މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހުޅުމާލޭގެ 50 މެގަވޯޓްގެ އިންޖީނުގެ ގޭގެ އަޕްގްރޭޑަށް ފަހު، ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
މާލެއާއި ހުޅުމާލެ ހިމެނޭހެން މި ސަރަހައްދުން ކަރަންޓު ކެނޑުނީ، މިއަދު 12:00ހާއިރެވެ.
އޭގެ ގަޑިއިރެއްހާއިރު ފަހުން ސްޓެލްކޯއިން ވަނީ، ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް، ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ.
މި ކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ސްޓެލްކޯއިން ބުނީ، މި ސަރަހައްދުން ކަރަންޓު ކެނޑުނީ، ހުޅުމާލޭގެ އިންޖީނު ގޭގެ އަބްގްރޭޑަށް ފަހު ދިމާވި މައްސަލައަކާ ގުޅިގެން ޖަނަރޭޓަރުތައް ހުއްޓުމުން ކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި: ކަރަންޓު ކެނޑުނީ، އަބްގްރޭޑަށް ފަހު ޖަނަރޭޓަރުތައް ހުއްޓިގެން ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ/ ސްޓެލްކޯ
އެހެންވެ، ކަރަންޓުގެ ޚިދުމަތް ދިނުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ރޭ ވަނީ، ހުޅުމާލޭގެ އިންޖީނު ގޭގެ އަޕްގްރޭޑިން މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ކުރީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ކަމަށް އެކުންފުނިން ބުނެއެވެ.
ނަމަވެސް، މިއަދު ކުއްލިއަކަށް ކަރަންޓު ކެނޑިފައިވާތީ، އެ ކުންފުންޏަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
މީގެ ކުރިން ވެސް މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން ވަރަށް ގިނައިން ކަރަންޓު ކެނޑިފައިވެއެވެ.
އެކަމަކު، އާންމުކޮށް ކަރަންޓު ކެނޑެނީ ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންނެވެ. އެ ގެއްލުންވާ ކޭބަލް ރަނގަޅުކުރުމަށް ފަހު، މާ ގިނައިރުތަކެއް ނުވެ ސްޓެލްކޯއިން އެ ސަރަހައްދަކަށް ކަރަންޓު ދެއެވެ.
މީގެ ކުރިން މިދިޔަ އަހަރު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ގޮސްފައިވެއެވެ. އެ ގޮތުން، އެ ފަހަރު އެ މައްސަލަ ތަހުގީގުކުރަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވިއެވެ. އެކަމަކު، އެ ކަމުގެ އަދާހަމައެއް ފަހުން ނުލިބެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑެނީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ.