ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ ހިފަހައްޓައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ. ހަސީނާއާ ގުޅުންހުރި މުދާތަކެއް ބަންގްލަދޭޝް ސަރުކާރުން ވަނީ ހިފަހައްޓާފައި. ފޮޓޯ/ގެޓީ

ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އާއި އޭނާގެ އާއިލާއާ ގުޅުން އޮންނަ 10 ވިޔަފާރި ގްރޫޕަކާ ގުޅުން ހުރި 760 ބިލިއަން ޓާކާ (ގާތްގަނޑަކަށް 6.2 ބިލިއަން އެމެރިކާ ޑޮލަރު) ގެ މުދާ ހިފަހައްޓާފައިވާ ކަމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ދެހާސް ސައްވީސް ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ހިންގި އާންމު ސިލްސިލާ މުޒާހަރާތަކަށްފަހު، ހަސީނާގެ ވެރިކަން ވައްޓާލުމުން އެކަމަނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ.

އޭގެފަހުން ބަންގްލަދޭޝްގެ އާ ސަރުކާރުން ދަނީ ހަސީނާގެ 15 އަހަރުވީ ހަރުކަށި ވެރިކަމުގައި ނާޖާއިޒު މަންފާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަސީނާގެ އާއިލީ ބޭފުޅުންނާއި ބޮޑެތި ވިޔަފާރިތަކުގެ މާލީ މުއާމަލާތްތައް ތަހުގީގު ކުރަމުންނެވެ.

ބަންގްލަދޭޝް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ބުނީ ހިފެހެއްޓި މުދަލުގެ ތެރެއިން 570 ބިލިއަން ޓާކާގެ މުދަލަކީ ބަންގްލަދޭޝްގައި ހުރި ތަކެއްޗެވެ. އަދި ބާކީ 190 ބިލިއަން ޓާކާ ހުރީ ބޭރު ގައުމުތަކުގައެވެ.

އެ އިދާރާގެ ވެރިޔާ އިޚްތިޔާރު މުހައްމަދު މަމްނޫން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހަސީނާ އާއި އޭނާއާ ގުޅުން ހުރި މީހުންގެ ތަހުގީގުތަކުގެ ތެރެއިން 98 މައްސަލައެއް ކަމާބެހޭ ފަރާތްތަކުން ހުޅުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަދިވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖެއިން ބޭރުން ލޯންޑްކުރި މަނީ ހޯދުމަށް.އަޅުގަނޑުމެން އުންމީދު ކުރަނީ މި އަހަރު ނިމޭއިރު ހެޔޮ ކުރިއެރުންތައް ހިއްސާ ކުރެވޭނެ ކަމަށް." މަމްނޫން ވިދާޅުވިއެވެ.

އެކަމަނާ ވެރިކަމުން ދުރުކުރި ފަހުން ހަސީނާގެ މައްޗަށް ޣައިރު ހާޒިރުގައި ގިނަ މައްސަލަތަކެއް ސާބިތުވެފައިވާއިރު، އޭގެ ތެރޭގައި ވެރިރަށް ޑާކާގެ އަގުބޮޑު ސަރަހައްދަކުން ގޯތި ބެހި މައްސަލައެއްވެސް ހިމެނެއެވެ. މީގެ އިތުރުން، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި ކޯޓުން ވަނީ ހަސީނާ މަރަން ވެސް ހުކުމް ކޮށްފައެވެ.

ދެހާސް ސައްވީސް ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އިންޑިއާގައި އުޅުއްވަމުން ގެންދަވާއިރު، ހަސީނާ ދާދިފަހުން ވަނީ މިއަހަރު ނިމޭއިރު އެނބުރި ގައުމަށް ވަޑައިގަންނަވަން ގަސްތުކުރައްވާކަން ހާމަކުރައްވާފައެވެ.

comment ކޮމެންޓް