މާލެ އާއި ތިލަފުށްޓާ ދެމެދު ކަރަންޓުގެ ވިއުގަ ގުޅާލުމަށް އޭޑީބީއާއެކު މަޝްވަރާކޮށްފި

އޭޑީބީ އާ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ދެމެދު މަޝްވަރާކުރުން: މި މިމަޝްވަރާތަކުގައި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވި،، ފޮޓޯ/ ހަތަކަތާއި ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށާއި، މާލެ އާއި ތިލަފުށްޓާ ދެމެދު ކަރަންޓުގެ ވިއުގަ ގުޅާލުމާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާ ދެމެދު މަޝްވަރާތަކެއް ބާއްވައިފިއެވެ.

ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ރާއްޖޭގެ ހަކަތައިގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމުގެ މައްޗަށެވެ. އަދި ޚާއްޞަކޮށް މާލެ އާއި ތިލަފުށީގެ ކަރަންޓު ވިއުގަ އެއް ވިއުގައަކުން ގުޅާލުމަށް (އިންޓަކަނެކްޝަން) ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މާލެ އާއި ތިލަފުށްޓާ ދެމެދު ކަރަންޓު ވިއުގަ ގުޅާލުމުގެ މަޝްވަރާތައް ފަށާފައިވަނީ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ދަނޑިވަޅެއްގައެވެ. މި ބްރިޖަކީ މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އަޅާ ބްރިޖެކެވެ.

ބްރިޖުގެ މަސައްކަތް ނިމިގެން ދިއުމުން ގްރޭޓަ މާލެ ސަރަހައްދު ތިލަފުށްޓާ ހަމައަށް އެއްގަމު މަގުން ގުޅޭނެކަން ސަރުކާރުން ފާހަގަކުރެއެވެ. މިވަގުތުވެސް ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ، ހުޅުލެ އަދި ހުޅުމާލެ ވަނީ އެއް ކަރަންޓު ވިއުގައަކުން ގުޅާލާފައެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ގްރިޑް ކަނެކްޓިވިޓީ ވަރުގަދަކޮށް، ރައްޔިތުންނަށާއި ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި މި ބައްދަލުވުމުގައި ވަޒީރު ޢަލީ ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، އޭޑީބީގެ އެހީތެރިކަމާއެކު ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދެމެހެއްޓެނިވި އަދި ޒަމާނީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މި ބައްދަލުވުމުގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

comment ކޮމެންޓް