މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވިލުންވެރިކަން ވަޒަންކުރާ އުސޫލު ބަދަލުކުރަން ޖެހޭ: ރައީސް

ކޮޕް ސަމިޓުގައި ރައީސް ވާހަކަދައްކަވަނީ: މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވިލުންވެރިކަން ވަޒަންކުރާ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ވިލުންވެރިކަން ހާސިލުކުރެވެނީ އަދާނުކުރެވޭ ވަރުގެ ދަރަނީގެ ބުރައެއް އުފުލައިގެން ކަމުގައި ވެގެން ނުވާނެކަމަށާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ އުސޫލު އިސްލާހުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގެ އަނަތޯލިޔާގައި މިހާރު ކުރިއަށްދާ ކޮޕް-31 ސަމިޓުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ، ވިލުންވެރިކަމަކީ މާލީ ބުރައެއްގެ ގޮތުގައި ނުބަލައި، އެއީ އެންމެންގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށެވެ.

އެ ތަގުރީރުގައި އެ މަނިކުފާނު ވަނީ، މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އިސްކަން ދޭންވީ ތިން ކަމެއް ފާހަގަކުރައްވައިފައެވެ. އެއީ ފައިސާ ފޯރުކޮށްދިނުމާއި، އިސްލާހުތައް ގެނައުމާއި ފިޔަވަޅުތައް ތަންފީޒު ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ފިޔަވަޅުތަކުގެ ތަފުސީލު ދެއްވަމުން ރައީސް ވިދާޅުވީ، ތަރައްގީވެފައިވާ ގައުމުތަކުން، ވިލުންތެރިކަމަށް ކުރާ މަސައްކަތަށް ފައިސާ ފޯރުކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދަންޖެހޭ ކަމަށެވެ.

ކޮޕް ސަމިޓުގައި ރައީސް، އެހެން ގައުމުތަކުގެ ވެރިންނާއެކު -- ފޮޓޯ/ ރައީސް އޮފީސް

އެ ފައިސާއަކީ ލޯނުގެ ބަދަލުގައި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއަކަށް ވާންޖެހޭ ކަމަށާއި، ގްރީން ކްލައިމެޓް ފަންޑާއި އެޑަޕްޓޭޝަން ފަންޑުގެ އިތުރުން ލޮސް އެންޑް ޑެމޭޖް ފަންޑަށް އެކަށޭނަ މިންވަރަކަށް ވަސީލަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ، މޫސުމީ ބަދަލުތަކާ ގުޅުންހުރި މައްސަލަތަކަކީ އެފަދަ މައްސަލަތައް އުފެދުމުގައި ރާއްޖެ ފަދަ ގައުމުތަކުގެ ދައުރު ވަރަށް ކުޑަ ކަންތައްތަކެއްކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުދި ގައުމުތަކުން ދަރަނިވެރިވާން ޖެހޭނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ، ބައިނަލްއަގުވާމީ މާލީ އޮނިގަނޑުން ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަންކަން ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި، މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވިލުންވެރިކަން ވަޒަންކުރާ އުސޫލު ބަދަލުކުރުމަށް ރައީސް ގޮވާލެއްވިއެވެ.

"ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ވަޒަންކުރާ އުސޫލު އިސްލާހުކުރަންޖެހޭ. ވިލުންވެރިކަމަކީ މާލީ ބުރައެއްގެ ގޮތުގައި ނުބަލައި، އެއީ އެންމެންގެ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ." ރައީސް ވިދާޅުވިއެވެ.

ކޮޕް ސަމިޓުގައި ރައީސް، ތުރުކީގެ ރައީސާއި އދ.ގެ ސެކްރެޓަރީ ޖެނެރަލާއެކު -- ފޮޓޯ/ ރައީސް އޮފީސް

ތިންވަނަ ކަމެއްގެ ގޮތުގައި އަމަލީ ގޮތުން ފިޔަވަޅު އެޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއިން އަމާޒުތައް އަމަލަށް ބަދަލުކުރަމުންދާ ކަމަށާއި، ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ކާބޯތަކެއްޗާއި، ހަކަތައާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ވޭތުވެދިޔަ މަހު ގްރީން ކްލައިމެޓް ފަންޑުން ސީދާ އެހީ ހޯދުމަށް ރާއްޖޭގެ ފުރަތަމަ ގައުމީ އިދާރާއަށް އެކްރެޑިޓޭޝަން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހަކަތައިގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ތެލަށް ބަރޯސާވުމަކީ ތިމާވެށީގެ ގެއްލުމެއްގެ އިތުރުން އިގުތިސާދީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް، ހަކަތަ އުފައްދާ އަދި ރައްކާކުރާނެ ނިޒާމުތައް ގާއިމުކުރުމަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮޕް ސަމިޓުގައި ރައީސް ކުރެއްވި ތަގުރީރެއްގެ ތެރެއިން: ރާއްޖޭގެ ހަކަތައިގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވި -- ފޮޓޯ/ ރައީސް އޮފީސް

"ދިވެހިރާއްޖެ ބޮޑަށް ބަރޯސާވަނީ ބޭރު ގައުމުތަކުން އެތެރެކުރާ ތެލަށް. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ތެޔޮ ލިބުމަށް ކުރިމަތިވާ ހުރަސްތަކުގެ ނޭދެވޭ އަސަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފޯރާ. އެހެންކަމުން، މި ބަރޯސާވުން ކުޑަކުރުމަކީ ގައުމީ އިސްކަމެއް ދޭންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ކުދި ޖަޒީރާތަކަކަށް ބެހިފައިވާ ގައުމަކަށް ވުމުން ހަކަތައިގެ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް ބޮޑު ޚަރަދެއް ހިނގާކަން ފާހަގަކުރައްވައި، ރައީސް ވަނީ ހެޔޮ އަގުގައި ފައިނޭންސް ހަމަޖެއްސުމަށާއި، ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ކާމިޔާބީ ވަޒަންކުރަންވާނީ އިއުލާނުކުރާ އަމާޒުތަކުގެ ބޮޑުމިނުން ނޫން ކަމަށާއި، އެ އުންމީދުތައް އަމަލީ ގޮތުން ހަގީގަތަކަށް ހެދޭ މިންވަރަކަށް ބަލައިގެން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް