ޓެސްލާ އާއި ސްޕޭސްއެކްސްގެ ސީއީއޯ އިލޮން މަސްކް ކުރިއަށް ގެންދިޔަ ބިމުގައި ސޯލާ ހަކަތަ އުފެއްދުމުގެ ތަޞައްވުރު ދޫކޮށްލާފައިވާކަން ދާދި ފަހުން އާންމުވި ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.
ސްޕޭސްއެކްސްއިން އާންމުކުރި އައިޕީއޯ ފައިލިންގްތަކަށް ބަލާއިރު، މަސްކް މިހާރު އިސްކަންދެނީ ޖައްވުގައި ސޯލާ ހަކަތަ އުފެއްދުމަށެވެ.
މީގެ ކުރިން މަސްކް ހުށަހެޅި "މާސްޓާ ޕްލޭން" ތަކުގައި ބިމުގައި ސޯލާ ހަކަތަ ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި އިގްތިސާދެއް ބިނާކުރުމަށް ބާރުއަޅާފައިވީ ނަމަވެސް، އޭނާގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އެކްސްއޭއައި އިން މިހާރު ދަނީ ގުދުރަތީ ގޭސް ބޭނުންކޮށްގެން އިންޖީނުތައް ހިންގަމުންނެވެ. މިއީ އޭނާގެ ކުރީގެ ތިމާވެށީގެ ސިޔާސަތާ ފުށުއަރާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ސްޕޭސްއެކްސްގެ ފައިލިންގްގައި ބަޔާންކޮށްފައިވާ ގޮތުން ޖައްވުގައި ހުންނަ ސޯލާ ޕެނަލްތަކުން ބިމަށްވުރެ ފަސް ގުނަ އިތުރަށް ހަކަތަ އުފެއްދިދާނެއެވެ. އެއީ ޖައްވުގައި 24 ގަޑިއިރު އިރުގެ އަލި ލިބެން ހުންނާތީއެވެ. މިކަމުގެ ސަބަބުން އޭއައި ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ބޮޑު ހަކަތަ ފޯރުކޮށްދިނުމަށް ޖައްވީ ސޯލާ ހަކަތަ މާ ފައިދާވާނެ ކަމަށް މަސްކް ގަބޫލުކުރެއެވެ.
މި ބަދަލު އައިސްފައިވަނީ އޭއައި ޓެކްނޮލޮޖީ ކުރިއަރަމުންދާ މިންވަރުން ބިމުގައި ހުރި ހަކަތައިގެ ވަސީލަތްތަކުން އެކަމަށް ނުކަތާނެ ކަމަށް މަސްކްއަށް ފެންނާތީއެވެ. އޭނާ ދެކޭގޮތުގައި ކުރިއަށް އޮތް ތަނުގައި އޭއައިގެ ސަބަބުން ހަކަތައަށް އޮންނަ ޑިމާންޑް އިންތިހާއަށް އިތުރުވެގެންދާނެއެވެ.
މަސްކްގެ މި ތަޞައްވުރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ޖައްވަށް މުދާ އުފުލުމުގެ ޚަރަދު ބޮޑުވުމާއި، ޖައްވުގެ ގަދަ ހޫނާއި ރޭޑިއޭޝަނުން ކޮމްޕިއުޓަރ ޗިޕްތައް ސަލާމަތްކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި ބިމުގައި ހަކަތަ އުފެއްދުމުގެ ފުރުސަތުތައް އަދިވެސް ފުރިހަމައަށް ބޭނުންކުރެވިފައެއް ނުވެއެވެ. އަދި ޖައްވީ ހުވަފެންތަކަށްވުރެ ބިމުގައި ސޯލާ ހަކަތަ ފުޅާކުރުމަކީ މާ އަމަލީ އަދި ޚަރަދު ކުޑަ ގޮތެއް ކަމަށް އެފަރާތްތަކުން ދެކެއެވެ.
މަސްކްގެ މި ނިންމުމަކީ އޭނާ މީގެ ވިހި އަހަރު ކުރިން ގެންގުޅުނު ސިޔާސަތުތަކާ ވަރަށް ބޮޑަށް ފުށުއަރާ ބަދަލެކެވެ. ޓެސްލާގެ ފުރަތަމަ "މާސްޓަރ ޕްލޭން" ގައި އޭނާ އެންމެ ބޮޑަށް ބާރުއެޅީ ދުނިޔެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މުޅި އިގްތިސާދު ސޯލާ ހަކަތައަށް ބަދަލުކުރުމަށެވެ.
މި މަގްސަދު ހާސިލުކުރުމަށްޓަކައި 2016 ވަނަ އަހަރު މަސްކް ވަނީ ސޯލާ ސިޓީ ކުންފުނި ގަނެ، ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ޖެހުމުގެ ވަރުގަދަ މަޝްރޫއެއް ފަށާފައެވެ.
މިހާރު ފެންނަމުންދާ ބަދަލަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބޭނުންވާ އާދަޔާ ހިލާފު ބޮޑު ހަކަތަ ފޯރުކޮށްދިނުމަށްޓަކައި މަސްކް ގެންގުޅޭ އާ އުކުޅެކެވެ. ބިމުގައި ހުރި ޖާގައާއި ވަސީލަތްތަކުގެ ދަތިކަމުގެ ސަބަބުން، މަސްކް މިހާރު ގަބޫލުކުރަނީ އޭނާގެ ހަކަތައިގެ ތަޞައްވުރު ހަގީގަތަކަށް ހެދޭނީ ހަމައެކަނި ޖައްވުގައި ސޯލާ ޕެނަލްތައް ބަހައްޓައިގެން ކަމަށެވެ.
މީގެ ތިން އަހަރު ކުރިން ޓެސްލާ އިން އާންމުކުރި "މާސްޓަރ ޕްލޭން ޕާޓް 3" ގައި ތެލުގެ ބޭނުން އެއްކޮށް ހުއްޓާލުމަށް ރާވާފައިވީ ނަމަވެސް، ސްޕޭސްއެކްސްގެ އާ ލިޔެކިޔުންތަކުން ފެންނަނީ މަސްކް މިހާރު ބިމުގައި ކުރާ މަސައްކަތްތަކަށްވުރެ ޖައްވީ މަޝްރޫއުތަކަށް މާ ބޮޑަށް އިސްކަންދޭ ކަމެވެ.