަތްތެރިންގެ މައްޗަށް: ސަފީރު

ބަންގްލަދޭޝް އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮތް ސަގާފީ ގުޅުމާއި، މަސައްކަތްތެރިންގެ ހިއްސާއާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްކަމުގެ މައްޗަށް ބިނާކޮށް، ދެ ގައުމުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށް ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް ވިދާޅުވެއްޖެއެވެ.

ސަން އޮންލައިންގެ "ޑިޕްލޮމެޓިކް ފޯކަސް" ޕްރޮގްރާމްގައި ހައިކޮމިޝަނަރު ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަކީ ހަމައެކަނި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވެދޭ ބައެއް ނޫން ކަމަށާއި، އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށްދޭ ފާލަމެއް ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެއްގޮތް ސަގާފަތަކާއި، ދީނަކާއި، އާއިލީ އަދި އިޖުތިމާއީ އަގުކުރުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވަމުން ޑރ. ނަޒްމުލް ވިދާޅުވީ، ރާއްޖެއަކީ ބަންގްލަދޭޝް މީހުންނަށް އެމީހުންގެ "ދެވަނަ ގެ" ފަދަ ތަނެއް ކަމަށެވެ.

އަދި ސްކޫލްތަކާއި، ސަގާފީ ހަރަކާތްތަކާއި،
ގައުމީ ދުވަހުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ދިވެހިންނާއި ބަންގްލަދޭޝް މީހުންގެ މެދުގައި ސަގާފީ ގުޅުން ބަދަހިކުރުމަށް އެމްބަސީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާއި، ފަތުރުވެރިކަމާއި އަދި ޚިދުމަތްދޭ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަކީ އިތުބާރު ހޯދާފައިވާ ބައެއްކަން ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މަސައްކަތްތެރިންނަކީ ރާއްޖޭގެ ތަރައްގީގައި ސީދާ ގޮތުން ބައިވެރިވާ ބައެއްގެ އިތުރުން، އެމީހުން ފޮނުވާ ފައިސާގެ ޒަރީއާއިން ބަންގްލަދޭޝްގެ އިގްތިސާދު ވަރުގަދަކޮށް، ދެ ގައުމުގެ ދެމެދުގައި ދިގު މުއްދަތުގެ ގުޅުމެއް ގާއިމުކޮށްދޭ ބައެކެވެ.

މަސައްކަތްތެރިން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ނަޒްމުލް ވިދާޅުވީ، ގަވާއިދާ އެއްގޮތަށް މީހުން ގެނައުމާއި، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަން ފުރިހަމަކުރުމުގެ އިތުރުން ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހަރުދަނާ ނިޒާމެއްގެ ދަށުން މިކަން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

"މި މަސައްކަތްތެރިންނަކީ ހަގީގަތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ގުޅުވައިދޭ ފާލަން،" ދެ ގައުމުގެ ގުޅުމުގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ މުހިންމުކަން ހާމަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގައެވެ. އޭގެ ފަހުން ވިޔަފާރި، ތައުލީމް، ސިއްހީ ދާއިރާ އަދި މަސައްކަތްތެރިންގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ފަހަކަށް އައިސް ސަގާފީ ބަދަލުތަކާއި، މަސްވެރިކަމާއި އަދި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ވެސް ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގައި އެންމެ ގިނައިން ބޭރުގެ މަސައްކަތްތެރިން އުޅެނީ ބަންގްލަދޭޝްއިންނެވެ. މިއީ ދެ ގައުމުގެ ގުޅުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަހާއެވެ. ހަމައެއާއެކު، ހަމައެކަނި މަސައްކަތްތެރިންނަށް ބިނާނުވެ، ތައުލީމާއި، ފަތުރުވެރިކަމާއި ސަގާފީ ދާއިރާތަކުން ވެސް މި ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް