ވ. އަތޮޅު ދެކުނު ކަނޑު ނުވަތަ ތިންވަނަ ކަނޑުގައި އޮންނަ ކަނޑުއަޑީގެ ބޮޑު ހޮހަޅައަށް، އެކަށީގެންވާ ތަމުރީނާއި ޚާއްސަ އާލާތްތަކާ ނުލައި އެއްވެސް ބަޔަކު ނުވަނުމަށް ރެސްކިއު ޓީމުން ނެރުނު އިބްތިދާއީ ރިޕޯޓުގައި އިލްތިމާސްކޮށްފިއެވެ.
އިޓަލީވިލާތުގެ ފަސް ފަތުރުވެރިންނާއި ދިވެހި ސިފައިންގެ ޑައިވަރެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން ކުރިއަށްގެންދިޔަ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަން ނިންމާލުމަށް ފަހު، އެ އޮޕަރޭޝަން ކުރިއަށްގެންދިޔަ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ނެރުނު ބަޔާނުގައި ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި، ހޮހަޅައިގެ އެތެރޭގެ މާހައުލު އޮތް ގޮތާއި، އަދި މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތަފުސީލުތައް އާންމުކޮށްފައެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 18 އިން 21 އަށް، ޖުމުލަ ހަތަރު ދުވަހުގެ މުއްދަތަކަށެވެ. މި އޮޕަރޭޝަންގައި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތް، ޑައިވާޒް އެލާޓް ނެޓްވާކް (ޑޭން) ޔޫރަޕް، ނަކައި ރިސޯޓް އަލިމަތާ، ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް، ފޯސައިޓް ސާވޭޔާސް ޕްރައިވެޓް ލިމިޓެޑް، ފިންލޭންޑުގެ ޓެކްނިކަލް ޑައިވިން ޓީމެއްގެ އިތުރުން އިޓަލީވިލާތުގެ ޚާރިޖީ ވުޒާރާއިން ވަނީ ގުޅިގެން މަސައްކަތްކޮށްފައެވެ.
ޑޭން ޔޫރަޕްގެ ބަޔާނުގައި ވަނީ މިއީ ވަރަށް ނުރައްކާތެރި އަދި އުނދަގޫ މާހައުލެއްގައި ހިންގި އޮޕަރޭޝަނެއްކަން ފާހަގަކޮށްފައެވެ.
އޮޕަރޭޝަންގެ ފުރަތަމަ ދުވަހު ޑައިވް ޓީމުން ވަނީ ހޮހަޅައިގެ އެތެރެ ބަލައި ފާސްކޮށް، ގެއްލުނު ޑައިވަރުން ތިބި ހިސާބު ދެނެގަނެފައެވެ. އެއަށް ފަހު، ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ވަނީ ނުހަނު އުނދަގޫ އަދި ނުރައްކާތެރި ހާލަތްތަކެއްގެ ތެރޭގައި ޑައިވަރުންގެ ހަށިގަނޑުތައް ހޮހަޅައިގެ ތެރެއިން ނެރެފައެވެ. އޮޕަރޭޝަންގެ ހަތަރުވަނަ ދުވަހު، ޑައިވް ޓީމުން ވަނީ ހޮހަޅައިގެ ތެރޭގައި ހުރި ހުރިހާ އާލާތްތަކާއި ތަކެތި ނަގައި، އެ ސަރަހައްދު ސާފުކޮށްފައެވެ. އަދި، ހޮހަޅައިން ނެގި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ.
މި ހޮހަޅައިގެ އެތެރޭގެ އޮނިގަނޑު އޮންނަނީ ވަރަށް އޮޅުން ބޮޑު ގޮތަކަށެވެ. ހޮހަޅައަށް ވަންނަން އޮންނަ މައި ދޮރޯށިން ވަދެވެނީ ވަރަށް ބޮޑު ފުރަތަމަ ޗެމްބަރަށެވެ. އެ ތަނުން ފެށިގެން އެތެރެއަށް ދާން އޮންނަ ހަނި މަގަކުން ގޮސް ވަދެވެނީ އަނދިރި، އަދި ގުދުރަތީ އެއްވެސް އަލިކަމެއް ނުލިބޭ ދެވަނަ ބޮޑު ޗެމްބަރަށެވެ. މި ދެވަނަ ޗެމްބަރުގެ ފުލުގައި އޮންނަނީ ހުސް ވެއްޔެވެ.
އެހެންވެ، ޑައިވަރުންގެ ހަރަކާތްތަކުގެ ސަބަބުން ފެންގަނޑު ހަލަބޮލިވެއްޖެނަމަ، ވެލިތައް ހިއްލި، ލޮލަށް ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ އެއްކޮށް ގެއްލެއެވެ.

ރެސްކިއު ޑައިވަރުން ހޮހޮޅައިގައި: މިއީ ނުރައްކާތެރި ތަނެއް --- ފޮޓޯ/ ޑޭން ޔޫރަޕް
މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން ޑައިވް ޓީމަށް ވަނީ ދެވަނަ ޗެމްބަރުން ފެށިގެން އެހެން ދިމާއަކަށް ދާން އޮންނަ އިތުރު މަގެއް ފެނިފައެވެ. މި މަގު އޮންނަނީ ހޮހަޅައަށް ވަންނަން އައި މައި މަގުގެ އަރިމަތިންނެވެ. ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިފައިވަނީ އެ މަގުގެ ތެރެއިން، އެއް ސަރަހައްދަކުންނެވެ.
މި ހޯދުންތަކަށް ބިނާކޮށް، ރެސްކިއު ޓީމުން ލަފާކުރާ ގޮތުގައި ޑައިވަރުންނަށް ހޮހަޅައިގެ ތެރެއިން ނުކުންނާނެ މަގު އޮޅުނީއެވެ. އަދި، އެނބުރި ނުކުންނަން އުޅުމުގެ ތެރޭގައި، އަސްލު މަގުގެ ބަދަލުގައި ބެދިފައިވާ އެހެން މަގަކަށް ވަދެވުނީ ކަމަށް ބެލެވޭ ކަމަށް ރެސްކިއު ޓީމުގެ ބަޔާނުގައިވެއެވެ.
މި ހާދިސާގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންނަކީ ގައިޑް ޖިއަންލޫކާ ބެނެޑެއްޓީ، މެރިން ބަޔޮލޮޖީ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން، އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލް، އަދި ދެ ރިސާޗަރުން ކަމަށްވާ ފެޑެރީކޯ ގުއަލްޓިއޭރީއާއި މުރިއެލް އޮޑެނީނޯއެވެ.
ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ އިޓަލީގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ހޮހަޅައަށް ވަންނަ ހިސާބުގައި ފެން އެނބުރޭ ގޮތުން އުފެދިފައިވާ ވެލި ފުންޏެއް އޮވެއެވެ. އެ ތަނަށް ވަންނައިރު އެ ވެލިގަނޑު މަތިން ފަސޭހައިން ދެވުނު ނަމަވެސް، އެނބުރި ނުކުންނަން އަންނައިރު ޑައިވަރުންނަށް އެ ވެލިގަނޑު ފެންނަނީ ބަންދުވެފައިވާ ފާރެއްގެ ގޮތުގައެވެ. މީގެ ސަބަބުން އަސްލު މަގު ފޮރުވި، އޭގެ ވާތްފަރާތުން އޮތް، ފުލުން އޮމާންކޮށް އޮތް އެހެން ކޮރިޑޯއަކަށް ޑައިވަރުންނަށް ވަދެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
މަރޯނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޑައިވަރުން ބޭނުންކުރީ 12 ލީޓަރުގެ އާދައިގެ ސިލިންޑަރެވެ. އެހާ ފުންމިނެއްގައި އެވަރުގެ ސިލިންޑަރަކުން ފީނާއިރު، ދެވަނަ ކޭވްގައި ހޭދަކުރަން ލިބޭނީ ގިނަވެގެން 10 މިނެޓު ކަމަށާއި މަގުއޮޅި ހާސްވުމުގެ ތެރޭގައި ނޭވާލާ މިންވަރު އަވަސްވެ، ސިލިންޑަރުގެ ވައި ހުސްވީ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކޭވް ޑައިވިންގައި އާންމުކޮށް ބޭނުންކުރާ ސަލާމަތީ މަގުދައްކާ ވާ (އެރިއަޑްނީސް ތްރެޑް) މި ޑައިވަރުން ބޭނުންކޮށްފައި ނުވާކަން ވެސް ރެސްކިއު ޓީމަށް ވަނީ އެނގިފައެވެ.
މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް، ދިވެހި ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. މަހުދީގެ މަރު ހިނގި ގޮތް ދިވެހި ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފިންލޭންޑްގެ ޑައިވިން ރެސްކިއު ޓީމުގެ މެންބަރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓާލުންޑް، އަދި ޕެޓްރިކް ގްރޮންކްވިސްޓް ވަނީ ކްލޯޒްޑް-ސާކިޓް ރީބްރީތާ (ސީސީއާރް) އާއި ޑީޕީވީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ނުރައްކާތެރި މާހައުލުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މިއީ ނޭވާލުމަށް ފަހު ބޭރުކުރާ ވައި އަލުން ސާފުކޮށްދޭ ނިޒާމުތަކާއި ކަނޑުއަޑީގައި ދަތުރުކުރަން ބޭނުންކުރާ ޚާއްސަ އާލާތެކެވެ.
އެންމެ ފަހު ޑައިވްގައި ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަކޮށް، ހޮހަޅައިގެ ތެރޭގައި 50 މިނެޓުގެ މަސައްކަތް ފުރިހަމަކޮށްފައިވެއެވެ. މި ޑައިވްގެ މައިގަނޑު ބޭނުމަކީ މަސައްކަތް ކުރި ސަރަހައްދު ސާފުކުރުމާއި، ބޭނުންކުރި ގައިޑްލައިންތަކާއި އާލާތްތައް ނެގުމުގެ އިތުރުން ތަހުގީގަށް ބޭނުންވެދާނެ އިތުރު ތަކެތި ހުރިތޯ ބެލުމެވެ.

ރިކަވަރީ އޮޕަރޭޝަންގައި ބައިވެރިވި ޓީމް: އޮޕަރޭޝަން ވަނީ ނިންމާލާފައި -- ފޮޓޯ/ ޑޭން ޔޫރަޕް
މި ހޮހަޅައަކީ މީގެ ކުރިން ވެސް ބައެއް ތަޖުރިބާކާރުން ފީނާފައިވާ ތަނެކެވެ. އެ ގޮތުން، 2014 ވަނަ އަހަރު ރަޝިއާގެ ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ ވްލަޑިމިއާ ޓޮޗިލޯވް ވަނީ މި ހޮހަޅައަށް ފީނާފައެވެ.
އޭނާ 'ސީއެންއެން'އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، މި ހޮހަޅައަކީ ހަމައެކަނި މިފަދަ ކަންކަމަށް ޚާއްސަ ތަމްރީނާއި، އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ފަންނީ ކޭވް ޑައިވަރުންނަށް ނޫނީ ވަދެވޭނެ ތަނެއް ނޫނެވެ. މި ހޮހަޅައިގެ ދިގުމިނުގައި ގާތްގަނޑަކަށް 200 މީޓަރު ހުންނައިރު، އެތެރެއަށް ފުންވަމުންދާ ވަރަކަށް ބޭރަށް ނުކުމެވޭ ދިމާގެ އަލިކަން މުޅިން ގެއްލި، މުޅި މާހައުލު އަނދިރިގަނޑަކަށް ބަދަލުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ރާއްޖޭގެ ގަވާއިދުތައް ބުނާ ގޮތުން ފަތުރުވެރިންނަށް ފީނޭނީ އެންމެ ފުންވެގެން 30 މީޓަރަށެވެ. ނަމަވެސް، މި ހާދިސާގައި ޑައިވަރުން ވަނީ އެއަށްވުރެ ފުނަށް ގޮސްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް 'ސީއެންއެން'އަށް ވިދާޅުވި ގޮތުގައި، އެ މީހުން ހޮހަޅައަކަށް ފީނަން އުޅޭކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައެއް ނުވެއެވެ. އެކަން އެންގިނަމަ އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުނީސްކަމަށް އޭނާ ވިދާޅުވިއެވެ. ހާދިސާ ހިނގި ދުވަހު މޫސުން ވެސް ގޯހެވެ. ވައިގަދަވެ ކަނޑު ގަދަވުމުގެ ސަބަބުން ރީނދޫ ސަމާލު ވެސް އޮތީ ނެރެފައެވެ.
ޑޭން ޔޫރަޕްގް އިބްތިދާއީ ބަޔާނުގައި ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކާއި ހާލަތްތަކާ ގުޅޭގޮތުން އިތުރު ގޮތްތައް ކަނޑައެޅުމަކީ ފުލުހުންނާއި ތަހުގީގީ އިދާރާތަކުގެ ޒިންމާއެއް ކަމަށް ބުނެފައެވެ. އެެހެންވެ، މަރުވި މީހުންނާއި އެ މީހުންގެ އާއިލާތަކަށް އިހުތިރާމުކުރުމުގެ ގޮތުން، ކަށަވަރުނުވާ މައުލޫމާތާއި ލަފާކުރުންތައް އާންމުކޮށް ނުފެތުރުމަށް އާންމުންނާއި މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރެސްކިއު ޓީމުން ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ރަސްމީ ހުއްދައަކާ ނުލައި، އަދި ކޭވް ޑައިވިންއަށް ބޭނުންވާ ޚާއްސަ ތަމްރީނާއި ޓެކްނިކަލް އާލާތްތައް ނެތި މި ހޮހަޅައިގެ ތެރެއަށް ނުވަނުމަށް ހަރުކަށިކޮށް އަންގާފައެވެ. ހޮހަޅަތަކަށް ފީނުމަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި ކަމެއް ކަމަށާއި އެފަދަ ތަންތަނަށް ދާންވާނީ ހަމައެކަނި މަތީ ފެންވަރުގެ ތަމްރީނު ލިބިފައިވާ އަދި އެކަށީގެންވާ އާލާތްތައް ހުރި ޑައިވަރުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.